މާދަމާއިން ފެށިގެން އެޕޮއިންޓަމްންޓް ނުހައްދާ އެސްޓަރަޒެނެކާ ވެކްސިން ޖަހަން ހުޅުވާލައިފިއެވެ.

އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނީ މާލެ ސަރަހައްދުން އެސްޓްރަޒެނެކާ ވެކްސިން ޖަހާ ހުރިހާ ސެންޓަރަކުން ވެސް މާދަމާއިން ފެށިގެން އެޕޮއިންޓަމްނަޓް ނުހައްދާ ގޮސް ވެކްސިން ޖެހޭނެ ކަމަށެވެ.

Ad
rt

އެކަމަކު އެޕޮއިންޓްމަންޓް ހަމަޖައްސާފައި ތިބި މީހުންނަށް އެ އުސޫލުގެ ތެރެއިން ވެކްސިން ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނެފައިވެއެވެ.

އެޗްޕީއޭއިން މިގޮތަށް އިއުލާންކުރި އިރު އެސްޓަރަޒެނެކާ ވެކްސިން ޖެހުން ކުރިއަށްގެންދަނީ އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށެވެ. ސަރުކާރުން އަމާޒު ހިފާފައި ވަނީ މި މަސް ނިމުމުގެ ކުރިން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ ތެރެއިން 90 އިންސައްތަ މީހުން ވެކްސިން ފުރިހަމަ ކުރުމަށެވެ.

އެގޮތުން އަންނަ މަހު 1 ވަނަ ދުވަހުން ފެށިގެން ވެކްސިން ނުޖަހާ މީހުންނަށް ބައެއް އާންމު ހިދުމަތް ހޯދުމާއި، ވަޒީފާއަށް ނުކުތުމުގައި ވެސް ޝަރުތުތަކެއް ކަނޑައެޅުމަށް ވަނީ ނިންމާފައެވެ.

ރާއްޖެއިން މިހާތަނަށް ޖުމްލަ 329،403 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާއިރު އޭގެ ތެރެއިން 282،653 މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.