ކުޅުދުއްފުށީ ސިޓީގެ އިހްތިސާސްގެ ތެރޭގައި ކުނބުރުދޫ ހިމަނާނަމަ އަތޮޅުގެ ބަސް ހޯދަންވާނެ ކަމަށް ވައިކަރަދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ހދ. ކުނބުރުދޫ ނުވަތަ ހދ. ކޭލަކުނުން ކުރެ ކޮންމެވެސް އެއް ރަށެއް ކުޅުދުއްފުށި ސިޓީގެ އިހްތިސާސްގެ ތެރޭ ހިމަނައިދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ ދަންނަވާފައެވެ.

Ad
rt

މެންބަރު ނާޒިމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، އެ ނިންމުން ނިންމަންވާނީ ހދ. އަތޮޅު އެހެން ރަށްރަށުގެ ބަހާއި، ހދ. އަތޮޅު ކައުންސިލްގެ ބަސް ހޯދުމަށް ފަހުގައި ކަމަށެވެ. އަތޮޅުގެ ބަސް ނުހޯދާ ކުނބުރުދޫ ކުޅުދުއްފުށީ ސިޓީގެ އިޚްތިސާސްގެ ތެރޭ ހިމަނާނަމަ އެއީ ކަންބޮޑުވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ހދ. އަތޮޅުގެ ބަހެއްނެތި އެ ނިންމުން ނިންމައިފިނަމަ އެއީ ހދ. އަތޮޅު ކައުންސިލްގެ ބާރު ކަނޑުވާލުން ނޫންތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

މިކަމާއި ގުޅުވައިގެން ކްލަބް ހައުސްގައި ރޭ ވަނީ ޚިޔާލު ފާޅުކުރުމުގެ ބައްދަލުވުމެއްވެސް ކުރިއަށް ގެންގޮސްފައެވެ.

ކުޅުދުއްފުށީ ސިޓީގެ އިޚްތިސާސްގެ ތެރެއަށް ކުނބުރުދޫ ހިމަނައި ދިނުމަށް އެދިފައިވާއިރު، މިކަމާއި ގުޅިގެން ބައެއް މީޑިއާތަކާއި ވާހަކަ ދައްކަވަމުން ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވަނީ، ކުޅުދުއްފުށީ ސިޓީއަކީ މިހާރު ބިމުގެ ގޮތުން ވަރަށް ބޮޑަށް ދަތިވެފައި އޮތް ސިޓީއެއްކަން ފާހަގަ ކުރަށްވައި، ހާއްސަކޮށް ސިނާއީ މަސައްކަތްތައް ކުރުމަށާއި އަދި ދަނޑުވެރިކަން ނުވަތަ ޓުއަރިޒަމްގެ ނަފާ ހޯދަން ބެލިކަމުގައި ވީނަމަވެސް ދެވޭނެ ބިމެއް އެ ސިޓީގައި ނެތްކަން ފާހަގަ ކުރަށްވާފައެވެ.

ހދ. ކުނބުރުދޫ ނުވަތަ ހދ. ކޭލަކުނުން ކުރެ ކޮންމެވެސް އެއް ރަށެއް ކުޅުދުއްފުށި ސިޓީގެ އިހްތިސާސްގެ ތެރެޔަށް ލައިދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އަރިހުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ދެންނެވީ ނިމުނުމަހު މެދުތެރޭ ރައީސް ޞާލިޙް އެ ސިޓީއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލު ކުރުމުގައެވެ. ތިމާވެށީގެ ގޮތުން ހިމާޔަތްކުރެވިފައިވާ ކޭލަކުނު އެ ސިޓީގެ އިހްތިސާސްގެ ދަށަށް ގެންދިޔުމުގައި ދަތިތަކެއް ހުންނާނެކަމަށް ރައީސް ޞާލިޙް ވިދާޅުވިކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.

ކުޅުދުއްފުށީ ސިޓީގެ އިހްތިސާސްގެ ދަށަށް ކުނބުރުދޫ ލައިފިނަމަ އެ ސިޓީގެ ބިމުގެ ދަތިކަން ހައްލުވެގެންދާނެކަމަށާއި އަތޮޅުގެ ރަށްރަށަށް ހުޅުވާލައިގެން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށްވެސް މޭޔަރު ވަނީ ވިދާޅުވެފައެވެ. އަދި އެ ސިޓީގެ އިހްތިސާސްގެ ދަށަށް އެއިން ރަށަށް ގެނެވުނު ނަމަވެސް އެރަށެއް ބާއްވާނީ ހދ. އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންނަށް ވެސް ބޭނުން ކުރެވޭހެން ކަމަށް މޭޔަރު ވަނީ ވިދާޅުވެފައެވެ.