ޗައިނާގެ ބެއިޖީންގެ ފޮރިން ސްޓަޑީޒް ޔުނިވާސިޓީ (ބީއެފްއެސްޔޫ) ގައި ދިވެހި ބަހުގެ ކޯހެއް ކިޔަވައި ދޭން ފަށައިފި އެވެ.

މިއީ އެހެން ގައުމެއްގެ ޔުނިވާސިޓީއެއްގައި ދިވެހި ބަހުގެ ކޯހެއް ރަސްމީކޮށް ހިންގާ ފުރަތަމަ ފަހަރެވެ.

Ad
rt

ދިވެހި ކޯސް ފެށުމުގެ ގޮތުން ބީއެފްއެސްޔޫގައި އިއްޔެ ބޭއްވި ހަފުލާއެއްގައި އެ ޔުނިވާސިޓީގެ އިސް ބޭފުޅުންނާއި ޗައިނާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.

އެގޮތުން އެ ހަފްލާގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ޗައިނާގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރު ސޮބާހު ރަޝީދު ވިދާޅުވީ، މިކަމުން ރާއްޖެއާއި ޗައިނާ އާ ދެމެދު އޮންނަ ގާތް ގުޅުން ދޭހަކޮށްދޭ ކަމަށެވެ.

އަދި މިއީ ތާރީހުގައި ވެސް ބައިނަލްއަގްވާމީ ޔުނިވާސިޓީއެއްގައި ދިވެހި ބަސް ކިޔަވައި ދޭ ފުރަތަމަ ފަހަރު ކަން ވެސް ފާހަގަކުރެއްވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެފްއެސްޔޫގެ ސްޓޭންޑިން ކޮމިޓީގެ މެންބަރު ޒައު ގެންގް ވިދާޅުވީ، ދިވެހި ބަހަކީ ރާއްޖޭގެ ދިގު ތާރީހާއި ސަގާފަތާ ގުޅިފައި އޮންނަ ބަހެއް ކަމަށާއި އެ ކޯހުގެ ސަބަބުން ޗައިނާގެ ޒުވާން ޖީލަށް ދިވެހި ތާރީހާއި ސަގާފަތް ދަސްވާނެ ކަމަށެވެ.