ތައުލީމީ ދާއިރާގެ ވަޞީލަތްތައް ތަރައްޤީ ކުރުމުގެ އިތުރުން ތަޢުލީމީ ދާއިރާގައި މީހުންބިނާ ކުރުމަށް ވެސް ޚާއްޞަ އިސްކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ށ. އަތޮޅާއި ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ވަނީ ރ. ވާދޫ އަށް ވަޑައިގެންފައެވެ. އަދި މި ދަތުރުފުގައި މެޑަމް ފަޒްނާ ވަނީ ވާދޫ ސްކޫލަށް ޒިޔާރާތްކުރައްވާ ސްކޫލްގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.

Ad
rt

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ވަޞީލަތްތައް ތަރައްޤީ ކުރުމުގެ އިތުރުން ތަޢުލީމީ ދާއިރާގައި މީހުންބިނާ ކުރުމަށް ވެސް ޚާއްޞަ އިސްކަމެއް ދެއްވުމަށް އެކަމަނާ އެދިވަޑައިގެންނެވި ކަމަށެވެ އެގޮތުން މަތީ ތަޢުލީމުގެ ފުރުޞަތުތަކާގުޅޭގޮތުން ފުޅާ ދާއިރާއެއްގައި އެކަމަނާ ވާހަކަދެއްކެވި ކަމަށް ބުންޏެވެ. އަދި ކުދިން ކެރިއަރ ގައިޑަންސްއާ ގުޅޭގޮތުން ހޭލުންތެރިކުރުވުމަށާއި ޓީޗަރުންގެ ޤާބިލުކަން އިތުރުކުރުމާގުޅޭގޮތުން ވާހަކަފުޅުދައްކަވާފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

ބައްދަލުކުރެއްވުމުގައި ސްކޫލްގެ އިސްވެރިން ވަނީ ސްކޫލަށް ބޭނުންވާ އެކި ކަންތަކާއި ގުޅޭގޮތުންނާއި، ދިމާވާ ދަތިތަކާއި ސްކޫލް ހިންގުމުގައި ގެންގުޅުއްވާ އުޞޫލުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ށ. އަތޮޅާއި، ރ އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅު ފެއްޓެވީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ށ. ފުނަދޫ އަށެވެ. ށ. އަތޮޅުން ޅައިމަގު، ފޯކައިދޫ އަދި މާއުނގޫދޫ އަށް ވަޑައިގެންފައިވާއިރު، ރ. ވާދޫ އަށް ފަހު ދެން ވަޑައިގަންނަވަން ހަމަޖެހިފައިވަނީ އަލިފުށި، ރަސްގެތީމު އަދި އަނގޮޅިތީމަށެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ރަށްތަކުގެ ކައުންސިލާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާ ރަށުގެ ތަރައްގީއަށް ކުރިއަށްގެންދާ މަޝްރޫތައް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރެޔެވެ.