ކޮންމެ ހާލެއްގައި ވެސް މި ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ ޑިމޮކްރަސީން ކަށަވަރުކޮށްދޭ ހައްގުތައް ލިބިދިނުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މި އަހަރުގެ ބައިނަލްއަގްވާމީ ޑިމޮކްރެސީ ދުވަހުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ. އެމަނިކުފާނު ވިދާޅުވީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އެންމެހައި އަސާސީ ހައްގުތަކަށް މި ސަރުކާރުން އަބަދުވެސް އިޙްތިރާމްކޮށް، އެ ހައްގުތައް ލިބިދެވޭކަންވެސް ކަށަވަރުކުރާނެކަމަށެވެ. ވަކިން ހާއްސަކޮށް ދައުލަތުގެ ކަންކަމާ މެދު ބަސްބުނެ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރުގެ އެންމެހައި ކަންކަން ދެފުށް ފެންނާނެހެން ހާމަކުރުމާއި، މައުލޫމާތު އާންމުކުރުމަކީވެސް، ޑިމޮކްރެސީގެ ހަމަތައް ނެގެހެއްޓުމުގައި މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދުވަހުގެ މަގްސަދާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި ޑިމޮކްރެސީ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު މަގްސަދަކީ، ގައުމުތަކުގައި ޑިމޮކްރެސީގެ ހަމަތަކާ އެއްގޮތަށް، ދައުލަތް ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އޮތްކަމާއި އޮތް މިންވަރު ކަށަވަރު ކުރުންކަމަށެވެ. އަދޮ ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން، ރައްޔިތުންގެ އަސާސީ ހައްގުތައް ފުރިހަމައަށް ހިމާޔަތްކުރެވި، ހައްގުތައް ފުރިހަމައަށް ލިބިދޭކަން ކަށަވަރުކުރުމާއި، ރައްޔިތުންގެ ރުހުމާއި ބައިވެރިވުމާއެކު، ރައްޔިތުން އެދޭ ގޮތަށް ދައުލަތް ހިންގާނެ ބަޔަކު ކަނޑައެޅުމުގެ ހައްގު ލިބިދިނުމަކީވެސް ޑިމޮކްރަސީ ދުވަހެއް ފާހަގަކުރުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ ހިތާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޑިމޮކްރަސީގެ އެންމެ ވަރުގަދަ އަސާސަކީ، ދައުލަތް ހިންގާނެ ބަޔަކު ކަނޑައެޅުމުގައި ބައިވެރިވުމުގެ ފުރުސަތު މިނިވަންކަމާއެކު ހުޅުވައިލެވިފައި އޮތުމާއެކު، ރައްޔިތުންގެ ބައިވެރިވުން އޮވެގެން ދައުލަތުގެ ވެރިން ކަނޑައެޅުން ކަމުގައި ވިދާޅުވެފައެވެ. އަދި އެއީ އެ ގައުމެއްގެ ދުސްތޫރީ އޮނިގަނޑުގައި ކަނޑައެޅިފައި އޮންނަ މުއްދަތުތަކުގައި، އިންތިހާބުތައް ބާއްވައިގެން ދައުލަތުގެ އިންތިހާބީ މަގާމުތަކުގެ ދައުރު ބަދަލުކުރަމުން ގެންދިއުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިންނަކީ ޒަމާނީ ޑިމޮކްރަސީއަށް ފައްކާވަމުން ހޭނެމުން އަންނަބައެއް ކަމަށް ވިދާޅުވެފައެވެ. ހަމަ އެއާއެކު ރައްޔިތުންގެ ބާރާއި ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތަކާއި، ރައްޔިތުންގެ ކޮނޑުގައި އެޅިފައިވާ ވާޖިބުތަކާއި ޒިންމާތަކަށްވެސް އަހުލުވެރިވަމުން އަންނަ ބައެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދައުލަތް ހިންގުމުގެ ދާއިރާއިން ބަސްބުނުމަށް ލިބިފައިވާ ހައްގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށްޓަކައި، ރާއްޖޭގައި ގާއިމުވެފައި އޮތް ޑިމޮކްރެސީގެ ހަރުދަނާ އުސޫލުތަކާއި ހަމަތައް، އެގޮތުގައި ނަގަހައްޓައި ދެމެހެއްޓުމުގައި، ދިވެހި ރައްޔިތުން ސާބިތުވެތިބޭނެކަން އެމަނިކުފާނަށް ޔަގީންވާކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!