ރެއާލް މެޑްރިޑްގެ މިހާރުގެ ކެޕްޓަން ކަރިމް ބެންޒެމާ އެ ޓީމާއެކު ހަދާފައިވާ ކޮންޓްރެކްޓް އައުކޮށްފިއެވެ.

ބެންޒެމާއާއި ރެއާލްއާއި ދެމެދު ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރު ހަމަވާން އޮތްނަމަވެސް އޭނާ މިވަނީ ރެއާލްގައި އިތުރު އެއްއަހަރު މަޑުކުރުމަށް އެއްބަސްވެ ކޮންޓްރެކްޓް އައުކޮށްފައެވެ.

Ad
rt

މިހާރު އޭނާ ރެއާލާއިއެކު ހަދާފައިވާ އެއްބަސް ވުމުގެ ދަށުން 2023 ވަނަ އަހަރުގެ ނިޔަލަށް އޭނާ ރެއާލްގައި މަޑުކުރާނެއެވެ.

އުމުރުން 33 އަހަރުގެ ފްރާންސްގެ ފޯވާޑް ރެއާލާއި ގުޅިފައިވަނީ 2009 ވަނަ އަހަރުއެވެ. މިގޮތުން ފާއިތުވި ބާރަ އަހަރު ތެރޭގައި ބެންޒެމާ ވަނީ ރެއާލްއަށް 560 މެޗު ކުޅެދީ 281 ލަނޑު ކާމިޔާބު ކޮށްދީފައެވެ. މިހާރު ބެންޒެމާއަކީ ރެއާލަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިންގެ ފަސްވަނާގައި އޮތް ކުޅުންތެރިޔާއެވެ.

ފާއިތުވި ތިން ސީޒަންގައި ވެސް ރެއާލްގައި ރަނގަޅު ކުޅުމެއް ބެންޒެމާ ވަނީ ދައްކާފައެވެ. މިގޮތުން އޭނާ ވަނީ ފާއިތުވި ތިން ސީޒަންގެ ތެރެއިން ކޮންމެ ސީޒަނެއްގައި ވެސް ވިހި ލަނޑަށްވުރެ އިތުރަށް ރެއާލަށް ލަނޑު ޖަހައިދީފައެވެ.

ބެންޒެމާގެ ފޯމު ރަނގަޅު ވުމާއި ގުޅިގެން އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު އޭނާ ވަނީ ނިމިދިޔަ ޔޫރޯ 2020 ގައި ފްރާންސް ޤައުމީ ޓީމުގައި ހިމެނިގެން ކުޅެ އެ މުބާރާތުގައި ފްރާންސަށް ހަތަރު ލަނޑު ވެސް ކާމިޔާބު ކޮށްދީފައެވެ.

ބެންޒެމާ ވަނީ ރެއާލްއާއި އެކު މިހާތަނަށް ގިނަ ކާމިޔާބީތަކެއް ވެސް ހޯދާފައެވެ. މިގޮތުން އޭނާ ވަނީ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު، ކުލަބް ވޯލްޑް ކަޕް ހަތަރު ފަހަރު، ޔުއެފާ ސުޕަކަޕް ތިން ފަހަރު، ލަލީގާ ތިން ފަހަރު، ކޮޕަޑެލްރޭ ދެ ފަހަރުގެ އިތުރުން ތިން ފަހަރު ސްޕެނިޝް ސްޕަކަޕް ކާމިޔާބު ކޮށްފައެވެ.