ނެޝަނަލް ޓްރެއިނިންގ ނީޑްސް އެނާލިސިސްއިން، މީހުން ބިނާ ކުރުމުގައި އިސްކަންދޭން ބޭނުންވާ ދާއިރާތައްކަމަށް ކަނޑައަޅާފައިވާ ދާއިރާތަކުން، ފުރަތަމަ ޑިގްރީ ހެދުމަށް ދަރިވަރުންނަށް މަގުފަހިކުރެވޭނެ ގޮތްތަކާމެދު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އާ ދަރިވަރުންނާ މެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވަމުންދާ 60 ދަރިވަރުންނަށް ދަޢުވަތު ދީގެން ބޭއްވި މިބައްދަލުވުމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ އިސް ބައެއް ވެރިންނާއި މުވައްޒަފުން މިބައްދަލުވުމަގައި ބައިވެރިވިއެވެ. މި ބައްދަލުވުން ބޭއްވިފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި މިއަދު ހެދުނު 10:00 ގައެވެ.

Ad
rt

ނޭޝަނަލް ޓްރެއިނިންގ ނީޑްސް އެނަލިސިސްއަށް ބިނާކޮށް ތައްޔާރުކޮށްފައިވާ، މީހުން ބިނާކުރަން ބޭނުންވާ ދާއިރާތައް ވަނީ 3 ގިންތިއަކަށް ބަހާލާފައެވެ. އެއީ "ހައި"، "މީޑިއަމް" އަދި "ލޯ" ގިންތިއެވެ. "ހައި" ގިންތިއަކީ ޤައުމީތަރައްގީއަށް މީހުން ބިނާކުރަން އެންމެ ބޮޑަށް ބޭނުންވެފައިވާ، ވަޒީފާގެ ބާޒާރުގައި ވަޒީފާހުރިނަމަވެސް އެ ވަޒީފާތަކަށް އެކަށީގެންވާ މީހުން ލިބުން އެންމެ ބޮޑަށް ދަތިވެފައިވާ ދާއިރާތަކެވެ. "ލޯ" ގިންތިއަކީ ތަމްރީންވެފައިވާ މީހުން ލިބުމުގައި މާ ބޮޑު ދަތިކަމެއް ނެތް ދާއިރާތަކެވެ. "މީޑިއަމް" ގިންތިއަކީ އެދާއިރާތަކުގެ ހުނަރު ހުރި މީހުންލިބުމުގެ ދަތިކަން މެދު މިނެއްގައި ހުރިކަމަށް ނޭޝަނަލް ޓްރޭނިންގ ނީޑްސްގައި ފާހަގަކޮށްފައިވާ ދާއިރާތަކެވެ.

މިނިސްޓްރީން ބުނިގޮތުގައި މިމަޝްވަރާތަކުގައި، ސަމާލުކަންދިނީ ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގައި، އެ 3 ގިންތިއަށް ޓްރޭނިންގ ނީޑްސްގައި އިސްކަންދެވިފައިވާ ގޮތަށް، ދަރިވަރުން ކިޔަވާނެ ދާއިރާތައް އިޚްތިޔާރުކުރުމުގައިވެސް އިސްކަން ދެވިދާނެ ގޮތްތަކާމެދުއެވެ. އެގޮތަށް އިޚްތިޔާރުކުރުމުން، ދަރިވަރުންނަށާއި، ޤައުމަށް ހުރި ލާބަ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ އުސޫލާއި އެއްގޮތަށް، 10000 އަށްވުރެ ގިނަ ދަރިވަރުންނަށް، ޖުމުލަ 290 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިހާތަނަށް މިހާރު ވަނީ ޚަރަދުކޮށްފައިވާ ކަމަށާއި، މިގޮތުން، ކުރެވޭ ޚަރަދު، ކުރިޔަށް އޮތްތަނުގައި "ހައި" ގިންތީގެ ޕްރޮގްރާމްތައް ފުރިހަމަކުރާ ދަރިވަރުން އިތުރުވާނެ ގޮތްތަކާމެދުވެސް މަޝްވަރާކުރި ކަމަށް ބުންޏެވެ.

މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ އަމާޒަކީ ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ކިޔެވުމުގެ އިންތިޒާމު ފުރިހަމައަށް ހަމަޖައްސައިދިނުން ކަމަށެވެ.