ފަތުރުވެރިއެއްގެ ލަގެޖުން ގިނަ އަދަދެއްގެ ފައިސާ ވަގަށްނަގައިފި އެވެ.

ފުލުހުން ވިދާޅުވީ، ގއ. އަތޮޅު ރިސޯޓަކުން ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިއެއްގެ ލަގެޖުން ގިނަ އަދަދެއްގެ ފައިސާ ވަގަށްނެގިކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

Ad
rt

މިމައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ އިއްޔެގަ އެވެ. މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެއްގެ އިތުރުން 36 އަހަރުގެ މީހަކާ އަދި 37 އަހަރުގެ މީހެކެވެ. މި ހަތަރު މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މިމީހުންގެ ތެރޭގައި ހިމެނެނީ އެރިސޯޓުގެ 3 މުވައްޒަފުންނާއި އެއަރޕޯޓުގައި މަސައްކަތް ކުރާ މީހެކެވެ.

މި މައްސަލައާ ގުޅިގެން، އެ ފައިސާތައް ހޯދުމަށް ފުލުުހުންކުރި މަސައްކަތުން 10000 ޔޫރޯ މިހާތަނަށްވަނީ ހޯދާފައެވެ. އަދި އެ ފައިސާތައް މިހާރުވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފައެވެ.

މި މައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.