މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފަސް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަން އިން އާންމުކުރި މައުލޫމާތައް ބަލާއިރު، އެ ފަސް މައްސަލަ ވެސް ހުށަހަޅާފައި ވަނީ އޭޕްރިލް މަހުގެ ތެރޭގައެވެ.
އެގޮތުން މަހުގެ ފުރަތަމަ ދުވަހު 3 މައްސަލަ، 7 ވަނަ ދުވަހު މައްސަލައެއް އަދި 22 ވަނަ ދުވަހު އެއް މައްސަލަ ހުށަހަޅާފައިވެއެވެ.
އެ ކޮމިޝަނުން ހުށަހަޅާފައިވާ ފަސް މައްސަލަ އަކީ:
1- އއ.މަތިވެރީ ކައުންސިލްގެ އިދާރާގެ ޕިކަޕު މަރާމާތުކުރުމުގެ މަސައްކަތް، 2016 ވަނަ އަހަރުގެ ތެރޭގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް އިޢުލާނު ކުރުމަކާނުލައި، "ޒީސްކް މޯލްޑިވްސް" ގަރާޖާ އެ މަސައްކަތް ހަވާލުކޮށް، އެ ފަރާތަށް ނާޖާއިޒު ފައިދާ ހޯދާދިފައިވާކަމަށް ބުނާ މައްސަލަ
2- ރ.ރަސްމާދޫގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ޕިކަޕެއް ހޯދުމަށް ރ.ރަސްމާދޫ ކައުންސިލްގެ އިދާރާއިން 2016 ޖޫންމަހުގެ ތެރޭގައި ކޮށްފައިވާ އިޢުލާނާ ގުޅިގެން، އެ ޕިކަޕް ގަތުމަށް ކައުންސިލް އިދާރާއިން ފައިސާ ނަގާފައިވީނަމަވެސް، ޕިކަޕު ގަނެފައިނުވާ ކަމަށް ބުނާ މައްސަލަ
3- މާލޭގެ ގޯއްޗެއް ބަހައިގެން އެ ގޭގެ މިލްކުވެރިންގެ ތެރެއިން އެއްފަރާތަށް ލިބިފައިވާ ބިންކޮޅު ދޫކޮށްލުމާ ގުޅިގެން އެ ބިން ގަތުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ކުރީގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހުޅުވާލުމުން އެ ބިމާ އިންވެގެން އޮތް ބިން ލިބުނު ފަރާތުން އެ ބިން ގަތުމަށް ހުށަހެޅި ނަމަވެސް ސަރުކާރުން އެ ބިން ވިއްކާފައިވަނީ އެ ބިމާ ދުރުން ބިން ލިބިފައިވާ ފަރާތަކަށް ކަމަށާއި، މިފަދައިން އެ ބިން ވިއްކުމަށް ނިންމާފައިވަނީ އެ މިނިސްޓްރީގެ ނައިބު ނާއިފް ޝައުކަތު އާއި އެ މިނިސްޓްރީގެ ކޯޑިނޭޓަރ ޙަސަން ވަޙީދު މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދާދިނުމުގެ ބޭނުމުގައިކަމަށް ބުނާ މައްސަލަ
4- ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި 02 ފާޚާނާއެއް ހެދުމުގެ މަސައްކަތް މާލިއްޔަތު ގަވާއިދާ ޚިލާފަށް އަދި އެ މަރުކަޒުގެ މުވައްޒަފެއްގެ ކުންފުންޏަކާ ހަވާލުކޮށްގެން ކޮށްފައިވާކަމަށް ބުނާ މައްސަލަ
5- ގއ. ނިލަންދޫ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް 2019 ވަނަ އަހަރު ކުރީކޮޅު ކޮށްފައިވާ އިޢުލާނާ ގުޅިގެން އެކަމަށް އެދި 03 ފަރާތަކުން ހުށަހަޅާފައިވާއިރު، ސްކޫލުގެ ޕްރިންސިޕަލްގެ ޢާއިލާގެ މެންބަރަކަށް އެ މަސައްކަތް ޙަވާލުކޮށްފައިވާކަމަށް ބުނާ މައްސަލަ
އޭސީސީން މިއަހަރުގެ ދެވަނަ ކުއާޓަރުގައި ހުށަހެޅި މައްސަލަތަކުގެ ތަފްސީލް އާންމުކޮށްފައިވާއިރު މިދިޔަ އަހަރު އެ ކޮމިޝަނުން ބެލި މައްސަލަތަކުގެ ރިޕޯޓު ވެސް އާންމުކޮށްފައިވެއެވެ.
އެގޮތުން މިދިޔަ އަހަރު އެ ކޮމިޝަނުގައި 968 މައްސަލައެއް ރަޖިސްޓްރީ ކުރި އެވެ. އެ މައްސަލަތަކާއި އޭގެ ކުރިން ހުށަހަޅާފައިވާ މައްސަލަތަކާ އެކު ޖުމްލަ 961 މައްސަލައެއް މިދިޔަ އަހަރު ބަލައި ނިންމާފައިވެ އެވެ. ނަމަވެސް ދައުވާ ކުރަން ފޮނުވީ އޭގެ ތެރެއިން 15 މައްސަލައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!