އިންތިގާލީ އިންސާފުގެ މައްސަލަތައް ހުށަހެޅުމުގެ މުއްދަތު މިރޭގެ ނިޔަލަށް އިތުރު ކޮށްފި އެވެ.
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް (އޯ.ޓީ.ޖޭ) މައްސަލަ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވަނީ ޖޫން މަހުގެ 13 ވަނަ ދުވަހު އެވެ.
އެ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ، ނިޒާމީ ސިފައެއްގައި ރާވައިގެން، ދިވެހި ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ދަޢުލަތުގެ މުއައްސަސާތަކުންނާއި މުއައްސަސާތަކުގެ އިސް ހިންގުންތެރިން ހިންގާފައިވާ ޢަމަލުތަކާ ގުޅޭ މައްސަލަތައް ހުށަހެޅުމަށް އޯ.ޓީ.ޖޭ އިން ހުޅުވާލި މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނެކަމަށެވެ.
"އަދިވެސް ގިނަ އަދަދެއްގެ މައްސަލަތަކެއް ހުށަހެޅެމުންދާތީ، ވީހާވެސް ގިނަ ޢާންމުންނަށް މައްސަލަތައް ހުށަހެޅުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން މިރޭ 12:00 އާ ހަމައަށް އޮފީހުގެ ރިސެޕްޝަނަށް މައްސަލަ ހުށަހެޅޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ނިންމައިފަ"
އެ ނޫސްބަޔާނުގައި ވެއެވެ.
އެއޮފީހުން އިތުރަށް ވިދާޅުވެފައިވަނީ، އެއްވެސް ފަރާތަކުން އެ އޮފީހަށް މައްސަލައެއް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، މިރޭގެ ނިޔަލަށް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ އީމެއިލް މެދުވެރިކޮށް complaints@otj.gov.mv އަށް މައްސަލަތައް ހުށަހެޅުއްވުމަށް އިލްތިމާސްކުރާކަމަށެވެ.
އޯ.ޓީ.ޖޭގެ މަސައްކަތްތަކަށް އެންމެހައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލެއްވުން ފާހަކޮށް ޝުކުރު ދަންނަވާފައިވެއެވެ.
އިންތިގާލީ އިންސާފުގެ ގާނޫނު ބުނާ ގޮތުން 1953 ން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމައަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ވެރިއެއްގެ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު މައްސަލަތައް ހުށަހެޅޭނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!