މިއަހަރުގެ ޢާޝޫރާ ދުވަހަކީ މިހިނގާ އޯގަސްޓް މަހުގެ 18 ވާ ބުދަ ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެމިނިސްޓްރީން މިގޮތައް ދަންނަވާފައިވަނީ 1443 ވަނައަހަރުގެ ޢާޝޫރާ ދުވަހާގުޅޭގޮތުން އެމިނިސްޓްރީން މިއަދު ނެރުނު ދެންނެވުމެއްގައެވެ.
އެދެންނެވުމުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގައި ޢަމަލުކުރެވެމުންދާ އުޞޫލުގެ މަތީން 1443 ވަނައަހަރުގެ މުޙައްރަމް މަހުގެ 1 ވަނަ ދުވަހަކީ މިހިނގާ އޯގަސްޓް މަހުގެ 09 ވަނަދުވަސް ކަމަށްވާތީ، 1443 ވަނައަހަރުގެ މުޙައްރަމް މަހުގެ 10 ވަނަދުވަހަކީ (ޢާޝޫރާދުވަހަކީ) މިހިނގާ އޯގަސްޓް މަހުގެ 18 ވާ ބުދަދުވަސް ކަމުގަ އެވެ.
"އަހަރުފެށުމުގައި ޤައުމުތަކުގެ މެދުގައި ތަފާތުތަކެއް ހުރިނަމަވެސް ޢަމަލުކުރަންވާނީ އެބަޔަކު ދިރިއުޅޭ ތަނެއްގައި ޢަމަލުކުރެވޭ އުޞޫލުގެ މަތީން"
އެމިނިސްޓްރީގެ ދެންނެވުމުގައި ބުނެފައިވެއެވެ.
1443 ވަނައަހަރުގެ ޢާޝޫރާދުވަހުގެ ރޯދަ ހިފުމަށް ނަސޭޙަތްތެރިވާކަމަށާއި ޢާޝޫރާ ދުވަހުގެ (މުޙައްރަމް މަހުގެ 10 ވަނަ ދުވަހު) ރޯދަ ހިފުން ސުންނަތް ވެގެން ވާކަމަށް އެދެންނެވުމުގައި ބުނެފައިވެއެވެ. އަދި ޢާޝޫރާ ދުވަހު ރޯދަހިފުން ސުންނަތްވެގެންވާ ގޮތަކީ ޢާޝޫރާ ދުވަހުގެ ކުރީދުވަހާއެކު ނުވަތަ ޢާޝޫރާ ދުވަހާއި އެދުވަހުގެ ފަހު ދުވަހާއެކު ރޯދަހިފުމެވެ.
ޢާޝޫރާ ދުވަހަކީ، މޫސާ ޢަލައިހިއްސަލާމް، ފިރްޢައުނުގެ ނުބައިކަމުން މާތްﷲ ސަލާމަތްކޮށްދެއްވި ދުވަހެވެ. ބަނީ އިސްރާއީލު މީހުންނާއެކުގައި މޫސާގެފާނު ކަނޑުގެ އައްސޭރިއަށް ނުކުމެވަޑައިގެންހިނދު، ﷲ ސުބުޙާނަހޫ ވަތަޢާލާ މޫސާގެފާނަށްދެއްވި އެންމެ މަތިވެރި އެއް މުޢުޖިޒާތް ދެއްކެވިއެވެ. އެއީ އެކަލޭގެފާނުގެ ޢަޞާކޮޅުން ޖެއްސެވުމުން ކަނޑު ދެފަޅިވެ، މޫސާގެފާނާއި ބަނީ އިސްރާއީލުން ކަނޑު ހުރަސްކުރުމަށް މަގެއް ހެދުނެވެ. މޫސާގެފާނާއި ބަނީ އިސްރާއީލުން ކަނޑު ހުރަސްކުރުމުން، ދެފަރާތަށް ކެހިފައިވާ މަގުގެ ފެންގަނޑު ފެތުރި ފިރުޢައުނާއި އޭނާގެ ލަޝްކަރު ކަނޑުވެ ޣަރަޤުވެގެން ދިޔައެވެ.
ކީރިތި ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް މަދީނާއަށް ހިޖުރައަށް ވަޑައިގެންނެވިއިރު ޔަހޫދީން މޫސާގެފާނު ފިރުޢައުނުގެ ކިބައިން ސަލާމަތްކޮށްދެއްވި ދުވަސް ފާހަގަކޮށް އެކަމަށް ޝުކުރުވެރިވުމުގެ ގޮތުން ރޯދަ ހިފަމުން ދިޔައެވެ. މޫސާގެފާނަށް ލިބިވަޑައިގެންނެވި ކާމިޔާބީއަށްޓަކައި އުފާފާޅުކުރުން އެންމެ އައުލާވެގެންވަނީ މާތް ނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ކަމުގައި ދެކެވަޑައިގެން ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު އެދުވަހުގައި ރޯދަ ހިއްޕެވިއެވެ. އަދި ޔަހޫދީންނާ ޚިލާފުވުމުގެ ގޮތުން އެދުވަހުގެ ކުރީން އެއްދުވަސް ނުވަތަ ފަހުން އެއްދުވަހު ރޯދަ ހިފުމަށް އިރުޝާދު ދެއްވެވިއެވެ.
ޢާޝޫރާ ދުވަހަކީ އިސްލާމީ ތާރީޚްގައި ވަރަށް ހިތާމަވެރި ހާދިސާއެއްވެސް ހިގާފައިވާ ދުވަހެކެވެ. އެއީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކާފަދަރިކަލުން، ޙުސައިންގެފާނު ޝަހީދުކޮށްލި ދުވަހެވެ. މި ހާދިސާ ހިނގާފައިވަނީ މުސްލިމުންގެ މެދުގައި ހިނގި ފިތުނަތަކަކާއި ލޭ އޮހޮރުވުންތަކެއްގެ ތެރޭގައެވެ. އެ ހާދިސާ ހިނގީ ހިޖުރައިން 61 ވަނަ އަހަރު މުޙައްރަމް މަހުގެ 10 ވަނަ ދުވަހުއެވެ. އެއީ މީލާދީން 680 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 2 ވަނަ ދުވަހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!