އަތޮޅުތެރޭގެ ރަށްރަށުގައި 60 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށް އަދިވެސް ބައެއް އެހެން ޝަރުތުތައް ފުރިހަމަވާ ނަމަ ވެކްސިން ނުޖަހާ ފަތުރުވެރިންނަށް އެ ރަށްރަށަށް ދެވޭނެ އުސޫލެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅައިފިއެވެ.

އެޗްޕީއޭއިން އާންމުކުރި އުސޫލުގައި ވަނީ މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓު ހައުސްތަކަށް ޗެކްއިން ކުރެވޭނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށް 14 ދުވަސް ހަމަވެފައިވާ ފަތުރުވެރިންނަށް އެކަނި ކަމަށެވެ. އެކަމަކު ވެކްސިން ނުޖަހާ ފަތުރުވެރިންނަށް ވެސް ރަށުގެ އާބާސީން ވެކްސިން ޖަހާފައިވާ މިންވަރަށް ބަލާ ދަތުރުކުރެވޭނެ ގޮތް ވަނީ އާންމުކޮށްފައެވެ.

Ad
rt

މި އުސޫލުގެ ދަށުން ފަތުރުވެރިންނަށް ދެވޭނީ އެރަށެއްގެ އާބާދީގެ 60 އިންސައްތަ މީހުންގެ އިތުރަށް ފަތުރުވެރިންނަށް ހިދުމަތްދޭ މީހުންގެ 95 އިންސައްތަ ވެކްސިން ފުރިހަމަކޮށްފައިވާ ނަމައެވެ. އަދި އެރަށެއްގެ އާބާދީގެ 65 އަހަރުން މަތީގެ މީހުންގެ 90 އިންސައްތަ މީހުން ވެކްސިން ފުރިހަމަކުރަން ޖެހެއެވެ.

މިގޮތަށް ވެކްސިން ޖަހާފައިވާކަމަށް ބަލާނީ ވެކްސިން ފުރިހަމަކޮށް 14 ދުވަސް ހަމަވެފައިވުމުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން މި އުސޫލު އާންމުކޮށްފައިވާއިރު، މާލެ ސަރަހައްދުގައި މި ޝަރުތުތައް ފުރިހަމަނުވާތީ މާލެ ސަރަހައްދަށް ވެކްސިން ފުރިހަމަނުވާ ފަތުރުވެރިން ޗެކްއިން ވުން ވަނީ މަނާކޮށްފައެވެ.