ކުރީގެ ރައީސް އަބްދު ﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމާ ގުޅިގެން ލީކުވެފައިވަނީ ސައްހަ އޯޑިއޯއެއް ނޫން ކަމަށް ފަނޑިޔާރުންނާ ހަވާލާދީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފިއެވެ.
ރައީސް ޔާމީން އަށް ހުކުމް އިއްވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ރިޔާސަތު ބެލެހެއްޓެވި، ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރު އަލީ ރަޝީދާއި ގާޒީ ހުސައިން ފާއިޒު ރަޝާދާއި ކްރިމިނަލް ކޯޓުގެ މިހާރުގެ އިސް ގާޒީ އަހުމަދު ޝަކީލާއި ގާޒީ އަލީ އާދަމާއި ޑްރަގް ކޯޓުގައި މިހާރު ހުންނެވި ގާޒީ މުހައްމަދު ސަމީރެވެ. އޭގެ ތެރެއިން ލީކުވެފައިވަނީ ފަނޑިޔާރު ފާއިޒާއި ފަނޑިޔާރު އަލީ އާދަމްގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަމީރު ކަމަށް ބެލެވޭ ބަޔަކު ޔާމީންގެ ޝަރީއަތާ ބެހޭގޮތުން ވާހަކަ ދައްކަވާ އޯޑިއޯތަކެކެވެ.
އެ އޯޑިއޯގައި ވަނީ ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވީ ސަރުކާރުގެ ނުފޫޒުން ފަނޑިޔާރުންގެ ބެންޗު ރަހީނުކޮށްގެން ކަމަށް ވިދާޅުވެފައެވެ. އަދި ރަހީނު ކުރެވޭނެ ބައިވަރު ގޮތް ގޮތް ހުންނާނެ ކަމަށާއި، އެކަންކަމާ ގުޅޭ ތަފްސީލްތައް 2023 ގައި އާންމުކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އެކަމާ ގުޅިގެން ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައާ ގުޅިގެން ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ހުސައިން ފާއިޒު ރަޝާދު އާއި އެ ކޯޓުގެ ފަނޑިޔާރުޢަލީ އާދަމް އާއި ޑްރަގް ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަމީރުގެ ފަރާތުން މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތް މިއަދު ކޮށްފައިވާ ކަމަށެވެ. އަދި ތިން ފަނޑިޔާރުން ވެސް އެއީ ސައްހަ އޯޑިއޯއެއް ނޫން ކަމަށާއި، އެފަދަ ވާހަކައެއް ނުދައްކަވާ ކަމަށް ފަނޑިޔާރުންނާ ހަވާލާދީ ޖޭއެސްސީން ބުނެފައިވެއެވެ.
މީގެ އިތުރަށް ފަނޑިޔާރުޢަލީ ރަޝީދު ޙުސައިން އާއި ފަނޑިޔާރު އަޙްމަދު ޝަކީލު އާ ސުވާލުކޮށްފައިވާ ކަމަށާއި، އެ އޯޑިއޯގައިކުރާ ތުހުމަތަށް ދެ ފަނޑިޔާރުން ވެސް އިންކާރުކުރި ކަމަށް ބަޔާނުގައިވެއެވެ.
އެ ކޮމިޝަނުން ބުނީ އެ މައްސަލަ އިތުރަށް ބެލުމަށް، ދައުރުވަމުންދާ އޯޑިއޯގެ އެނަލަސިސް ހަދަން ކަމާ ބެހޭ އިދާރާތަކުގައި އެދިފައިވާ ކަމަށާއި، އެނަލަސިސްގައި ބޭނުންކުރަން އެ އޯޑިއޯގައި ބުނާ ފަނޑިޔާރުންގެ އޯޑިއޯ ދިނުމަށް ރުހުން ދީފައިވާ ކަމަށް ވެސް ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!