ސްޕެނިޝް ލަލީގާގައި ލެވަންޓޭއާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ ލެވަންޓޭގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 3-3 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރު ވެގެންނެވެ.

Ad
rt

ގިނަ ލަނޑުތަކެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ ރެއާލުންނެވެ. މި ލަނޑު މެޗުގެ 5 ވަނަ މިނެޓުގައު ބެންޒެމާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ގެރެތު ބޭލްއެވެ. މިއީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހަށް ފަހު ބޭލް ރެއާލްއަށް ލީގުގައި ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ. ބޭލް މިދިޔަ ސީޒަންގައި ލޯން އުސޫލުން ކުޅެފައިވަނީ އޭނާގެ ކުރީގެ ކުލަބް ކަމުގައިވާ ޓޮޓެންހަމްއަށެވެ.

މެޗުގެ ފުރަތަމަ ހާފު ލީޑުގައި އޮވެގެން ރެއާލުން ނިންމާލި ނަމަވެސް ދެވަނަ ހާފު ފެށިތާ މަދު ސުކުންތު ކޮޅެއްގެ ތެރޭގައި ލެވަންޓޭއިން ވަނީ ލަނޑުޖަހައި މެޗުގެ ނަތީހާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ގޮންޒާލޯ މެލެރޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ރޮޖާ މާޓީއެވެ. އެއަށްފަހު މެޗުގެ 57 ވަނަ މިނެޓުގައި ލެވަންޓޭއިން ވަނީ ލަނޑުޖަހައި މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފައެވެ. މި ލަނޑު ސެބާސްޓިއަން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޖޯސޭ ކެމްޕަނާއެވެ.

ބައިކޮޅަށް ވަތް ލަނޑާއިއެކު ރެއާލުން ވަނީ އެޓޭކިން ވަރުގަދަ ކުރުމުގެ ގޮތުން އެސެންސިއޯ، ވިނީސިއަސް އަދި ރޮޑްރިގޯ ކުޅެންނެރެ ޓީމް ކުރިއަށް ޖައްސާފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 73 ވަނަ މިނެޓުގައި ރެއާލުން ވަނީ ލަނޑުޖަހައި ނަތާޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ކަސެމީރޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ބަދަލު ކުޅުންތެރިޔާ ވިނީސިއަސްއެވެ.

ރެއާލުން ނަތީޖާ ހަމަހަމަ ކުރި ނަމަވެސް މެޗުގެ 79 ވަނަ މިނެޓުގައި ލެވަންޓޭއިން ވަނީ ލަނޑުޖަހައި އަނެއްކާ ވެސް ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ރޮބަރ ޕިއާއެވެ. ނަމަވެސް 85 ވަނަ މިނެޓުގައި ވިނީސިއަސް ލަނޑުޖަހައި އަނެއްކާ ވެސް ނަތީޖާ ވަނީ ހަމަހަމަ ކޮށްފައެވެ.

ލެވަންޓޭއިން މެޗު ނިންމާލާފައި ވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ރެއާލަށް ލަނޑު ޖަހަން ލިބުނު ފުރުޞަތެއް ހުއްޓުވުމަށް ލެވަންޓޭގެ ކީޕަރު ފެނާންޑޭޒް ވަނީ އޭރިޔާގެ ބޭރުން ބޯޅައިގައި ގަސްތުގައި އަތްލާފައެވެ. ގަސްތުގައި ބޯޅައިގައި އަތްލުމުން ރެފްރީވަނީ އޭނާއަށް ރަތްކާޑު ދައްކާފައެވެ.

ރޭ އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް ވަނީ އެލްޗޭއާއި ބައްދަލުކޮށް ހަނި ގޮތަކަށް މޮޅު ވެފައެވެ. އެ މެޗު ނިމިގެން ގޮސްފައި ވަނީ 1-0 ގެ ނަތީޖާއިން އެތުލެޓިކޯ މެޅޮވެގެންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑި މެޗުގެ 39 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ކޮއްރެއާއެވެ.