ހުޅުމާލެ ޖަލުން ރޭ މަރުވި ގައިދީ މުހައްމަދު އަސްލަމް 40، މަރުވި ވަކި ސަބަބެއް ދެނެގަނެވިފައިނުވާ ކަމަށް އޭނާގެ މަރުގެ ސެޓްފިކެޓާ ހަވާލާދީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.
އަސްލަމްގެ މަރުގެ މައްސަލަ ހޫނުވެ އާއިލާއިން ކަރެކްޝަނަށް ތުހުމަތުތަކެއް ކުރަމުންދާއިރު، ހޯމް މިނިސްޓްރީން ވަނީ އޭނާ މަރުވި އިރު ކަން ހިނގައިދިޔަ ގޮތް އެނގޭ ޓައިމްލައިނެއް އާންމުކޮށްފައެވެ. އޭގައި ފެންނަ ގޮތުން އަސްލަމް މޭޒެއްގެ މަތީގައި އިންދާ އަނބުރައިގަނެގެން ވެއްޓުނީ 17:59ގައެވެ. އެ މަންޒަރު ސީސީޓީވީން ފެންނަ ކަމަށް ބުނެފައިވެއެވެ.
ވަގުތުން އޭނާ އަށް ސިޕީއާރް ދީފައިވާ ކަމަށާއި 8 މިނެޓު ތެރޭގައި ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރުން އޭނާ އަށް ފަރުވާދީފައިވާ ކަމަށް ބުންޏެވެ. އައި 18:55ގައި ގައިދީ ނިޔާވެފައިވާ ކަމަށް ހޯމް މިނިސްޓްރީން އާންމުކުރި ޓައިމްލައިންގައި ބުނާއިރު، ކަރެކްޝަނުން ބުނީ އޭނާ މަރުވެފައިވާ ކަން ޑޮކްޓަރުން ކަރެކްޝަނަށް އެންގީ އެރޭ 8:23 ހާއިރު ކަމަށެވެ.
އެ ޓައިމްލައިންގައިވާގޮތުން 18:30ން ފެށިގެން ކަރެކްޝަން އޮފިސަރުން ވަނީ އާއިލާ އާ ކޮންޓެކްޓްކުރަން މަސައްކަތްކޮށްފައެވެ. އަދި އާއިލާ އަށް ގުޅުނީ 18:42ގައި ކަމަށް ބުނި އިރު އާއިލާއިން ވަނީ މިކަން ދޮގުކޮށްފައެވެ. އާއިލާއިން ބުނިގޮތުގައި އެކަން އެނގުނީ ޖަލުން ގައިދީއަކު ގުޅައިގެންނެވެ.
މި މައްސަލާގައި އަސްލަމް އަށް އަނިޔާކޮށްފައިވާ ކަމަށް އާއިލާއިން ތުހުމަތުކޮށްފައިވާއިރު، ކަރެކްޝަނުން ބުނީ އޭނާގެ ބޮލުގެ ފުށްކިބައިން ހަން މަށައިގެން ގޮސް ބެންޑޭޖު އަޅާފައިވަނީ ވެއްޓުނު އިރު ލިބުނު އަނިޔާއެއްގެ ސަބަބުން ކަމަށެވެ.
އަސްލަމްއަކީ ސިއްހީ ބޮޑު ބައްޔަކަށް ފަރުވާކުރަމުންދިޔަ މީހެއް ނޫންކަން ކަރެކްޝަންސް އަދި އާއިލާއިންވެސް ވަނީ ޔަގީންކޮށްދީފަ އެވެ. އެ ހާދިސާ އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް، ފުލުހުން އަދި ހިއުމަން ރައިޓްސް ކޮމިޝަންއަށް އެންގި އެވެ.
އަސްލަމްގެ މަރު އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސަސްއިން ދަނީ ތަހުގީގުކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!