ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށްބުނެ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މައްސަލަ ބަލަން އެ ކޯޓުން ނިންމާފައިވާކަމަށާއި، އެކަމުގައި އެ ކޯޓުން އަމަލުކޮށްފައި ވަނީ، އެ ކޮމިޝަންގެ މުސްތަގިއްލުކަމާމެދު ސުވާލު އުފެދޭގޮތަށްކަމަށް އެޗްއާރުސީއެމްއިން ބުނެފިއެވެ.

މިކަމާއި ގުޅޭގޮތުން އެޗްއާރުސީއެމްއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، 2020 ވަނަ އަހަރު ރާއްޖެއަށް އެތެރެކުރި 98 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުކުރި ދެމީހަކު ދޫކޮށްލަން ނިންމައި އަދި އެމައްސަލައިގައި އެ ކޮމިޝަނުން ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށްބުނެ އެ ކޮމިޝަނުގެ މައްސަލަ ބަލަން އެ ކޯޓުން ނިންމާފައިވާ ކަމަށެވެ.

Ad
rt

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 189 ވަނަ މާއްދާގައި ހިއުމަން ރައިޓްސް ކޮމިޝަނަކީ، ވަކި ފަރާތަކަށް ބުރަނުވާ މުސްތަގިއްލު މުއައްސަސާއެއް ކަމަށާއި، އެ ކޮމިޝަންގެ އިންސާނީ ޙައްޤުތައް ކުރިއެރުވުމުގައި މަސައްކަތް ކުރަންވާނީ އެއްވެސް ފަރާތަކަށް ބުރަވުމެއްނެތި، ތަޢައްޞުބުން އެއްކިބާވެ ތިބެކަމަށް ޞަރީޙަ ޢިބާރާތުން ބުނެފައިވާއިރު މިކަމަށް ރިޢާޔަތްކުރުމެއްނެތި އެ ކޮމިޝަނުގެމިނިވަންކަމާއި މުސްތަޤިއްލުކަމާމެދު ސުވާލު އުފެދޭގޮތަށް މި މައްސަލާގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމަލުކުރައްވާފައިވާ ކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފަވެއެވެ.

ހިތަދޫ ކޯޓުގެ ދެ އަމުރަކުން، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ 21 ވަނަ މާއްދާގައި ކޮމިޝަނަށް ލިބިގެންވާ ބާރުތަކަށް ރިޢާޔަތްކޮށް ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން 10 ދުވަހުގެ ތެރޭގައި މައްސަލަ ބަލަން އަމުރުކޮށްފައިވުމަކީ، އެ ކޮމިޝަނަށް ޤާނޫނީ ގޮތުން ލިބިފައިވާ ބާރުތައް ހަނިވެ މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ހުރަސްތަކެއް ކުރިމަތިވާނެކަމެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފަވެއެވެ.

"މި އަމުރުތަކާ ގުޅިގެން ކޮމިޝަނުގެ އެދުމަކަށް ބޭއްވި ބައްދަލުވުމެއްގައި މި އަމުރުކުރަންޖެހުނީ އެ ކޯޓުގައި ސިޓީ ފޯމެޓެއް ނެތުމުންނާއި އެ ކޯޓުގައި އޮތީ ހަމައެކަނި އަމުރު ފޯމެޓުކަމަށާއި އަދި މައުލޫމާތު ހޯދުމަށް އެހެނިހެން އިދާރާތަކަށްވެސް އެ ކޯޓުން ފޮނުވަނީ ކޯޓު އަމުރުން ކަމަށް ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ހާމަކޮށްފައެވެ." އެބަޔާނުގައި ބުނެފަވެއެވެ.

އެޗްއާރުސީއެމްއިން ބުނެފައި ވަނީ، މި އަމުރުތަކުން ހޯދަން އެދިފައިވާފަދަ މަޢުލޫމާތުތަކަކީ ކޯޓުތަކުން އެ ކޮމިޝަނަށް ލިޔުމުން އެދުމުން، ފޯރުކޮށްދެމުންދާ މަޢުލޫމާތުތަކެއް ކަމަށެވެ.

"ހިނގަމުންދާ ޝަރީޢަތެއްގައި މިފަދަ މަޢުލޫމާތަށް އެދުމުންވެސް، އެ މަޢުލޫމާތެއް ހޯދުނު އެންމެ އަވަސް މުއްދަތެއްގައި ހޯދައި މި ކޮމިޝަނުން
ވާނީ އެފަދަ މައުލޫމާތު ކޯޓުތަކަށް ފޯރުކޮށްދީފައެވެ. ހަމަ އެފަދައިން، ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މި ކޮމިޝަނަށް ކޮށްފައިވާ ދެ އަމުރުގައި
ބަޔާންކޮށްފައިވާ ފަރާތްތަކާގުޅޭ މައްސަލަތައް ކޮމިޝަނުގެ ސަމާލުކަމަށް އައުމުން މި ކޮމިޝަނުން ދަނީ އެމައްސަލަ ތަޙުޤީޤު ކުރަމުންނެވެ." އެ ކޮމިޝަނުން ބުނެފަވެއެވެ.

އެހެންނަމަވެސް، ހިތަދޫ މެޖިސްޓްރޭޓް ކޯޓުން 10 ދުވަހުގެ ތެރޭގައި މައްސަލަ ބަލަން އަމުރުކޮށް އެ ކޮމިޝަނުގެ މައްޗަށް ކޮށްފައިވާ
ދެ އަމުރަށް 01 ޖުލައި 2021 ގައިވަނީ، އެ ކޮމިޝަނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހަޅާފައި ކަމަށާއި، އަދި އެ ކޯޓުގެ ރަޖިސްޓްރާގެ ނިންމުން މުރާޖަޢާ ކުރުމަށްވެސް ވަނީ ހުށަހަޅާފައި ކަމަށް އެޗްއާރުސީއެމްއިން ބުނެފަވެއެވެ.

"ހިތަދޫ މެޖިސްޓްރޭޓް ކޯޓު ގެ ބަންދު މުރާޖަޢާކޮށް ނިންމިގޮތުގައި، ހިއުމަން ރައިޓްސް ކޮމިޝަނުން ހިތަދޫ ކޯޓުގެ ކޯޓު އަމުރާ އެއްގޮތަށް ޢަމަލުކޮށްފައިނުވާތީ، ކޯޓުގެ އަމުރަށް ނުކިޔަމަންތެރި ވުމުގެ މައްސަލަ ބެލުމަށް ނިންމާފައިވެއެވެ. އެހެންކަމުން، މިހާރު ކޮމިޝަނުން ދަނީ މި މައްސަލަ އިސްތިއުނާފު ކުރުމުގެ މަސައްކަތްކުރަމުންނެވެ. އަދި މި މައްސަލާގައި ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވާ ނިންމުންތަކާއި ޢަމަލުކޮށްފައިވާ ގޮތާމެދު މި ކޮމިޝަނުގެ ކަންބޮޑުވުންތައް ހުރުމުން މި މައްސަލަ ބަލައިދިނުމަށް އެދި ޖުޑީޝިއަލް ސަރވިސް ކޮމިޝަނަށް ވާނީ ހުށަހަޅާފައެވެ." އެބަޔާނުގައި އިތުރަށް ބުނެފަވެއެވެ.

އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް އެޗްއާރުސީއެމްއިން ކުރާ މަސައްކަތް މިނިވަންކަމާއެކު، ތަޢައްޞުބުން އެއްކިބާވެ ތިބެ
ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންނަށް ދޭ ކަމަށް ވެސް އެޗްއާރުސީއެމްގެ މި ނޫސްބަޔާނުގައި ބުނެފަވެއެވެ.