ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސޯދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލައި އިއުލާނުކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއެއް ހަވާލުކުރެވޭ ފަރާތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި، ފަތުރުވެރިކަމުގެ ބޭނުމަށް ރަށެއް، ބިމެއް ނުވަތަ ފަޅެއް ދޫކުރެވޭ ގޮތަށްގަވާއިދެއް އެކުލަވާލައިފިއެވެ.
މި ގަވާއިދަކީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން ބާރު ލިބިގެން އެކުލަވާލާފައިވާ ގަވާއިދެކެވެ.
މި ގަވާއިދުގެ މަގުސަދަކީ، ޓޫރިޒަމާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާޢީ ސިޔާސަތެއްގެ ދަށުން، ދުރާލައި އިޢުލާނުކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫޢެއް ހަވާލުކުރެވޭ ފަރާތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި، ޓޫރިސްޓް ރިޒޯޓެއް ނުވަތަ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރުމަށް ބަޔާންކޮށްފައިވާ ގޮތަށް ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރުމާބެހޭ އުސޫލުތައް ކަނޑައެޅުމެވެ.
މި ގަވާއިދުގައި ބުނެފައިވަނީ ކޮންމެ އަހަރަކު ވެސް އެ އަހަރެއްގެ ތެރޭގައި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާޢީ ސިޔާސަތެއްގެ ދަށުން ހިންގުމަށް، އެ މަޝްރޫޢެއްގެ މުޤާބިލުގައި ކްރޮސް ސަބްސިޑީ އުސޫލުން ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރާނެ މުހިންމު މަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ކަނޑައަޅައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ކޮންމެ އަހަރަކު ޝާއިޢު ކުރަންވާނެ ކަމަށެވެ.
އަދި ސަރުކާރުން ކަނޑައަޅާ މަޝްރޫޢުތަކާ ގުޅޭ މައުލޫމާތު، އެގޮތުން ހިންގުމަށް ބޭނުންވާ މަޝްރޫޢުގެ ތަޢާރަފާއި، މަޝްރޫޢު ހިންގުމަށް ގަސްތުކުރާ އަތޮޅާއި ރަށް ނުވަތަ ސަރަޙައްދާއި، މަޝްރޫޢަށް ޚަރަދު ކުރަންޖެހޭ އެންމެ ދަށް މިންވަރު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރަންވާނެ ކަމަށް މި ގަވާއިދުގައި ބުނެފައިވެއެވެ. މީގެ އިތުރުން ސަރުކާރުން އިއުލާން ކުރާ މަޝްރޫޢުތަކުގެ ލިސްޓަށް އުނިއިތުރު ގެނައުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށް މި ގަވާއިދުގައި ވެއެވެ.
މި ގަވާއިދުގައި ބުނާ ގޮތުން މަޝްރޫޢެއްގެ މުޤާބިލުގައި ކުއްޔަށް ދޫކުރަންވާނީ، ފަތުރުވެރިކަމުގެ ބޭނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައި ޓޫރިޒަމާބެހޭ މިނިސްޓްރީން ޝާއިޢުކުރާ ލިސްޓެއްގައި ހިމެނޭ ރަށެއް، ނުވަތަ ބިމެއް، ނުވަތަ ފަޅެކެވެ. އަދި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ތަންތަނުގެ ތެރެއިން މަޝްރޫޢު ހިންގާ ފަރާތުން ތަނެއް ޚިޔާރުކުރުމުން، އެ ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމަށް ނިންމާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި އެކުލަވާލާ ލިސްޓުގައިވާ ތަންތަނުގެ ތެރޭގައި ނުހިމެނޭ ތަނެއް ކްރޮސް ސަބްސިޑީގެ ގޮތުގައި ހޯދުމަށް މަޝްރޫޢު ހިންގާ ފަރާތުން ހުށަހަޅައިފިނަމަ، އެ ހުށަހެޅުން ބަލައިގަނެ، ލިސްޓަށް އުނިއިތުރު ގެނައުމުގެ އިޚްތިޔާރު، ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ބުނެފައިވެއެވެ.
މި އުސޫލުން ކުއްޔަށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމުމުން، އެ ނިންމުމާ އެއްގޮތަށް އެ ތަނެއް ކުއްޔަށް ހިފުމަށް ހުށަހަޅައިފައިވާ ފަރާތާއެކު އެ ތަނެއް ކުއްޔަށް ދިނުމަށް ވެވޭ އެއްބަސްވުމެއްގައި ޓޫރިޒަމާބެހޭ މިނިސްޓްރީން ސޮއިކުރަންވާނެކަމަށް މި ގަވާއިދުގެ 4 ވަނަ މާއްދާގައި ބުނެފައިވެއެވެ. އަދި މިގޮތަށް ކުއްޔަށް ދޫކުރާއިރު އެ ތަނެއްގެ ކުލީގެ އެއްބަސްވުމުގައި އެ ތަނެއް ހިންގުމަށް ހުއްދަ ދޫކުރެވޭނީ މަޝްރޫޢު ނިމުމުން ނުވަތަ މަޝްރޫޢު އެއްކޮށް ނިންމަން ބޭނުންވާ ޖުމުލަ ފައިސާ ދައުލަތާ ހަވާލުކުރުމުން ކަމުގައި ބަޔާންކުރަންވާނެ ކަމަށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!