ވޯލްޑްކަޕް ޔޫރަޕްގެ ކޮލިފައިންގައި ފްރާންސާއި ޔުކްރެއިން ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ ގްރޫޕް ޑީގައި ފްރާންސާއި ޔުކްރެއިން ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ޔުކްރެއިނުންނެވެ. މި ލަނޑު ފުރަތަމަ ހާފު ނިމެން އެންމެ މިނެޓަކަށް ވެފައި ވަނިކޮށް ގޯލާއި ވިހިޔާޑް ދުރުފޮނުވާލި ހަމަލާއަކުން ކާމިޔާބު ކޮށްދީފައި ވަނީ ޝަޕަރެންކޯއެވެ.
މެޗުގައި ފްރާންސަށް ނަތީޖާ ހަމަހަމަ ކޮށްދީފައި ވަނީ 50 ވަނަ މިނެޓުގައި މާޝިއަލްއެވެ. މިއީ 2016 ވަނަ އަހަރަށް ފަހު މާޝިއަލް ޤަމީ ޓީމަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ. މެޗުން މޮޅުވުމަށް އެންމެ ރަނގަޅު ފުރުޞަތެއް ލިބިފައި ވަނީ ފްރާންސްގެ މޫސާ ޑިއަބީއަށެވެ. އޭނާ ފޮނުވާލި ހަމަލާ އަމާޒުވެފައި ވަނީ ގޯލުގެ ދަނޑިޔަށެވެ.
މި ގްރޫޕުގައި ހޮނިހިރު ދުވަހުގެ ރޭ ފިންލޭންޑާއި ކަޒަކިސްތާން ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ފިންލޭންޑެވެ.
މި ގްރޫޕްގައި ކުޅުނު ފަސް މެޗުން ލިބުނު 9 ޕޮއިންޓާއިއެކު އެއްވަނާގައި އޮތީ ފްރާންސެވެ. ދެވަނާގައި ކުޅުނު ތިން މެޗުން ލިބުނު ފަސް ޕޮއިންޓާއިއެކު އޮތީ ފިންލޭންޑެވެ. ތިންވަނާގައި ޔުކްރެއިން އޮތީ ފަސް މެޗުން ފަސް ޕޮއިންޓް ހޯދައިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!