ސްޕެނިޝް ލަލީގާގައި އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑު ކުޅުނު ފުރަތަމަ މެޗުގައި ސެލްޓަވީގޯ އަތުން ހަނިގޮތަކަށް މޮޅުވިއިރު، ބާސެލޯނާ ވެސް އެ ޓީމުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅު ކޮށްފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ސެލްޓަވީގޯގެ ދަނޑުގައި ކުޅުނު މި މެޗު އެތުލެޓިކޯއިން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

Ad
rt

ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ އެތުލެޓިކޯއިންނެވެ. މި ލަނޑު 23 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އޭންހެލް ކޮއްރެއާއެވެ.

މެޗުގެ ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލަނޑުޖަހައި ސެލްޓާއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައި ވަނީ އިއާގޯ އަސްޕާސްއެވެ. ނަމަވެސް އޭގެ ފަސްމިނެޓް ފަހުން ކޮއްރެއާ ވަނީ އިތުރު ލަނޑެއްޖަހައި މެޗުގައި އެތުލެޓިކޯއަށް ދެވަނަ ފަހަރަށް ލީޑު ހޯދައިދީފައެވެ. ކޮއްރެއާ މި ލަނޑު ކާމިޔާބު ކޮށްފައި ވަނީ ސައުލް ނިގުއޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ.

ގިނަ ކާޑުތަކެއް ފެނިގެންދިޔަ މި މެޗުގައި ވަނީ ކޮންމެ ޓީމަކަށް ރަތްކާޑެއް ވެސް ދައްކާފައެވެ. މެޗުގެ ފުރިހަމަ ވަގުތުހަމަވެ ދެއްކި އިތުރުވަގުތުގެ ތެރޭގައި ދެ ޓީމްގެ ދެމެދުގައި ހިނގި ހަމަނުޖެހުމަކާއި ގުޅިގެން ސެލްޓަވީގޯގެ ހޫގޯ މައްލޯއަށް އަދި އެތުލެޓިކޯގެ މާރިއޯ ހާމޯސޯއަށް ރެފްރީ ވަނީ ރަތްކާޑު ދައްކާފައެވެ.

އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑްގެ މައްޗަށް ބާސެލޯނާއިން ކުރި ހޯދާފައި ވަނީ 4-2 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގައި ބާސާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެ ޓީމުން މެޗުގައި ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައި ވަނީ ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައެވެ. މި ލަނޑު މެންފިސް ޑިޕާއީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޑިފެންޑަރ ޖެރާޑް ޕީކޭއެވެ. މެޗުގެ ފުރަތަމަ ހާފުގެ ފަހުވަގުތު ޑި ޖޮން ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ބާސާގެ ޑެންމާކް ފޯވާޑް ބްރެތުވައިޓް ވަނީ ލަނޑުޖަހައި ލީޑު ފުޅާކޮށްފައެވެ.

މެޗުގެ 59 ވަނަ މިނެޓުގައި ބްރެތުވައިޓްގެ ދެވަނަ ގޯލާއިއެކު ބާސާއަށް ވަނީ ތިން ލަނޑުގެ ލީޑެއް ލިބިފައެވެ. ނަމަވެސް ސޮސިއެޑާޑުން ވަނީ ކައިރިކައިރީގެ ދެ ލަނޑު ޖަހައި ބާސާ ޕްރެޝަރަށް ވައްޓާލާފައެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު 82 ވަނަ މިނެޓުގައި ލޮބެޓޭ ކާމިޔާބު ކޮށްދިންއިރު، ދެވަނަ ލަނޑު 85 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އޮޔާޒަބަލްއެވެ. ނަމަވެސް ބާސާއިން ވަނީ މެޗުގެ ފުރިހަމަ ވަގުތުހަމަވެ ދެއްކި އިތުރު ވަގުތުގައި ލަނޑުޖަހައި މެޗުގައި ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ސާޖިއޯ ރޮބާޓޯއެވެ.