ރާއްޖެއަށް މުދާ އިމްޕޯޓު ކުރާ ފަރާތްތަކުން މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) ގެ އޮންލައިން ޕޯޓަލް “މައި ބަނދަރު” މެދުވެރިކޮށް ފައިސާ ދައްކަން ޖެހޭ ގޮތްހަދައިފިއެވެ.
މި ބަދަލު އެ ކުންފުނިން ގެނެސްފައިވަނީ އިއްޔެއިން ފެށިގެންނެވެ. ޕޯޓަލް މެދުވެރިކޮށް ފައިސާ ބަލައިގަންނަން ފަށާނެ ކަން މިދިޔަ މަހު އެމްޕީއެލް އިން ވަނީއަންގައިފައެވެ.
މި ބަދަލާއެކު ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކެން ހުންނަ ހިދުމަތްތަކަށް، ބޭންކަށް ސީދާ ފައިސާ ޖަމާކޮށްގެން ފައިސާ ބަލައި ނުގަންނާނެއެވެ. އަދި ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކުމުން، ޕޯޓަލް މެދުވެރިކޮށް ރަސީދުވެސް ލިބޭނެއެވެ.
އެމްޕީއެލް އިން ބުނީ ޕޯޓަލް މެދުވެރިކޮށް ނުލިބޭ ހިދުމަތްތަކަށް ފައިސާ ދެއްކުމުގައި އަދިވެސް އަމަލު ކުރާނީ ކުރިން އަމަލު ކުރަމުން އައި ގޮތަށް ކަމަށެވެ.
އެ ކުންފުނިން މައި ބަނދަރު ޕޯޓަލް ތައާރަފު ކުރީ ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް ދެވޭ މާލީ ހިދުމަތްތައް ކުރިއަރުވައި ޗެކާއި ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށެވެ.
ފިނޭންސް މިނިސްޓްރީންވެސް ވަނީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ފައިސާ ބަލައިގަތުމަށް އަންގައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!