މާފުށީ ޖަލަށް ވެއްދުން މަނާ ތަކެތި އެތެރެކުރަން އެޅެނުކޮށް އެތަކެއްޗާއި އެކު މީހަކު އަތުލައިގެންފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.
އެކަމާ ގުޅިގެން އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެތަކެތި އަތުލައިގަތީ ރޭގެ ވަގުތެއްގައި ލޯންޗެއްގައި އައިސް މާފުށީޖަލަށް ގިނައަދަދެއްގެ މަނާތަކެތި ވައްދަން އުޅޭ ކަމަށް ލިބުނު މައުލޫމަތަކާއި ގުޅިގެން ފުލުހުންނާއި، ކަރެކްޝަންސްގެ އޮފިސަރުން ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ.
ރޭގެ ވަގުތެއްގައި ލޯންޗެއްގައި އައިސް މާފުށީޖަލަށް ގިނައަދަދެއްގެ މަނާތަކެތި ވައްދަން އުޅޭ ކަމަށް ލިބުނު މައުލޫމަތަކާއި ގުޅިގެން، ދިވެހި ފުލުހުންގެ ހިދުމަތާއި މާފުށި ޖަލުގެ އޮފިސަރުން ގުޅިގެން ހިންގި އޮޕަރޭޝަންގައި ވަނީ ގިނަ އަދަދެއްގެ މަނާތަކެތި އަތުލައި ގަނެވިފަ. pic.twitter.com/aDviP2xEKZ
— Ahmed Mohamed (@ahumadhumohamed) August 30, 2021
ފުލުހުން ވިދާޅުވީ، އަތުލައިގަތް ތަކެތީގެ ތެރޭގައި 97 މޯބައިލް ފޯނާއި، 109 ޗާޖަރާއި، 77 ޔޫއެސްބީ ކެބަލްއާއި، 65 ހެޑްސެޓާއި، ރައުޓަރެއްގެ އިތުރުން 61 ސިމްކާޑާއި، ދެ ކަޓަރު ތިލަބޮނޑިއާއި އެހެނިހެން ބައެއް ތަކެތި ފެނިފައިވާ ކަމަށެވެ.
އެ ތަކެއްޗާއި އެކު 37 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށާއި، މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.
މީގެކުރީން ވެސް އެކިފަހަރު މަތިން މާފުށީ ޖަލަށް ވަގަށް ވައްދަން އުޅުނު ތަކެތި އަތުލާފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!