ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިނގިރޭސި ވިލާތުގައި ހުންނަވަނިކޮށް ހައްޔަރު ކޮށްފިއެވެ.

އަލީ ވަހީދު އިނގިރޭސި ވިލާތުން ހައްޔަރުކޮށްފައިވަނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވަމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

Ad
rt

ނަމަވެސް މިކަމާއި ގުޅިގެން ފުލުހުންގެ ރަސްމީ ބަހެއް ލިބފައެއް ނުވެއެވެ.

އަލީ ވަހީދުގެ މައްޗަށް ސުޕްރީމް ކޯޓުން އިއްވާފައިވާ ހުކުމް ތަންފީޒުކުރުމަށް ރާއްޖެ ގެންނަން އިންޓަޕޯލްގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް ފުލުހުން ވަނީ މިމަހުގެ 15 ވަނަ ދުވަހު ވިދާޅުވެފައެވެ.

އެ ދުވަހު ފުލުހުން ވިދާޅުވީ، އޭނާ ރާއްޖެ ގެނައުމަށް އިންޓަޕޯލް މެދުވެރިކޮށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި، އެކަމުގައި ފުލުހުންގެ ފަރާތުން އިތުރު ކަމެއް ކުރެވެން އޮތް ނަމަ އެކަމެއް ވެސް ކުރަމުން އަންނަ ކަމަށެވެ.

އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރ ކަމުގެ މަގާމުަގައި ހުންނެވި އިރު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ދައުވާ އުފުލާ ކްރިމިނަލް ކޯޓުގައި މައްސަލަ ކުރިއަށްދާއިރު، އޭނާ ކޯޓަށް ހާޒިރުނުވެ އޮންލައިންކޮށް ބައިވެރިވާތީ އެކަމާ ދެކޮޅަށް ޕީޖީ އޮފީޙުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.

ސުޕްރީމް ކޯޓުން އޭނާގެ މައްޗަށް ހުކުމް އިއްވީ އެ މައްސަލާގެ ޝަރީއަތަށް ހާޒިރުވާން ޗިޓު ފޮނުވުމުން ވެސް އޭނާ ކޯޓަށް ހާޒިރުވެފައި ނުވާތީ ކޯޓުގެ ހުރުމަތް ކެނޑި މައްސަލާގައެވެ. އޭނާގެ މައްޗަށް އިއްވާފައި ވަނީ ދެ އަހަރާއި 12 ދުވަހުގެ ހުކުމެކެވެ.

ޖިންސީ ފުރައްސާރަ ކުރި މައްސަލާގައި އޭނާގެ މައްޗަށް ހަ ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ޖިންސީ އަނިޔާ ކުރުން، ރޭޕްކުރަން އުޅުން، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުން، ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގަން އުޅުން، ޖިންސީ ގޯނާކުރުން، ޖިންސީ ގޯނާ ކުރަން އުޅުން، އަދި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގަން އުޅުނުކަމުގެ ދައުވާއެވެ.