ދައުލަތުގެ ޓެކްސް އިދާރާ، މީރާ މެދުވެރިކޮށް މިދިޔަ މަހު ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު ދަށްވެއްޖެއެވެ.

މީރާއިން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މިދިޔަ މަހު ދައުލަތަށް ލިބުނީ 1.27 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާ ބަލާއިރު 25.4 އިންސައްތައިގެ ދަށްވުމެކެވެ. އަދި މިއީ މިދިޔަ މަހު ލިބޭނެ ކަމަށް ލަފާކުރި އަދަދަށްވުރެ ތިން އިންސައްތަ ދަށް އަދަދެކެވެ.

Ad
rt

މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު މިދިޔަ މަހު ލިބުނު އާމްދަނީ ދަށްވީ ކޮވިޑް-19ގެ ސަބަބުން ރިސޯޓު ކުލީގެ މުއްދަތު ލަސްކުރުމުން މިދިޔަ އަހަރުގެ އޮގަސްޓު މަހު އެ ފީ ލިބުމުން ކަމަށް މީރާއިން ބުންޏެވެ. މިދިޔަ މަހު ރިސޯޓު ފީ މީރާއަށް ނުލިބެއެވެ.

މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި 685.4 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މީގެ އިތުރުން އިންކަމް ޓެކްސްގެ ގޮތުގައި 305.27 މިލިއަން ރުފިޔާ ލިބިފައިވާއިރު ގްރީން ޓެކްސްގެ ގޮތުގައި 75.62 އަދި ވޯކް ޕާމިޓް ފީގެ ގޮތުގައި 40.18 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މިދިޔަ މަހު މީރާއިން ބަލައިގަތް އާމްދަނީގެ ތެރޭގައި 36.92 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.