ސްޕެނިޝް ލަލީގާގައި އެތުލެޓިކް ބިލްބާއޯއާއި ބާސެލޯނާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.
ހޮނހިރު ދުވަހުގެ ރޭ ބިލްބާއޯގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ބާސެލޯނާއިންނެވެ. މިގޮތުން މެޗުގެ ވަރަށް ކުރީކޮޅު ބާސާގެ ފޯވާޑް ބްރެތުވައިޓަށް ވަނީ ލަނޑުޖަހާނެ ހުސް ފުރުޞަތެއް ލިބި ބޭނުން ނުހިފިފައެވެ. މެޗުގެ 11 ވަނަ މިނެޓުގައި ބިލްބާއޯއިން ވަނީ ބާސާގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. ބިލްބާއޯގެ ސްޕެއިންފޯވާޑް އޮއިހަން ފޮނުވާލި ބާރު ހަމަލާ އަމާޒުވެފައި ވަނީ ބާސާގެ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުޞަތު ވަނީ ލިބިގެން ގޮސްފައެވެ. މިގޮތުން ބިލްބާއޯގެ ފޯވާޑް އިނާކީ ވިލިއަމްސްއަށް ލިބުނު ފުރުޞަތުތައް ފާހަގަ ކޮށްލެވެއެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ބިލްބާއޯއިންނެވެ. މި ލަނޑު މެޗުގެ 50 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ޑިފެންޑަރ އިނިގޯ މާޓިނޭޒްއެވެ. މެޗުގައި ބާސާއަށް ނަތީޖާ ހަމަހަމަ ކޮށްދީފައި ވަނީ 75 ވަނަ މިނެޓުގައި މެންފިސް ޑިޕޭ ފޮނުވާލި ބާރު ހަމަލާއިން ކާމިޔާބުކުރި ލަނޑުންނެވެ.
ބާސާއިން މެޗު ނިންމާލާފައި ވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ތިން މިނެޓުގެ ތެރޭގައި އެ ޓީމްގެ އެރިކް ގާސިއާއަށް ރެފްރީ ވަނީ ރަތްކާޑު ދައްކާފައެވެ.
މި ނަތީޖާއާއި އެކު މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ހަތަރު ޕޮއިންޓާއި އެކު އޮތީ ބާސެލޯނާއެވެ. ދެވަނާގައި މަލޯކާއޮތްއިރު ބިލްބާއޯ އޮތީ ނުވަވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!