ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 18 އަހަރުން މަތީގެ މީހުންގެ ތެރެއިން 85 އިންސައްތަ މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަކޮށްފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ސަރުކާރުން މިހެން ބުނެފައިވާއިރު، މި މަހުގެ ނިޔަލަށް ވެކްސިން ޖަހަން ޖެހޭ އާބާދީގެ 90 އިންސައްތަ ވެކްސިން ޖެހުމަށް ސަރުކާރުން އަމާޒެއް ކަނޑައެޅިއެވެ.
އަދި އެ އަމާޒަށް ވާސިލްވުމަށް ސަރުކާރުގެ ބައެއް ހިދުމަތްތައް ހޯދުމާއި މަސައްކަތަށް ނިކުތުމުގައި ވެސް ފިޔަވަޅުތަކެއް އެޅިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ 18 އަހަރުން މަތީގެ އާބާދީގެ 85 އިންސައްތަ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށެވެ. އަދި 12 އަހަރުން މަތީގެ އާބާދީގެ 84 އިންސައްތަ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށެވެ.
އަދި 18 އަހަރުން މަތީގެ އާބާދީގެ މިހާރު ވެކްސިން ނުޖަހަނީ 30،000އެއްހާ މީހުން ކަން ފާހަގަކުރައްވާ ވިދާޅުވީ ސަރުކާރުގެ އަމާޒަށް ވާސިލް ނުވިނަމަވެސް އަދިވެސް ވެކްސިން ޖެހުން އަވަސްކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ކޮވިޑް ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އާބާދީގެ 383،089 މީހަކު މިހާތަނަށް ފުރިހަމަކޮށްފައި ވަނީ ފުރަތަމަ ޑޯޒެވެ. އެއީ 84 ޕަސެންޓް މީހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!