އަފްގާނިސްތާނުގެ ރައީސް އަޝްރަފު ޣަނީ ގައުމު ދޫކޮށް ވަޑައިގަތުމާއެކު ތާލިބާނުން އެ ގައުމުގެ ވެރިރަށް ކާބުލް ހިފައިފިއެވެ.
ތާލިބާނުގެ ޕޮލިޓިކަލް ބިއުރޯ ހިންގުމާ ހަވާލުވެހުރި މުއްލާ އަބްދުލް ގަނީ ބަރާދަރު ވީޑިއޯ މެދުވެރިކޮށް ދިން ބަޔާނެއްގައި ބުނެފައިވަނީ ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދިނުމުގައި ހަގީގީ އިމްތިހާނާ ކުރިމަތިވާނީ ގައުމު ހިންގުމާ ހަވާލުވުމަށްފަހު ކަމަށެވެ. މިއާއެކު ތާލިބާނު ލީޑަރުން ގައުމުގެ އެންމެ އިސް ރިޔާސަތުގައި ތިބޭ ފޮޓޯތަކެއް ވަނީ އާއްމުކޮށްފައެވެ.
އަޝްރަފު ޣަނީ ގައުމު ދޫކުރައްވައި ވަޑައިގަތުމަށްފަހު ފޭސްބުކް މެދުވެރިކޮށް ވިދާޅުވީ ގައުމު ދޫކުރައްވައި ވަޑައިގެންނެވީ ގައުމުގައި އިތުރު ލޭ އޮހޮރުވުމަކަށް ޖާގަ ދެއްވަން ބޭނުންފުޅު ނުވާތީ ކަމަށެވެ. އަދި މަގާމުގެ ދިފާއުގައި އިތުރަށް ހަނގުރާމަކުރަން ގަސްދު ކޮށްފިއްޔާ، ބޮޑު ލޭއޮހޮރުވުމެއް ހިނގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ތާލިބާނުން ބުނި ގޮތުގައި އެޖަމާއަތުގެ ހަނގުރާމަވެރިން ކާބުލްއަށް ވަނީ ރޭގެ ވަގުތެއްގައެވެ. އަދި ސިޓީއަށް ވަންނަން ޖެހުނީ، ރަށު ތެރޭގެ ސަލާމަތީ ކަންތައްބަލަހައްޓަން ތިބި ފުލުހުންނާއި ސިފައިން، ވަޒީފާއާއި މަސްއޫލިއްޔަތުތައް ދޫކޮށްލާފައި، ގެތަކަށް އެނބުރި ދިއުމުން، ރަށުގެ ސަލާމަތީ ކަންތައް ބެލެހެއްޓުމުގެ މަގްސަދުގައިކަމަށް އެ ޖަމާއަތުން ވަނީ ބުނެފައެވެ.
އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަފްގާނިސްތާނުގައި ތިބި ބޭރުގެ ޑިޕްލޮމޭޓުންނަށް އެއްވެސް ބިރެއް ނެތް ކަމަށެވެ. އަދި އެމީހުންގެމަސައްކަތާއިގެން ކުރިއަށް ދެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!