ސްޓެލްކޯއަށް އިންޑަސްޓްރިއަލް ވިލެޖުން ދީފައި އޮތް ބިމުގައި ހުރި މުދާ ނަގައިގެން މާލެ ސިޓީ ކައުންސިލުން ނަގާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ސްޓެލްކޯއިން މިއަދު ބުނީ ސިޓީ ކައުންސިލުން ނަގާފައިވަނީ އެ ކުންފުނީގެ ބިމުގައި ހުރި ފެންސުތަކެއް ކަމަަށެވެ. އެ ފެންސުތައް މިހާރު ސިޓީ ކައުންސިލުން ބޭނުންކުރަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެމުން ސްޓެލްކޯގެ އޮފިޝަލަކު ބުނީ ސިޓީ ކައުންސިލުން އެ ކުންފުނީގެ މުދާ ނެގީ ކުންފުންޏަށް އެންގުމަކާ ނުލައި ކަމަށެވެ. އޭނާބުނިގޮތުގައި އެ ބިމުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ބަހައްޓާފައި ހުރި ތަކެތިވެސް ވަނީ ގެއްލިފައެވެ.
“އަޅުގަނޑުމެން މިތާނގައި ފެންސް ޖަހައި ސެކިއުރިޓީ ކެމެރާ ހަރުކުރުމަށް ބޭނުންވާ އިންފްރާ ސްޓްރަކްޗާވެސް ގާއިމު ކުރިން. ނަމަވެސް މި ބަންދުގެ ތެރޭގައިއަޅުގަނޑުމެންނަށް ފާހަގަ ކުރެވުނީ މިތަނުގަ ހުރި ފެންސުތައް ކަނޑާ ނަގާފައި، ޓިނުތައް ނައްޓައި ހޮޅިތަކާ އެއްޗެހި ނަގައި އެ އެއްޗެހިތައް ބޭނުން ކޮށްގެން މާލެ ސިޓީކައުންސިލުން ވަނީ މި ބިމާ ޖެހިގެން އޮތް ބިމުގައި ފެންސް ޖަހައި ނިންމާފައި،” އޭނާ ބުންޏެވެ.
މި މައްސަލަ ސްޓެލްކޯއިން މިހާރު ވަނީ ފުލުހަށް ހުށަހަޅައިފައެވެ.
ސްޓެލްކޯއަށް އިންޑަސްޓްރިއަލް ވިލެޖުން ބިމެއް ދީފައިވަނީ 2016ވަނަ އަހަރު ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން 21000 އަކަފޫޓުގެ ބިމެއް އެ ކުންފުންޏަށްވަނީ ދީފައެވެ.
މިއީ ބެކަޕް ޕަވާ ހައުސް އަކާއި ބެކަޕް ބެޓަރީ ސްޓޯރެޖެއް ގްރިޑް ޕްރޮޖެކްޓުގެ ދަށުން ތިލަފުއްޓާއި މާލެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅުވާލަން ބޭނުންވާ 132 ކިލޯވޯޓުގެސަބްސްޓޭޝަން ހަދަން ސްޓެލްކޯއަށް ދީފައިވާ ބިމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!