އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަދި ލިވަޕޫލް ކުޅުނު މެޗުތައް ފަސޭހަކަމާއިއެކު އެ ޓީމްތަކުން ކާމިޔާބުކޮށް ލީގުގެ ފެށުން ރަނގަޅު ކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ޗެލްސީ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ ކްރިސްޓަލް ޕެލަސްއާއި ވާދަކޮށް 3-0 ގެ ނަތީޖާއަކުންނެވެ.

Ad
rt

މި މެޗުގައި ޗެލްސީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ މެޗުގެ 27 ވަނަ މިނެޓުގައި ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބު ކޮށްދީފައި ވަނީ މާކޮސް އެލަންސޯއެވެ. ދެވަނަ ލަނޑު ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދީފައި ވަނީ ކްރިސްޓިއަން ޕްލިސިޗެވެ. މެޗުގައި ޗެލްސީން ޖެހި ތިންވަނަ ލަނޑު 58 ވަނަ މިނެޓުގައި މަޓެއޯ ކޮވެސިޗް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޒުވާން ޑިފެންޑަރ ޗަލޫބާއެވެ.

ހޮނިހިރު ދުވަހުގެ ރޭ ލިވަޕޫލާއި ނޯވިޗް ސިޓީ ބައްދަލުކުރި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ލިވަޕޫލުން ކާމިޔާބުކުރި ފުރަތަމަ ލަނޑު 26 ވަނަ މިނެޓުގައި ސަލާހް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޑިއެގޯ ޔޮޓާއެވެ. ލިވަޕޫލުން ލީޑު ފުޅާކޮށްފައި ވަނީ މެޗުގެ 65 ވަނަ މިނެޓުގައި އެ ޓީމްގެ ބްރެޒިލް ފޯވާޑް ފިރްމީނޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މެޗުގައި ލިވަޕޫލުން ކާމިޔާބުކުރި ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ މުޙައްމަދު ސަލާހްއެވެ. މި ލަނޑާއިއެކު ސަލާހަށް ވެގެން ގޮސްފައި ވަނީ ޖެހިޖެހިގެން ފަސް ސީޒަންގެ ފުރަތަމަ މެޗުގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާއަށް ވެފައެވެ.

މި މެޗުގައި ލިވަޕޫލްގެ އިތުބާރު ޑިފެންޑަރ ވެންޑައިކް ވަނީ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައެވެ. މިއީ މިދިޔަ އަހަރު އޮކްޓޯބަރ މަހު ކަކުލަށް ލިބުނު އަނިޔާއިން ރަނގަޅުވެގެން އޭނާ ކުޅުނު ފުރަތަމަ މެޗެވެ.

ޕްރިމިއާ ލީގުގެ މެޗުތައް މިރޭ ވެސް އޮންނާނެއެވެ. އެންމެ ފާހަގަކޮށްލެވޭ މެޗަކީ މިރޭ 20:30 ގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ޓޮޓެންހަމް ބައްދަލުކުރާ މެޗެވެ.