ރަށުގެ ޓޫރިޒަމް ޕްރޮމޯޝަން ބޯޑު އުފެއްދުން (1) އަދަދާއި ގުޅޭ:
ކޮންމެ ގޮތަކަށް ބޯޑު އެކުލަވާލިޔަސް، މީގައި މުހިންމު ކަމަކީ އެ ބޯޑުން ކުރާނެ މަސައްކަތްތައް ބޯޑުގައި ހިމެނޭ ފަރާތްތަކަށް ނުވަތަ މުވައްޒަފުންނަށް ސާފުކޮށް އެނގިފައި އޮތުމާއި، ސީދާ ރަށުގެ ޓޫރިޒަމް ކުރިއެރުވުމަށް ފޯކަސްކޮށްގެން ކައުންސިލަށް އެހީތެރިވެދިނުމަށްޓަކައި އެ މަސައްކަތްތައް ހަލުވިކަމާއެކު އަވަހަށް އަދި ބާރަށް ކުރިއަށް ގެންދިޔުމެވެ.
ރަށުގެ ޓޫރިޒަމް ޕްރޮމޯޝަން ބޯޑުން ކުރާނެ މަސައްކަތްތައް
ކުރިން ވެސް ދެންނެވުނު ފަދައިން، ރަށުގެ ޓޫރިޒަމް ޕްރޮމޯޝަން ބޯޑުން ކުރާނީ ހަމައެކަނި ރަށުގެ ޓޫރިޒަމް އިޝްތިހާރުކުރުމާއި މާކެޓްކުރުމުގެ މަސައްކަތް އެކަންޏެއް ނޫނެވެ. އޭގެ ބަދަލުގައި، މި ބޯޑުގެ މެންޑޭޓް ނުވަތަ މަސައްކަތްތައް އެއަށްވުރެ ފުޅާ ދާއިރާއެއްގައި، އަދި ވަށާޖެހޭ ގޮތަށް ބައްޓަންކުރެވިދާނެއެވެ. އަދި މި ބޯޑު އުފެއްދުމަށް ކައުންސިލުން ފާސްކުރާ ޤަރާރު ނުވަތަ ހުށަހެޅުމާއެކު، މި މަސައްކަތްތައް ވެސް ލިސްޓްކުރެވިފައި ހުރުން ރަނގަޅުވާނެއެވެ.
ރަށުގައި އުފައްދާ ޓޫރިޒަމް ޕްރޮމޯޝަން ބޯޑުން ކުރެވިދާނެ ނުވަތަ އެ ބޯޑާ ކުރަން ޙަވާލުކުރެވިދާނެ މަސައްކަތްތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނިދާނެއެވެ. އެހެންނަމަވެސް، ބޯޑުން ކުރާ ކޮންމެ މަސައްކަތެއް ވެސް ތަންފީޒުކުރަން ފެށުމުގެ ކުރިން ކައުންސިލުން ފާސްކުރަން ނުވަތަ އެންޑޯޒްކުރަން ޖެހޭ ގޮތަށް އޮތުން އެއީ މުހިންމު ކަމެކެވެ. ސަބަބަކީ، އެ ކަންކަމަށް ޤާނޫނީ ޙައިސިއްޔަތު ލިބޭނީ އޭރުން ކަމަށްވާތީއެވެ.
1- ރަށުގެ ޓޫރިޒަމް ދާއިރާ ކުރިއެރުވުމަށް ރަށުގެ ރައްޔިތުންނާއެކު މަޝްވަރާކޮށް ޓޫރިޒަމް ޑިވެލޮޕްމެންޓް ޕްލޭން އެކުލަވާލައި ކައުންސިލަށް ހުށަހެޅުން
2- ރަށުގައި ގެސްޓްހައުސް، ޓޫރިސްޓް ބީޗް، ކަލްޗަރަލް ސެންޓަރ، ދާރުލްއާޘާރު، މޫދުކުޅިވަރު ސަރަހައްދު، ރެސްޓްރޯންޓް، އަދި އެ ނޫން ވެސް އެ ފަދަ ޓޫރިޒަމްގެ ވިޔަފާރިއަށް އެކަށީގެންވާ ބިންބިމާއި، ސަރަހައްދުތައް ރައްޔިތުންގެ މަޝްވަރާއާއެކު ފާހަގަކޮށް ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ހިމެނުމަށް ކައުންސިލަށް ހުށަހެޅުން
3- ރަށުގައި ޓޫރިޒަމްގެ ވިޔަފާރި ކުރިއެރުވުމަށް ހުރި ފުރުޞަތުތަކާއި، ވަޞީލަތްތައް ދެނެގަތުމާއި އެ ކަންކަން އިތުރަށް ފުރިހަމަކުރުމަށް ކުރެވިދާނެ ކަންކަން ބަޔާންކޮށް ކައުންސިލަށް ހުށަހެޅުން
4- ރަށުގައި ޓޫރިޒަމްގެ ވިޔަފާރި ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ދަތިތައް ފާހަގަކޮށް، އެކަންކަން ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަން ބަޔާންކޮށް ކައުންސިލަށް ހުށަހެޅުން
5- ރައްޔިތުންގެ މަޝްވަރާއާއެކު ރަށުގައި ޓޫރިސްޓް ވިޔަފާރިތައް ހިންގުމާ ގުޅޭ ރަށު ގަވައިދުތަކާއި އުޞޫލުތައް ޑްރާފްޓްކޮށް، ކައުންސިލަށް ހުށަހެޅުން
6- ރައްޔިތުންގެ މަޝްވަރާއާއެކު، ރަށުގައި ޓޫރިސްޓް ވިޔަފާރިތައް މިންކޮށް ގިންތިކުރާނެ ގޮތުގެ މިންގަނޑުތައް އެކަށައަޅައި، ކައުންސިލަށް ހުށަހެޅުން
7- ރަށުގެ ޓޫރިސްޓް ވިޔަފާރިތަކަށް ހުއްދަ ދިނުމާއި ރަޖިސްޓްރީކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ އިދާރީ މަޝްވަރާއާއި އިންތިޒާމްތައް ތައްޔާރުކުރުމާއި ބެލެހެއްޓުން
8- ރަށުގެ ޓޫރިސްޓް ވިޔަފާރިތަކާއި ޓޫރިސްޓް މަންޒިލެއްގެ ގޮތުގައި ރަށް މާކެޓްކުރުމާއި އިޝްތިހާރުކުރުމަށްޓަކައި ސޯޝަލް މީޑިޔާގެ ވަޞީލަތްތަކާއި ވެބްސައިޓް ހަދައި ހިންގުމާއި، އެ ބާވަތުގެ އިތުރު ފުރުޞަތުތައް ރަށަށާއި، ރަށުގައި ޓޫރިސްޓް ވިޔަފާރިކުރާ ފަރާތްތަކަށް ހޯދައިދިނުން
9- ރަށުގައި ޓޫރިސްޓުންނަށް އަމާޒުކޮށް ބަހައްޓާނެ ބިލްބޯޑުތަކާއި، ލޮކޭޝަން ޗާޓުތަކާއި ނޯޓިސްތައް އެކި ބަސްބަހުން އެކުލަވާލައި، ބަހައްޓާނެ ތަންތަން ފާހަގަކުރުން
10- ރަށުގައި ޓޫރިސްޓް ހޮޓްލައިނެއް ޤާއިމްކުރުމާއި، ޓޫރިސްޓުންނަށް ދިމާވެދާނެ މައްސަލަތަކާއި ޓޫރިސްޓުންގެ ކޮމެންޓްތަކާއި ޝަކުވާތައް ރަސްމީކޮށް ބަލައިގަނެ، އެއްކޮށް ޖަމާކޮށް އެ ކަންކަން ކުރާ މައި ޗެނަލްކަމުގައި މި ހޮޓްލައިން ހެދުން
11- ރަށަށް ޒިޔާރަތްކުރާ ޓޫރިސްޓުން ރަށުގައި ހޭދަކުރާ މުއްދަތުގައި ޢަމަލުކުރަންވީ ގޮތާއި، ރަށުގެ މުޖުތަމަޢުގެ ތެރޭގައި ބަލައިނުގަންނާނެ ނުވަތަ ރަށުގެ ރައްޔިތުން ހިތްހަމަނުޖެހިދާނެ ކަންކަން ބަޔާންކޮށް އެ ބާވަތުގެ ލުއިފޮތްތަކާއި ލީފްލެޓްތައް އަދި ހޭލުންތެރިކުރުވާނެ މެޓީރިއަލް ތައްޔާރުކުރުން
12- ރަށުގެ ޓޫރިޒަމް ވިޔަފާރީގައި ޙަރަކާތްތެރިވާ އެންމެ ފަރާތްތަކާއެކު ގަވައިދުން ބައްދަލުވުންތައް ބާއްވާ އެ ފަރާތްތަކުގެ ކޮމެންޓްތަކާއި ޝަކުވާތައް އަދި ދަތިކަންކަން ހޯދައި އެކަންކަމަށް ޙައްލެއް ހޯދައިދިނުމަށް މަސައްކަތްކުރުން
13- ރަށުގެ ޓޫރިޒަމް ވިޔަފާރީގެ ކޮންޓްރޯލް ވަކި އެއްބަޔަކަށް ނާޖާއިޒު ގޮތުގައި ނުހޯދޭނެ ގޮތަށް އަދި ވިޔަފާރީގެ ވާދަވެރިކަމާއި އިންސާފު ގެއްލިދާނެ ކަންކަން ފާހަގަކޮށް އެކަންކަމަށް ކުރިއާލައި ފިޔަވަޅުތައް އެޅުން
14- ރަށުގެ ޓޫރިޒަމް ވިޔަފާރީގެ މަންފާ މުޅި ރަށާއި ރަށުގެ ރައްޔިތުންނަށް ލިބޭނެ ގޮތަށް ބައްޓަންކުރުމަށް ހޭލުންތެރިކުރުވުމާއި ބާރުއެޅުން
15- ރަށުގެ ޓޫރިޒަމްގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކާއި މުވައްޒަފުން އަދި ޢާންމުންނަށް ވެސް ކަމާ ގުޅޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި ތަމްރީނުގެ ފުރުޞަތުތައް ހޯދައިދިނުމަށް މަސައްކަތްކުރުން
16- ރަށުގެ ޓޫރިޒަމް ވިޔަފާރިއާ ގުޅޭ ތަފާސް ހިސާބުތައް ގަވައިދުން ނެގުމާއި، އެ ކަމާ ގުޅޭ ރިޕޯޓްތައް ގަވައިދުން އެކުލަވާލައި ކައުންސިލަށް ހުށަހެޅުން
އިސްވެ ދެންނެވުނު މަސައްކަތްތަކުގެ އިތުރުން ވެސް އެތައް ކަމެއް މި ބޯޑަށް ކުރެވިދާނެއެވެ. އަދި ބޯޑު އެކުލަވާލެވޭ ގޮތުގެ މައްޗަށް ބިނާކޮށް ބައެއް ކަހަލަ ހުއްދަތަކާއި، ބާރުތައް މި ބޯޑަށް ދިނުމަށް ވެސް ނިންމިދާނެއެވެ. އެހެންނަމަވެސް، އެންމެ މުހިންމު ކަމަކީ، މި ބޯޑާއި ކައުންސިލް ގުޅިގެން އެކުގައި މަސައްކަތްކުރުމެވެ. އެއީ، މި ބޯޑަކީ ކައުންސިލްގެ މަސައްކަތުގެ ބައެއް އަދާކުރާ ބޯޑެއް ކަމަށްވާތީއެވެ.
ރަށުގެ ޓޫރިޒަމްގެ ވިޔަފާރިއާ ގުޅޭ ގަވައިދުތައް
ކޮންމެ ތަނެއްގައި ވެސް، ކޮންމެ ކަމެއް ވެސް ރަނގަޅު ގޮތުގައި ކުރިއަށް ގެންދެވޭނީ އެ ކަން ވަކި ގޮތަކަށް ވަކި އުޞޫލަކުން ކުރާ ގޮތަށް ހަދައިގެންނެވެ. އެ ގޮތުން، ރަށުގައި ޓޫރިޒަމްގެ ވިޔަފާރި ވެސް ރަނގަޅު ގޮތުގައި، ހަރުދަނާކަމާއެކު އަދި އެންމެންނަށް ވެސް ހަމަހަމަ ފުރުޞަތުތައް ލިބި، އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި، ރަށުގައި ޓޫރިޒަމް ވިޔަފާރިތައް ހިންގުމާ ބެހޭ ގަވައިދުތައް ހަދަން ޖެހެއެވެ. އަދި މި ވިޔަފާރީގެ ބާވަތުން ރަށަށް ދިމާވެދާނެ ނުރަނގަޅު އަސަރުތައް ވެސް މަދުކުރުމަށްޓަކައި ވެސް މި ބާވަތުގެ ގަވައިދުތައް ރަށު ފެންވަރުގައި ހަދައި ތަންފީޒުކުރަން ޖެހެއެވެ.
މި ކަމަކީ ވެސް ޤާނޫނު ނަންބަރު 2020/31 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު – 9 ވަނަ އިޞްލާޙު) ގެ 22 ވަނަ މާއްދާގެ (ހކ) ގެ ދަށުން ރަށު ކައުންސިލްތަކަށް ލިބިގެންވާ ބާރެކެވެ. އެހެންކަމުން، ފުރަތަމަ މަރުޙަލާގައި ކައުންސިލުން ސީދާ މި ބާވަތުގެ ގަވައިދުތައް އެކުލަވާލުމުގެ ބަދަލުގައި، ރައްޔިތުންނާއި ކަމާ ބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު، އެ ރަށެއްގައި ޓޫރިސްޓް ވިޔަފާރި ހިންގުމަށް އެކުލަވާލާ ގަވައިދުތައް ޑްރާފްޓްކޮށް އެކުލަވާލުމުގެ މަސައްކަތް ރަށުގެ ޓޫރިޒަމް ޕްރޮމޯޝަން ބޯޑުން ކުރެވިދާނެއެވެ. މި މަސައްކަތް އެ ބޯޑުން ކުރުމަށް ފަހު، ގަވައިދުތައް ފާސްކުރުމަށްޓަކައި ކައުންސިލަށް ހުށަހަޅަމުން ގެންދިޔުން ރަނގަޅެވެ.
ރަށެއްގައި ޓޫރިޒަމް ވިޔަފާރި ހިންގުމަށްޓަކައި އެ ރަށަކަށް ޚާއްޞަކޮށް ގަވައިދުތައް ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ ކޮންމެ ރަށަކީ ވެސް އޭގެ ޒާތުގައި ތަފާތު ރަށަކަށްވާތީއެވެ. އެއް ރަށެއްގައި އެ ކަން ކުރާ ގޮތާއި، އަނެއް ރަށެއްގައި ކުރާ ގޮތާ ވެސް ތަފާތުތަކެއް ހުރެދާނެއެވެ. އެހެންވެ، އެ ރަށަކާއި އެ ރަށެއްގައި ހުރި ވަޞީލަތްތަކާއި ފުރުޞަތުތަކަށް ރިޢާޔަތްކޮށް ސީދާ އެ ރަށެއްގައި މި ކަން ކުރިއަށް ގެންދާނެ ގޮތް އެ ރަށެއްގެ ރައްޔިތުންގެ މަޝްވަރާއެކު ނިންމައި އެ ގޮތަށް ގަވައިދުތައް ހެދުން ރަނގަޅުވާނެއެވެ. އަދި އިސްވެ ދެންނެވި ފަދައިން، އެއީ ކައުންސިލްތަކަށް ޤާނޫނުން ލިބިފައިވާ ބާރެއް ވެސް މެއެވެ. (ނުނިމޭ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!