ރަހީނުކޮށް މަރާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ މައްސަލާގައި ދެމީހެއްގެ މައްޗަށް ދައުވާކުރަން ނިންމައިފިއެވެ.
މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 17 އަހަރުގެ ކުއްޖަކާއި 27 އަހަރުގެ ފިރިހެނެކެވެ. އެ ދެ މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވަން ތައްޔާރު ވެފައިވާ ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވަނީ ވިދާޅުވެފައެވެ.
އޭގެ ތަފްސީލްތައް ހިއްސާކުރައްވަމުން ޕީޖީ ޝަމީމް މިއަދު ވިދާޅުވީ އެ މައްސަލާގައި ދައުވާ އުފުލާފައިވާ އުމުރުން 27 އަހަރުގެ އިބްރާހިމް ޒިހާން މައްޗަށް 13 ދައުވާއެއް އުފުލާފައިވާ ކަމަށެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 100 އަހަރުގެ ހުކުމެއް އަންނާނެ ކަމަށް ވިދާޅުވިއެވެ.
ޕީޖީ ވިދާޅުވީ އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ ހަމަ އެކަނި 13 އަހަރުގެ ކުއްޖާގެ މައްސަލާގައި ނޫން ކަމަށާއި، ކުޑަކުދިންނާ ގުޅުންހުރި އެހެން މައްސަލަތަކެއް ވެސް ފެންމަތިވެފައިވާތީ ކަމަށެވެ. އޭނާގެ މައްޗަށް އުފުލާފައިވާ 13 ދައުވާ އަކީ:
• ގަސްތުގައި މީހަކު މެރުން.
• ޖިންސީ ނިޔަތެއް އޮވެގެން އަތް ލުމުގެ ފަސް ދައުވާ.
• މަސްތުވާތަކެތި ދީގެން ޖިންސީ އަމަލު ހިންގަން އުޅުން.
• ގްރޫމްކުރުން.
• މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ހިފުން.
• ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުން.
• ޖިނާއީ ކުށެއްގައި ކުޑަކުއްޖަކު ބޭނުންކުރުން.
• ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ އިތުރު ދައުވާތަކެއް.
ކުޑަކުދިން ބޭނުންކޮށްގެން ކުށްކުރާކަށް ޖާގައެއް ނުދޭނަން: ޕީޖީ ޝަމީމް
https://thiladhun.wonstasite.com/70640
އެ މައްސަލާގައި ދައުވާ އުފުލާފައިވަނީ 17 އަހަރުގެ ކުއްޖެއްގެ މައްޗަށެވެ. އެ ކުއްޖާގެ މައްޗަށް ވެސް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ:
- ގަސްތުގައި މީހަކު މެރުން
- ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުން
- މައްޔިތާގެ ބޭނުން ނަހަމަ ގޮތެއްގައި ހިފުން.
މި މައްސަލާގައި ދައުވާ އުފުލާފައިވާ ޒިހާން އަކީ މީގެ ކުރިން ވެސް މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އުފުލައި، ހުކުމެއް ކުރެވެންދެން ގޭބަންދު އަމުރެއް އޮތް މީހެކެވެ. 13 އަހަރުގެ ކުއްޖާގެ މައްސާލާގައި އޭނާ ވަނީ އަނެއްކާ ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!