ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއެއް ކުއްލި ގޮތަކަށް ނިޔާވި މައްސަލަ ތަހުގީގުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލިސްއަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
އިދިކޮޅުގެ ކޯލިޝަންގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ ތަޅުމުން ބަލައިގަތީ 24 މެމްބަރުންގެ ވޯޓާއެކު އެވެ. ނުފެންނަ ކަަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ. ނަމަވެސް ވަކިގޮތަކަށް ވޯޓު ނުދެއްވާ 5 މެންބަރަކު ތިއްބެވިއެވެ.
ހުޅުމާލޭ ޖަލުގައި 3 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ގދ.ވާދޫ ޖަނަވަރީގެ ޢުމުރުން 40 އަހަރުގެ މުޙައްމަދު އަސްލަމް ރޭ ވަނީ ކުއްލި ގޮތަކަށް ނިޔާވެފައެވެ. އޭނާ ނިޔާވުމާއި ގުޅިގެން ކަރެކްޝަނަލް ސަރވިސް ރޭ ވިދާޅުވެފައިވަނީ، އޭނާ ރޭ ގާތްގަނޑަކަށް 6:00 އެހާ އިރު ޔާޑު ސަރަހައްދުގައި އިށީދެގެން އިންދާ ކުއްލިއަކަށް ވެއްޓުމާ ގުޅިގެން އެމަޖެންސީ ހާލަތުގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި ހޮސްޕިޓަލުން ބެލުމަށްފަހު އޭނާ ރޭ 20:23 ގައި ނިޔާވެފައިވާ ކަމަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ކަރެކްޝަނަލް ސަރވިސް އިން ވިދާޅުވެފައިވެއެވެ.
ކުރީ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި އާދަމް ޝަރީފް އެކަމާއިގުޅިގެން މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވިދާޅުވެފައި ވަނީ އެ މައްސަލައަކީ، ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު ކުއްލި ގޮތަކަށް ނިޔާވި މައްސަލައިގައި ކަމާބެހޭ ފަރާތްތަކުން އިހުމާލުވެފައިވާ ކަމަށް ޢާއިލާއިން ކުރާ ތުހުމަތު ތަޙްޤީޤުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ހުށައަޅާ ކުއްލި މައްސަލައެއް ކަމަށެވެ.
އެ މައްސަލަ ހުށަހެޅުއްވި ސަބަބުތަކުގެ ގޮތުގައި އެ މައްސަލާގައި ބުނެފައި ވަނީ، މުޙައްމަދު އަސްލަމްގެ މަރުގެ މައްސަލަ ޢާއިލާއަށް ނާންގާ ސިއްރު ކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށް ޢާއިން ބުނަމުންދާތީއާއި، ހުޅުމާލޭ ޖަލުގައި އޭނާ ހުއްޓާ ބަލިވެގެން ހުޅުމާލޭ ހޮސްޕިޓަލަށް އިއްޔެ ހަވީރު 5:30 ހާއިރު ގެންދެވިފައިވާ ކަމަށާއި ނަމަވެސް ޢާއިލާއަށް މިކަމުގެ މަޢުލޫމާތު ލިބިފައިވަނީ މުޙައްމަދު އަސްލަމް ނިޔާވެއްޖެ ކަމަށްބުނެ އެހެން ފަރާތަކުން ގުޅާފައި ދިން މަޢުލޫމާތަކުން އިރުއޮއްސި ހަތެއްޖެހިފަހުން ކަމަށެވެ.
މީގެއިތުރުން މިމަޢުލޫމާތު ލިބިގެން ޢާއިލާގެ ފަރާތުން ހުޅުމާލޭ ހޮސްޕިޓަލަށްގޮސް އެތަނުގައިތިބި ކަރެކްޝަންސްގެ އޮފިޝަލުންނާ ސުވާލުކުރުމުން އަސްލަމްއަށް ފަރުވާ ދެމުންދާކަމަށް ބުނެފައިވާ ކަމަށާއި، އޭގެ ފަހުން އެތައް އިރެއްވީއިރުވެސް އެއްވެސް މަޢުލޫމާތެއް ނުލިބިގެން ގަދަކަމުން ހޮސްޕިޓަލްގައި މުޙައްމަދު އަސްލަމް ބާއްވާފައި އޮތް ކޮޓަރިއަށް ޢާއިލާގެ ފަރާތުން ވަތް އިރު އޭނާ މަރުވެގެން އެތައް އިރެއް ވެފައިވާކަމަށް
ޢާއިލާއަށް އެނގިފައިވާ ކަމަށް އެ މައްސަލާގައި ބުނެފަވެއެވެ.
ގައިދީއަކަށް ސިއްޙީ ކުއްލި މައްސަލައެއް ކުރިމަތިވެއްޖެނަމަ ގުޅަންޖެހޭ އިމަރޖެންސީ ނަމްބަރެއް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހިއްސާ ކުރެވިފައިވާއިރު މިފަދަ ޙާދިސާއެއް ހިނގާ އިންސާނެއްގެ ފުރާނަ ނެތިގެން ދިޔައިރު އެ ފަރާތަށްވެސް އަންގާފައިނުވާތީއާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މިފަދަ ކަންކަމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކާއި ޚިލާފަށް ކަންކަން ކޮށްފައިވާތީ، މުޙައްމަދު އަސްލަމް ނިޔާވި މައްސަލައިގެ މިނިވަން ތަޙްޤީޤެއް ހިންގަވާ ދެއްވާ، މިކަމުގައި އިހުމާލުވެފައިވާ ފަރާތްތަކަށް ފިޔަވަޅު އަޅުއްވާ ދެއްވުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައި އެ މައްސަލަ ހުށަހަޅާކަމަށް އާދަމް ޝަރީފްގެ މައްސަލާގައި ވިދާޅުވެފަވެއެވެ.
ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއެއް ކުއްލި ގޮތަކަށް ނިޔާވި މައްސަލަ ތަހުގީގުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލިސްއަށް ކުއްލި މައްސަލައެއް ހުށަހަޅާފައިވާއިރު، ރޭ ނިޔާވި މުޙައްމަދު އަސްލަމަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޛުކުރަމުންދިޔަ ފަރާތެއްކަމަށާއި ނިޔާވިއިރު އޭނާއަކީ ބޮޑު ބައްޔަކަށް ބޭސްފަރުވާ ކުރަމުންދިޔަ ފަރާތެއް ނޫންކަމަށް ކަރެކްޝަނަލް ސަރވިސްއިން ރޭ ވަނީ ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!