ޗެލްސީއަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް ޓެމީ އަބްރަހަމް އިޓަލީގެ ރޯމާއަށް ބަދަލުވެއްޖެއެވެ.
އަބްރަހަމް ރޯމާއަށް ބަދަލުވެފައި މިވަނީ ފަސްއަހަރުގެ އެއްބަސްވުމެއްގެ ދަށުން 40 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއަކަށެވެ. އުމުރުން 23 އަހަރުގެ އަބްރަހަމް ވަނީ ޗެލްސީގެ ޖޯޒީގައި 82 މެޗުކުޅެ 30 ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައެވެ.
ރޯމާއަށް ބަދަލުވުމަށް ފަހު އަބްރަހަމް ބުނެފައި ވަނީ މިހާރު ރޯމާއަކީ ރަނގަޅު ފެންވަރުގެ ކާމިޔާބީތަކެއް ހޯދޭ ފެންވަރުގެ ކުލަބެއް ކަމަށެވެ. ވުމާއެކު މި ކުލަބަށް ކާމިޔާބީ ހޯދުމުގައި އޭނާއަށް ލިބިފައިވާ ތަޖުރިބާގެ ބޭނުން ހިފައި އެކަން ހާސިލް ކުރުމަށް ގަދައަޅާ މަސައްކަތް ކުރާނެ ކަމަށެވެ.
އަބްރަހަމް ރޯމާއަށް ބަދަލުވެފައިވާއިރު މި ސީޒަންގައި ރޯމާއަށް ކޯޗު ކޮށްދެނީ ޗެލްސީއަށް ކޯޗުކޮށްދީ އެ ޓީމަށް ގިނަ ކާމިޔާބީ ތަކެއް ހޯދައިދިން ހޯސޭ މޮރީނިއޯއެވެ. މިއީ ވެސް އަބްރަހަމްއަށް ރޯމާގައި ރަނގަޅު ކުޅުމެއް ދެއްކުމަށް ފަސޭހަވެގެންދާނެ ސަބަބެކެވެ.
އަބްރަހަމް ފުރަތަމަ އިންގްލެންޑްގެ ޤައުމީ ޓީމުގައި ހިމެނިފައިވަނީ 2019 ވަނަ އަހަރުއެވެ. އޭނާ ވަނީ އިންގްލެންޑްގެ ޤައުމީ ޓީމަށް ހަ މެޗު ކުޅެދީ އެއް ލަނޑު ޖަހައި ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!