ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދުު ޞާލިޙު ކޯލިޝަން ހިފަހައްޓަވަނީ ބަރުލަމާނީ ނިޒާމެއްގައިވެސް ނުހިފެހެއްޓޭހާ ފުރިހަމައަށް ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑައިރެކްޓަރ މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ މަޑުއްވަރީދާއިރާގެ ރައީސް ކަންވެސް ކުރަށްވާ މޫކޭ މިހެން ވިދާޅުވީ ކުރަށްވާފައިވާ ޓްވީޓެއްގަ އެވެ.

Ad
rt

މޫކޭގެ މި ޓްވީޓްގައި ވަނީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާ ވީޑިއޯއެއް ހިމަނުއްވާފައެވެ. އެ ވީޑިއޯގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ރިޔާސީ ނިޒާމްގެ އެންމެ މުހިންމު އެއް ސިފައަކީ ފިކްސްޑް ޓާމެއް ކަމަށެވެ.

"ރިޔާސީ ނިޒާމްގެ އެންމެ މުހިންމު އެއް ސިފައަކީ ފިކްސްޑް ޓާމެއް، އަޅުގަނޑުމެން އެއަކަށް ބަދަލެއް ގެންނާކަށް އެއްވެސް އިރެއްގައި ވާހަކަ ދެއްކެވިފައެއް، ރިޔާސީ ނިޒާމެއްގައި ފިކްސްޑް ޓާމެއްގެ ތެރޭގައި މެދުން އިލެކްޝަނެއް ނުގެނެވޭނެ" އެ ވީޑިއޯގައި ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

މޫކޭގެ މި ޓްވީޓްގައި ވިދާޅުވެފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙު ކޯލިޝަން ހިފަހައްޓަވަނީ ބަރުލަމާނީ ނިޒާމެއްގައިވެސް ނުހިފެހެއްޓޭހާ ފުރިހަމައަށް ކަމަށެވެ.

"އެއީ އިޚްލާޞްތެރިކަން. އެއްވެސް ނިޒާމަކީ އިންސާނުން އިޚްލާޞްތެރި ނުވާހާ ހިނދަކު ރަނގަޅު ނިޒާމެއް ނޫން." މޫކޭ ވިދާޅުވެފަވެއެވެ.

މޫކޭ މި މޭރުމުން ވިދާޅުވެފައިވާއިރު، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީގެ ތެރޭގައި ވަނީ ވެރިކަން ކުރާ ނިޒާމް ބަރުލަމާނީއަކަށް ފުރޮޅާލަން ގޮވާލާ އަޑު ގަދަވެފައެވެ. އެކަމަށް ގޮވާލާ އެއް ބަޔަކު ޕެޓިޝަނެއްގައި ސޮއި ކުރަމުންދާއިރު އެ ޕެޓިޝަންގައި އެ ޕާޓީގެ ބައެއް މަޖިލިސް މެންބަރުންނާއި އެ ޕާޓީގެ ސްލޮޓްގައި ސިޔާސީ މަގާމްތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ގެންދަވަނީ ސޮއި ކުރައްވަމުންނެވެ. ނިޒާމް ބަދަލު ކުރެއްވުމަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވަމުން ގެންދަވަނީ ވެސް އެ ޕާޓީގެ ރައީސް، ރައީސް ނަޝީދެވެ.

މީގެއިތުރުން މި ހިނގާ ވެރިކަމުގެ ދައުރުގެ މެދުތެރެއިން އިންތިޚާބަކަށް ދިޔުމުގެ އެއްބަސްވުމެއް އޮތްކަމަށާއި، އާ އިންތިޚާބަކަށް ދިޔުމަށް ގޮވާލާ ބައެއް ބޭފުޅުން ވެސް އެ ޕާޓީގެ ތެރޭގައި އެބަތިއްބެވެ.

ވެރިކަމުގެ ނިޒާމް ބަދަލު ކުރުމުގެ މައްސަލާގައި ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވެފައި ވަނީ އެކަން ނިންމާނީ ރައްޔިތުންކަމަށާއި، އެމަނިކުފާނުގެ ހުރިހާ ވެސް އަމާޒެއް ހުރީ ރައްޔިތުންނަށް ވެވަޑައިގަތް ވަޢުދުތައް ފުއްދަވަން ކަމަށެވެ.