ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އިނގިރޭސިވިލާތުގައި ހުންނެވީ މައިބަދައިގެ އޮޕަރޭޝަނެއް ކުރެއްވުމަށް ކަމަށް އޭނާ ވަކީލުންގެ ޓީމުން ހާމަކޮށްފިއެވެ.

އިނގިރޭސިވިލާތުގައި އޭނާ ހުންނަވާޓާ ގިނަ ދުވަސްތަކެއްވެ ވިސާ ހަމަވެފައިވާތީ އެ ގައުމުން ވަނީ އަލީ ވަހީދު ހައްޔަރުކޮށްފައެވެ. އަލީ ވަހީދު ހައްޔަރުކޮށްފައި މިވަނީ ދިވެހި ފުލުހުން ވެސް އޭނާ އަނބުރާ ރާއްޖެ ގެނައުމަށް އިންޓަޕޯލްގެ އެހީތެރިކަމަށް އެދިފައިވަނިކޮށެވެ.

Ad
rt

އަލީ ވަހީދު ހައްޔަރުކުރުމުން އޭނާ އެގައުމުގެ ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށް ވަކީލުން ބުނީ އޭނާ މިވަގުތު ހުރީ އެގައުމުގެ ގެޓްވިކްގައި ހުރި ޖަލެއްގައިކަމަށެވެ. އަދި އޭނާ ރާއްޖެ ނައުމަށް ނިންމާފައި ނުވާ ކަމަށާއި، އެ ގައުމުގައި މަޑުކޮށްފައިވަނީ މައުބަދައިގެ އޮޕަރޭޝަނަކަށް ކަމަށެވެ. އެގޮތުން އަންނަ މަހު 26ގައި އޭނާގެ މައިބަދައިގެ އޮޕަރޭޝަނާ ދޭތެރޭ ޑޮކްޓަރުން ގޮތެއް ނިންމައި އެޕޮއިންޓަމަންޓާ ހަމައަށް އިނގިރޭސިވިލާތުގައި ހުރުމުގެ މުއްދަތު އިތުރު ކޮށްދެއްވުމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުގައި އެދިވަޑައިގެންފައިވާ ކަމަށް ވެސް ވެއެވެ.

އަލީ ވަހީދު ހައްޔަރުކުރީ މި މަހުގެ 25 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކުރީ އެގައުމުގައި ހުންނަވައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ތައްޔާރުވަމުންދަނިކޮށެވެ.

އަލީ ވަހީދުގެ މައްޗަށް ސުޕްރީމް ކޯޓުން ދެ އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު ފުލުހުން އޭނާ ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުން އަންނަނީ އެ ހުކުމް ތަނފީޒުކުރުމަށެވެ. ކޯޓުން އެ ހުކުމް އިއްވާފައިވަނީ ކްރިމިނަލް ކޯޓުގައި ކުރިއަށްދާ އަލީ ވަހީދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ ދައުވާގެ އަޑުއެހުން އޮންލައިންކޮށް ކުރިއަށްގެންދަން ނިންމާފައިވާ ނިންމުން ޕީޖީ އޮފީހުން އެ ކޯޓުގައި އިސްތިއުނާފްކުރުމުން އަލީ ވަހީދު އިސްތިއުނާފް އަޑު އެހުމަށް ހާޒިރުވެފައި ނުވާތީއެވެ.

ޓޫރިޒަމް މިނިސްޓަރކަމުގެ މަގާމުގައި ހުންނެވި އިރު އެ ވުޒާރާގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަކުރި މައްސަލާގައި މަގާމުން ވަކިކޮށް އޭނާގެ މައްޗަށް ހަތް ދައުވާއެއް އުފުލާ މައްސަލަ ކުރިއަށްދާއިރު، އެ ކޯޓުން ވެސް ޝަރީއަތް އޮންލައިންކޮށް ގެންދަން ނިންމީ އޭނާގެ ބޭސްފަރުވާ ނުނިމޭ ކަން ހާމަކޮށް ލިޔެކިޔުންތައް ހުށަހެޅުމުންނެވެ.