އިޓާލިއަން ސީރިއާ އޭގައި އޭސީ މިލާން ކުޅުނު ފުރަތަމަ މެޗުގައި ސަމްޑޯރިއާ އަތުން ހަނިގޮތަކަށް މޮޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ސަމްޑޯރިއާގެ ދަނޑުގައި ކުޅުނު މި މެޗު މިލާނުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ.

Ad
rt

ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ލަނޑުޖަހާނެ ރަނގަޅު ފުރުޞަތެއް މެޗުގެ ވަރަށް ކުރީކޮޅު މިލާންގެ ރަފޭލް ލެއޯއަށް ވަނީ ލިބިފައެވެ. އޭނާ ސަމްޑޯރިއާގެ އޭރިއާގެ ތެރެއަށް ވަދެ ފޮނުވާލު ބާރު ހަމަލާ ގޮސްފައި ވަނީ ސަމްޑޯރިއާގެ ކީޕަރުގެ އަތުގައި ޖެހިފައި ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 9 ވަނަ މިނެޓުގައި މިލާންގެ ކަލަބްރިއާ ސްމްޑޯރިއާގެ ގޯލުގެ ކުރިމައްޗަށް ހުރަސް ކޮށްދިން ބޯޅަ އެއްފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ބްރަހިމް ޑިއާޒްއެވެ.

ސަމްޑޯރިއާއިން ވެސް ވަނީ މެޗުގައި މިލާންގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މިގޮތުން އެ ޓީމްގެ ޑެމްސްގާޑަށް ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުޞަތު ލިބި ބޭނުން ނުކުރެވިފައެވެ. މީގެއިތުރުން ސަމްޑޯރިއާގެ މަލޯނޯ ގަބަލަޑިނީ ފޮނުވާލި ހިލޭޖެހުން އަމާޒުވެފައި ވަނީ މިލާންގެ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މިލާނުން ވެސް ވަނީ ސަމްޑޯރިއާގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. މިގޮތުން އެ ޓީމްގެ ރެބިޗް ފޮނުވާލި ހަމަލާ ސަމްޑޯރިއާގެ ގޯލުދަނޑި ކައިރިން ބޭރަށް ދިޔައިރު، އެ ޓީމްގެ ޑިފެންޑަރ ތިއޯ ހެނާންޑޭޒް ފޮނުވާލި ހަމަލާ ސަމްޑޯރިއާގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

މި މެޗުގައި މި ސީޒަނަށް ޗެލްސީން މިލާނަށް ގެނައި ފްރާންސްގެ ފޯވާޑް އޮލިވަ ޖިރޫޑް ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފައެވެ. ނަމަވެސް މި މެޗުގައި އޭނާގެ ފަރާތުން ވެސް ފެނިފައިވަނީ އާދައިގެ ކުޅުމެކެވެ.