މިދިޔަ މޭ މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގު ޓީމަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބު އައްބާސް ފާއިޒް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

އައްބާސް ކުރެއްވި ޓުވީޓުގައި އޭނާ ވިދާޅުވީ، ތަހުގީގުގެ ފުރަތަމަ މަރުހަލާ މިހާރު ނިމިފައިވާ ކަމަށެވެ. އެހެންވެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ތަހުނިޔާ ވިދާޅުވެފައިވާއިރު، އެ ހަމަލާގައި އަމަލީގޮތުން ބައިވެރިވި ހަތަރު މީހުންގެ މައްޗަށް ދައުވާ އުފުލާފައިވާކަން ފާހަގަކުރައްވާ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް އަށް ވެސް ތަހުނިޔާ ވިދާޅުވެފައިވެއެވެ.

Ad
rt

އެ ހަތަރު މީހުންގެ މައްޗަށް ކުރެވޭ ދައުވާގެ ޝަރީއަތް އަންނަ މަހު ފެށޭނެ ކަމަށް ޕީޖީ ލަފާކޮށްފައިވާއިރު، ޕީޖީ ވަނީ އެ ޝަރީއަތް އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދަން ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ.

އައްބާސް ވަނީ ޕީޖީގެ އެ ހުށަހެޅުއްވުމަށް ވެސް ތާއިދުކުރައްވާފައެވެ.

އެ މައްސަލާގެ ތަހުގީގުގައި އަދިވެސް އިތުރުކަންކަން ބަލަމުން އަންނައިރު، ހަމަލާއަށް ބަޔަކު ފަންޑުކުރިތޯ ބެލުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރިއަށެވެ. އަދި މައްސަލާގައި ތުހުމަތުކުރެވޭ ބައެއް އެހެން މީހުންގެ މައްޗަށް ކުރެވޭ ތަހުގީގުތައް ވެސް ދަނީ ކުރިއަށެވެ.