އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއި އާސެނަލް ބައްދަލުކުރި މެޗު ޗެލްސީ މޮޅުވެ ހަ ޕޮއިންޓް ހަމަކުރިއިރު، އާސެނަލް ލީގުގައި ކުޅުން ދެ މެޗުން ވެސް ބަލިވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ އާސެނަލްގެ އަމިއްލަ ދަނޑުގައި ޗެލްސީއާއި ދެކޮޅަށްކުޅެ ބަލިވެފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

Ad
rt

ޗެލްސީ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައު 3-0 ގެ ނަތީޖާއިން ކްރިސްޓަލް ޕަލަސް ވަނީ ބަލިކޮށްފައެވެ. އާދީއްތަ ދުވަހުގެ ރޭ އާސެނަލްއާއި ދެކޮޅަށް ޗެލްސީން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މި މެޗުގައި ޗެލްސީއަށް ފުރަތަމަ ލަނޑު 15 ވަނަ މިނެޓުގައި ޖޭމްސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ 98 މިލިއަން ޕައުންޑަށް އިޓަލީގެ އިންޓަ މިލާނުން މި ސީޒަނަށް ޗެލްސީއަން ބަދަލުވި ލުކަކޫއެވެ.

ޗެލްސީން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއް ކާމިޔާބު ކޮށްފައެވެ. މި ލަނޑު 35 ވަނަ މިނެޓުގައި މައުންޓް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޖޭމްސްއެވެ. މި ސީޒަންގައި ޗެލްސީ ކުޅުނު ދެ މެޗުގައި އެ ޓީމް ކޮޅަށް ލަނޑެއް ވަދެފައި ނުވެއެވެ.

އާސެނަލް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވީ ލީގަށް އަލަށް ކޮލިފައިވި ބްރެންޓް ފޯޑް އަތުން 2-0 ގެ ނަތީޖާއިންނެވެ. މި ސީޒަންގައި އާސެނަލްއަށް އަދި މޮޅެއް ހޯދިފައިނުވާއިރު އެ ޓީމަށް ދެ މެޗުގައި ލަނޑެއް ވެސް ކާމިޔާބު ކުރެވިފައިނުވެއެވެ.

ދަށް ނަތީޖާތަކާއިއެކު އާސެނަލްގެ މިހާރުގެ ކޯޗު އާޓޭޓާ ވަނީ ހޫނު ފެނަށް ވެއްޓިފައެވެ. ރިޕޯޓްތައް ބުނާގޮތުން އާޓޭޓާ ވަރަށް އަވަހަށް އާސެނަލްގެ ކޯޗުކަމުން ވަކިކުރާނެއެވެ.