ފްރާންސް ލީގުގެ ގަދަބާރެއް ކަމުގައިވާ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ލައިނަލް މެސީ ކުޅެދިން ފުރަތަމަ މެޗުން އެ ޓީމް މޮޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި ޕީއެސްޖީ ބައްދަލު ކޮށްފައިވަނީ ރެއިމްސްއާއެވެ. ޕީއެސްޖީން މި މެޗު ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

Ad
rt

މި މެޗުގައި ޕީއެސްޖީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެ ޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު 15 ވަނަ މިނެޓުގައި ޑިމާރިއާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އެމްބާޕޭއެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައި ވަނީ މި ނަތީޖާއިންނެވެ.

މެޗުގައި އެ ޓީމުން ކާމިޔާބުކުރި ދެވަނަ ލަނޑު 63 ވަނަ މިނެޓުގައި ހަކީމީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދިނީ ވެސް އެމްބާޕޭއެވެ. މި މެޗުގައު އެމްބާޕޭގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އިރު މިއީ އޭނާ ޕީއެސްޖީއަށް ކުޅޭ އެންމެ ފަހު މެޗަށް ވެސް ވެދާނެއެވެ. ސަބަބަކީ ސްޕެއިންގެ ރެއާލް މެޑްރިޑުން އޭނާ ހޯދުމަށް މަސައްކަތް ކުރަމުންދާތީއެވެ. އަދި ރިޕޯޓްތައް ބުނާގޮތުން އޭނާ ރެއާލަށް ބަދަލުވާނެއެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާ މަޤާމް ހަ ފަހަރު ހޯދާފައިވާ މެސީ ރޭގެ މެޗުގައި ކުޅެން ނުކުމެފައި ވަނީ 66 ވަނަ މިނެޓުގައި އެ ޓީމްގެ ބްރެޒިލް ތަރި ނޭމާގެ ބަދަލުގައެވެ. މިއީ ކުލަބް ކެރިއާގައި ބާސެލޯނާ ޖޯޒީ ނޫން އެހެން ޖޯޒީއެއްގައި މެސީ ފެނިގެންދިޔަ ފުރަތަމަ ފަހަރެވެ.

މި މޮޅާއިއެކު ލީގުގައި ހަތަރު މެޗުން ލިބުނު 12 ޕޮއިންޓާއިއެކު ތާވަލުގެ އެއްވަނާގައި މިވަގުތު އޮތީ އެ ޓީމެވެ.