ކުޑަކުދިން ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ މިންވަރު ދެނެގަތުމަށް "ރިސްކް އެސެސްމަންޓް" ހަދަން ކޭސް ވޯކަރުންނަށް އިތުރު ތަމްރީނު ދޭން ޕްރޮގްރާމެއް ފަށާފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ ޔޫއެންއޯޑީސީއާ ގުޅިގެން ޑިޕާރޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިން ފެށި މިތަމްރީން ޕްރޮގްރާމް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް އަލީ ނަޛީރު ކަމަށެވެ.
މިނިސްޓްރީން ބުނިގޮތުގައި މިއީ ކުޑަކުދިންގެ އަދުލުގެ ޤާނޫނަށް އަމަލުކުރަން ފެށުމާއެކު, ޑިޕާރޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ މަސައްކަތްތައް ހަރުދަނާކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން ޔޫއެންއޯޑީސީއާ ގުޅިގެން އެޑިޕާރޓްމަންޓްގެ ޓެކްނިކަލް މުވައްޒަފުން ތަމްރީނުކުރުމަށް ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެއް ކަމަށެވެ .
މިތަމްރީން ޕްރޮގްރާމްގައި ކިޔަވައިދެއްވަނީ ޔޫއެންއޯޑިސީގެ ތަޖުރިބާކާރު ބޭފުޅުން ކަމަށާއި، ރިކްސް އެސެސްމަންޓަކީ ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅުމުގެ ފުރުޞަތު އޮތްކަން ފާހަގަކުރެވިގެން ޑިޕާރޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް މައްސަލަ ހުށަހެޅުމުން ކުއްޖާގެ ހާލަތު ދެނެގަތުމަސް ހަދާ އެސެސްމަންޓުތައް މި ޕްރޮގްރާމުގައި ކިޔައިދޭނެ ކަމަށެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިތަމްރީނު ޕްރޮގްރާމްގެ ބޭނުމަކީ ކުދިންގެ ރައްކާތެރިކަމާއި, މަސްލަހަތަށް އިސްކަންދީގެން އެސެސްމަންޓް ފުރިހަމަކޮށް ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ހުނަރުތައް އިތުރަށް ތަރައްޤީކުރުން ކަމަށް މިނިސްޓްރީޏް ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!