އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އައި ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ.
އުމުރުން 36 އަހަރުގެ ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިކަން ޔުނައިޓެޑުގެ ރަސްމީ ވެބްސައިޓުން ވަނީ ކަށަވަރުކޮށްދީފައެވެ.
ރޮނާލްޑޯ ޕޯޗުގަލްގެ ސްޕޯޓިން ލިސްބަންއިން ޔުނައިޓެޑަށް ބަދަލުވެފައިވަނީ އޭނާގެ އުމުރުން 18 އަހަރުގައި އޭރު ރެކޯޑް ފީ އެއްކަމަށްވާ 13 މިލިއަން ޕައުޑްގެ އަގެއްގައެވެ. އަދި 2009 ވަނަ އަހަރު ރޮނާލްޑޯ ރެއާލަށް ބަދަލުވީވެސް ރެކޯޑް އަގެއްގައެވެ. ނުވަ އަހަރު ރެއާލްގައި ހޭދަކުރުމަށްފަހު ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވީ 2018 ވަނަ އަހަރު 100 މިލިއަން ޔޫރޯއަށެވެ. މި ކޮންމެ ޓީމެއްގައި ވެސް އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
ޔުނައިޓެޑްގައި މީގެކުރިން ހަ އަހަރު ހޭދަކުރިއިރު އޭނާ ވަނީ އެ ކްލަބާއެކު ޕްރިމިއާ ލީގު ތިން ފަހަރު އަދި ޗެމްޕިއަންސް ލީގު ވެސް ކާމިޔާބުކޮށްފައެވެ. މީގެއިތުރުން ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް މީގެ ކުރިން ކުޅެދިން 292 މެޗުން، 118 ލަނޑު ކާމިޔާބު ކޮށްދީފައެވެ.
ފަސް ފަހަރު ބެލޮންޑިއޯ އެވޯޑް ހާސިލުކޮށްފައިވާ ރޮނާލްޑޯއަށް އެ އެވޯޑް ފުރަތަމަ ކާމިޔާބު ކުރެވިފައި ވަނީ ވެސް ޔުނައިޓެޑަށް ކުޅުނު ދުވަސްވަރުއެވެ. އެއަށްފަހު 2009 ވަނަ އަހަރު ރެއާލް މެޑްރިޑަށް ބަދަލުވެ އެ ޓީމާއިއެކު ވަނީ ގިނަ ކާމިޔާބީ ތަކެއް ހޯދާފައެވެ. މިގޮތުން އޭނާވަނީ ރެއާލާއިއެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައެވެ. އަދި ބެލެންޑިއޯ އެވޯޑް ވެސް ވަނީ ހަތަރު ފަހަރު ކާމިޔާބު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!