ނަމާދުގައި ރަޙުމަތުގެ ނުވަތަ ޢަޒާބުގެ އާޔަތެއް ކިޔެވުމާއެކު ދުޢާކުރުން

A0C072AF-2D43-4317-BD72-18AB4F08DA38

އަޅުގަނޑުމެން މުސްލިމުންގެ އެންމެ މަތިވެރި އެއް ޝިޢާރަކީ ރެއަކާއި ދުވާލު ފަސްވަގުތު އަޅުގަނޑުމެން ކުރަމުންއަންނަ ނަމާދެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އެތައް ނަބަވީ އިރުޝާދުތަކަކުން އަހަރެމެންނަށް ނަމާދުގެ މުހިންމުކަން އެނގެއެވެ.

އެއަޅުކަމަކާ ނުލާ މީހާގެ އިސްލާމްކަން ފުރިހަމަ ނުވާ އަޅުކަމަކަށް މިއަޅުކަން ވެފައިވާއިރު، މިމަތިވެރި އަޅުކަމުގެ ޙުކުމްތައް އަޅުގަނޑުމެންނަށް ކުޅަދާނަވީ މިންވަރަކުން ދަސްކޮށް ދެނެގަންނަންވާނެއެވެ. އިސްލާމްދީނުގައި ނަމާދަށް ދެވިފައިވާ ޤަދަރު އަޅުގަނޑުމެންނަށް އިނގޭނަމަ، އެނަމާދުގެ ޙުކުމްތައް ދެނެގަތުމަށް އަޅުގަނޑުމެން ޝައުޤުވެރިވާނެއެވެ. އެހެނީ މިނަމާދަކީ ހަމައެކަނި ބިންމަތީގައި ނިތްކުރި ތަޅާލާފައި ދާ ދިއުމެއްކަމުގައި ވާނަމަ، އިހުމާލުވެވިގެން މިދަނީ އިސްލާމްކަމުގެ ދެވަނަ ރުކުނަށެވެ.

ކޮންމެއަކަސް ނަމާދުގެ އެންމެ މުހިންމު އެއް މަޤާމަކީ، ޤުރްއާން ތިލާވަޔުކުރުމަށް ޤިޔާމުގައި ހުއްޓި ހުންނަ މަޤާމެވެ. އަޅުގަނޑުމެން ދިވެހިންނީ ސައްތައިންސައްތަ މުސްލިމުންނަށް ވީހިނދުވެސް، ޢަރަބި ބަހުގެ ތަޢުލީމަށް އެހާބޮޑު އިސްކަމެއް ދެވިފައިނުވާތީ، ގިނަ ދިވެހިންނަށް އަދި ޤުރްއާނުގައި އެވާ ޢަރަބި ބަހުގެ ދެލިގަނޑު ކިޔަން އެނގުނު ކަމުގައިވީނަމަވެސް، ކިޔެވޭ އެއްޗެއްގެ މާނަ ދެނެގަތުމަށް ތަރުޖަމާއެއް ބޭނުންވެއެވެ.

ނަމާދުގައި ތަރުޖަމާ ހިފައިގެން ނުހުރެވޭތީ، ނަމާދުގައި ޤުރްއާން ކިޔަވާހިނދު ކިޔެވޭ އާޔަތްތަކުގެ މާނަ ހިތައްނަގައިގަތުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެހެންކަމުން ކިޔެވޭ އާޔަތްތަކުގެ މާނަ ހިތަށް ނަގައިގަންނަށް ފަސޭހަ ކުރުމަށްޓަކައި އާންމުކޮށް ކިޔަވާ އާޔަތްތަކުގެ އިޖުމާލީ މާނަ ބަލާލާ ފަރިތަކޮށްލުމަކީ ވަރަށް ރަނގަޅުކަމަކަށްވާނެއެވެ. އަދި ނަމާދުގައި ޚުޝޫޢަތްތެރިވުމަށްވެސް މިކަމުން އެހީތެރިވެދޭނެއެވެ.

ނަމާދުގައި ޤިޔާމުގައިހުރެ ޤުރްއާން ތިލާވަތުކުރާއިރު ވަރަށް ބައިވަރު ވައްތަރުގެ އާޔަތްތަށް ކިޔެވޭނެއެވެ. އޭގެ ތެރެއިން ރަޙުމަތުގެ އާޔަތްތަކާއި ޢަޒާބުގެ އާޔަތްތަކުގެ ވާހަކަ ދައްކާލަމާތޯއެވެ. ރަޙުމަތުގެ އާޔަތްތަކަކީ ﷲގެ ރަޙުމަތުގެ ވާހަކަ ނުވަތަ ރަޙުމަތަށް ދަލާލަތު ކުރާ ވާހަކަތަކެއް ވާ އާޔަތްތަކެވެ. އަދި ޢަޒާބުގެ އާޔަތްތަކަކީ ﷲ އަށް އުރެދުނު މީސްތަކުންނަށް އެއިލާހު ދެއްވާ ޢަޒާބުގެ ވާހަކަތައް ވާ އާޔަތްތަކެވެ. މިދެވައްތަރުގެ އާޔަތްތަކުގެ ތެރެއިން އާޔަތެއް ކިޔެވޭހިނދު ކަންތައް ކުރަންވީގޮތް ބަޔާންކުރައްވައި ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމްވަނީ އަހަރެމެންނަށް ވަރަށް މަތިވެރި ޙަދީޘް ބަސްފުޅެއް ދޫކުރައްވާފައެވެ. އެއީ:

وَعَنْ حُذَيْفَةَ - رضي الله عنه - قَالَ: صَلَّيْتُ مَعَ النَّبِيِّ - صلى الله عليه وسلم - فَمَا مَرَّتْ بِهِ آيَةُ رَحْمَةٍ إِلَّا وَقَفَ عِنْدَهَا يَسْأَلُ, وَلَا آيَةُ عَذَابٍ إِلَّا تَعَوَّذَ مِنْهَا. أَخْرَجَهُ الْخَمْسَةُ, وَحَسَّنَهُ التِّرْمِذِيُّ

މާނަ: "ޚުޛައިފާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމާ އެކު އަހުރެން ނަމާދު ކުރީމެވެ. އެނަމާދުގައި އެކަލޭގެފާނުގެ ކިޔަވާ ވިދާޅުވުމުގައި، ރަޙުމަތުގެ އާޔަތެއް ކިޔަވާ ވިދާޅުވިއްޖެ ނަމަ ކިޔެވުން ހުއްޓާލެއްވުމަށްފަހު ރަޙުމަތަށް އެދި ދުޢާ ކުރަށްވަތެވެ. އަދި ޢަޛާބުގެ އާޔަތެއް ކިޔަވާ ވިދާޅުވިއްޖެ ނަމަ، ﷲގެ ޢަޛާބުން ރައްކާތެރިކަމަށް އެދި އެކަލޭގެފާނު ދުޢާ ކުރައްވަތެވެ." (ޞަޙީޙް)

(މިޙަދީޘް ރިވާ ކުރެއްވީ އިމާމް އަޙްމަދު، އަބޫ ދާވޫދު، އައްތިރްމިޛީ، އައްނަސާއީ އަދި އިބްނު މާޖާއެވެ. އަދި މިޙަދީޘާ މެދު އިމާމް އައްތިރްމިޛީ  ވިދާޅުވަނީ، މިއީ ޙަސަން ދަރަޖައިގެ ޙަދީޘެއް ކަމަށެވެ.)

މިޙަދީޘް ޝަރަޙަ ކުރައްވަމުން، ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް މިފަދައިން ޢަމަލުކުރެއްވިކަމުގެ މިސާލުތައް ގެންނަވައި، ފަޟީލަތުއް ޝައިޚް އިބްނު ޢުޘައިމީން ރަޙިމަހުﷲ، ޝައިޚުގެ ފޮތް "ފަތުޙު ޛުލް ޖަލާލި ވަލް އިކްރާމް" ގައި ޛިކުރުކުރައްވާފައިވެއެވެ.  ﴿ وَقُل رَّبِّ اغْفِرْ وَارْحَمْ وَأَنتَ خَيْرُ الرَّاحِمِينَ ﴾ سورة المؤمنون-118

މާނަ: "ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ރައްބެވެ! މިއަޅާއަށް ފާފަފުއްސަވައި ރަޙުމަތް ލައްވާނދޭވެ! އިބައިލާހީ، ރަޙުމަތް ލައްވާ، އެންމެހެޔޮ އިލާހެވެ." ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މިއާޔަތް ކިޔަވާ ވިދާޅުވާނަމަ، اللهم ارحمنا "ޔާ ﷲ، މިއަޅާ އަށް ރަޙުމަތް ލައްވާންދޭވެ." މިފަދައިން ވިދާޅުވެ ދުޢާ ކުރައްވަތެވެ. އަދި ﴿ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ﴾ سورة المؤمنون-118

މާނަ: " އަދި، އަޅަމެންނަށް ޢަފޫ ކުރައްވާނދޭވެ! އަދި، އަޅަމެންނަށް ފާފަފުއްސަވާނދޭވެ!" ޤުރްއާނުގައި ވާ މިދުޢާ ކިޔަވާ ވިދާޅުވާ ހިނދު، އާމީން ވިދާޅުވައެވެ.

އަދި ﴿ قُلْ هَلْ نُنَبِّئُكُم بِالْأَخْسَرِينَ أَعْمَالًا﴾﴿ الَّذِينَ ضَلَّ سَعْيُهُمْ فِي الْحَيَاةِ الدُّنْيَا وَهُمْ يَحْسَبُونَ أَنَّهُمْ يُحْسِنُونَ صُنْعًا ﴾﴿ أُولَـٰئِكَ الَّذِينَ كَفَرُوا بِآيَاتِ رَبِّهِمْ وَلِقَائِهِ فَحَبِطَتْ أَعْمَالُهُمْ فَلَا نُقِيمُ لَهُمْ يَوْمَ الْقِيَامَةِ وَزْنًا ﴾﴿ ذَٰلِكَ جَزَاؤُهُمْ جَهَنَّمُ بِمَا كَفَرُوا وَاتَّخَذُوا آيَاتِي وَرُسُلِي هُزُوًا ﴾ سورة الكهف-103-106

މާނަ: "ކަލޭގެފާނު ވިދާޅުވާށެވެ! ޢަމަލުތައް އެންމެބޮޑަށް ގެއްލެނިވެގެންވާ މީހުންގެ ޚަބަރު، ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އަންގަވައިދެއްވަން ހެއްޔެވެ؟ (103) އެއުރެންނަކީ ދުންޔަވީ ޙަޔާތުގައި، އެއުރެންގެ ޢަމަލުތައް ބާޠިލްވެ، ގެއްލިފައިވާ މީހުންނެވެ. އަދި އެއުރެން ރަނގަޅަށް ކަންތައްކުރާކަމަށް އެއުރެން ހީކުރެތެވެ. (104) އެއުރެންނަކީ، އެއުރެންގެ ވެރި އިލާހުގެ އާޔަތް ތަކަށާއި، އެއިލާހާ ބައްދަލުވާންޖެހޭނެކަމަށް ކާފިރު ވި މީހުންނެވެ. ފަހެ، އެއުރެންގެ ޢަމަލުތައް ބާޠިލްވެފައިވެއެވެ. ފަހެ، ޤިޔާމަތް ދުވަހުން އެއުރެންނަކަށް (އެބަހީ: އެއުރެންގެ ޢަމަލު ތަކަކަށް) ތިމަންއިލާހުގެ އެއްވެސް ބަރުދަނެއް ނުލައްވާހުށީމެވެ. (105) އެއީ އެއުރެންގެ ޖަޒާއެއްކަމުގައިވާ ނަރަކައެވެ. އެއީ އެއުރެން ކާފިރުވެ އަދި ތިމަންރަސްކަލާނގެ އާޔަތްތަކާއި، ތިމަންރަސްކަލާނގެ ރަސުލުންނީ ފުރައްސާރައެއް ކަމުގައި ހެދިކަމަށްޓަކައެވެ. (106)" މިހިސާބަށް ކިޔަވާ ވިދާޅުވުމަށްފަހު، نعوذ بالله من ذلك "އެކަމުން ﷲ ގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ." ނުވަތަ نعوذ بالله أن نكون منهم "އެބައި މީހުންގެ ތެރެއިން މިއަޅާ ނުލެއްވުމަށް އެދި ﷲ ގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ." މިފަދައިން ދުޢާ ކުރަވަތެވެ.

މިހާހިސާބުން އުފެދޭ ސުވާލަކީ، : މިފަދައިން ދުޢާކުރުން ވަނީ ހަމައެކަނި ސުންނަތް ނަމާދުގައިތޯ؟ ނުވަތަ ފަރުޟު ނަމާދު ތަކުގައި ވެސް މިފަދަ އާޔަތްތަށް ކިޔެވުމަށްފަހު ދުޢާ ކުރެވިދާނެތޯ؟

މިމަސްއަލަޔާ މެދު ޢިލްމުވެރިން މެދުގައި ރައުޔު ތަފާތުވެފައިވެއެވެ. މި މައްސަލާގައި އިމާމް ޝާފިޢީގެ ރަޢުޔަކީ ސުންނަތް ނަމާދު ތަކާއި ފަރުޟު ނަމާދު ތަކުގައިވެސް އެފަދައިން ދުޢާ ކުރެވިދާނެކަމެވެ. ނަމަވެސް ގިނަ ޢިލްމުވެރިން ދެކިލައްވާ ގޮތުގައި މައިގަނޑު ތިން ސަބަބަކާ ހުރެ މިފަދައިން ދުޢާކުރުން ވަނީ ހަމަ އެކަނި ސުންނަތް ނަމާދު ތަކުގައެވެ. އެބަހީ ފަރުޟު ނަމާދު ތަކުގައި މިފަދައިން ދުޢާ ކުރުމެއް ނުވެއެވެ.

ފުރަތަމަ ސަބަބު: ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ފަރުޟު ނަމާދު ތަކުގައި މިފަދައިން ދުޢާ ކުރެއްވި ކަމަށް ވާރިދު ވެފައެއް ނެތެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ އެކަލޭގެފާނު ފަރުޟު ނަމާދުގައި ކުރެއްވި ކަމަށް ޘާބިތު ނުވާ ކަމެއް ނުކުރުމެވެ.

ދެވަނަ ސަބަބު: ފަރުޟު ނަމާދު ތަކުގައި މިފަދައިން ދުޢާ ކުރާނަމަ، ނަމާދު ވަރަށް ދިގުވެގެން ދިއުން އެކަށީގެން ވެއެވެ. ފަހެ ނަމާދު މާ ބޮޑަށް ދިގުވާނަމަ، މައުމޫމުންނަށް އެކަމުގެ ސަބަބުން އުނދަގޫ އިޙުސާސުވުން އެކަށީގެން ވެއެވެ.

ތިންވަނަ ސަބަބު: މިބާބުގައި ރިވާވެގެން އައިސްފައިވާ ރިވާޔަތްތަކުގައި ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް މިފަދައިން ދުޢާ ކުރެއްވިކަމަށް ވާރިދުވެފައިވަނީ ދަމު ނަމާދުގައެވެ. އަދި އެކަލޭގެފާނު ފަރުޟު ނަމާދެއްގައި އެފަދައިން ދުޢާ ކުރެއްވިކަމަށް އެއްވެސް ޞަޙީޙު (ޞައްޙަ) ޙަދީޘަކުން އެނގޭކަށް ނެތެވެ.

ކޮންމެއަކަސް މިކަމަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުން އެކަމަކާމެދު ވަރަށް ބޮޑަށް ޣާފިލުވެފައިވާ ވަރަށް މަތިވެރި ސުންނަތެކެވެ. އެހެންކަމުން މިސުންނަތް ދިރުވުމަށް އަތުކުރިއޮޅާލަމާތޯއެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.