ކަނޑައެޅިފައިވާ ސުންގަޑިއަށް ރަށްރަށުގެ ތަރައްޤީގެ ޕްލޭންތައް ނުނިމިއްޖެނަމަ ދެން ވާނީ ކިހިނެތް؟

05285DC5-3778-406F-9772-84F34DAD6A9E

ޢަލީ ހާޝިމް

ޢަލީ ހާޝިމް

ހއ ދިއްދޫ ކައުންސިލްގެ ކުރީގެ ރައީސް

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އެންމެ ފަހުން ގެނެވުނު 8 ވަނަ އަދި 9 ވަނަ އިޞްލާޙާއެކު ރާއްޖޭގެ ރަށްރަށުގެ ކައުންސިލްތަކަށް މިހާރު ވަނީ މީގެ ކުރިން ދުވަހަކު ވެސް ނުލިބޭހާ ގިނަ ބާރުތަކަކާއި ބޮޑެތި އިޚްތިޔާރުތަކެއް ލިބިފައެވެ.

އެ ރަށެއްގެ ތަރައްޤީއާއި ހިންގުމުގެ ހުރިހާ ކަމެއްގައި ފުރިހަމައަށް ބައިވެރިވުމާއި، ބަސްކިޔުމާއި ގޮތް ނިންމުމުގެ ތަނަވަސް ފުރުޞަތު ވެސް ރަށްރަށުގެ ކައުންސިލްތަކަށް ލިބިފައެވެ. މީގެ އިތުރުން، ރަށް ކުރިއަރުވާނެ ގޮތާއި، ރަށުގެ ބިމާއި އިޚްތިޞާޞް ހިނގާ ސަރަހައްދުތައް ބޭނުންކުރާނެ ގޮތް ކަނޑައެޅުމާއި އެ ކަމުގެ ޕްލޭންތައް އެކަށައަޅައި ޗާޓުތަކާއި ކުރެހުންތައް ކުރެހުމުގެ މަގު ވެސް ފަހިވެފައެވެ.

ލާމަރުކަޒީ ޤާނޫނުގެ 1-107 ވަނަ މާއްދާއާއި 2-107 މާއްދާގައި ބުނެފައިވާ ގޮތުން، މިހާރު އިންތިޚާބުވެފައިވާ ކައުންސިލްތަކުގެ މެމްބަރުން، އެ މީހުންގެ މަޤާމާ ޙަވާލުވާ ދުވަހުން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި، އެ ރަށެއްގެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއެކު އެ ރަށެއްގެ ތަރައްޤީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން (ނުވަތަ ރަށުގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން) ތައްޔާރުކޮށް، ސަރުކާރުގެ ކަމާ ބެހޭ އިދާރާ (ލޯކަލް ގަވަރމެންޓް އޮތޯރިޓީ ނުވަތަ އެލްޖީއޭ) އަށް ހުށަހަޅަން ޖެހެއެވެ. މި ގޮތުން މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު ފެށުނީ 17 މޭ 2021 ގައި ކަމަށްވާތީ، އެ ތާރީޚުން ފެށިގެން 3 މަސް ދުވަސް ހަމަވާނީ 16 އޮގަސްޓް 2021 ގައެވެ.

މި ދެންނެވުނު ތަރައްޤީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން ތަންފީޒުކޮށް، އެ ޕްލޭންތަކަށް ޢަމަލުކުރަން ފަށާނެ ގޮތުގެ އިޖްރާޢަތު ވެސް ލާމަރުކަޒީ ޤާނޫނުގެ އިސްވެ ދެންނެވުނު މާއްދާތަކުގައި ކަނޑައަޅާފައިވެއެވެ. އެއީ، އެލްޖީއޭއަށް ޕްލޭންތައް ހުށަހެޅުމަށް ފަހު އެ ތަނުން ޕްލޭންތައް ފާސްކޮށް، އޭގެ ފަހުން ރައްޔިތުންގެ ބައްދަލުވުމެއް ބާއްވައި، އެ ބައްދަލުވުމަށް ވެސް މި ޕްލޭންތައް ހުށަހަޅައި އެ ބައްދަލުވުމުގައި ވެސް މި ޕްލޭންތައް ފާސްކޮށްގެންނެވެ. އެހެންކަމުން ޙަޤީޤަތުގައި މި އެކުލަވާލެވޭ ޕްލޭންތަކަށް ޙަޤީޤީ ދިރުން އަންނަ ހިސާބަކީ މި ދެންނެވި ރައްޔިތުންގެ ބައްދަލުވުމުގައި ޕްލޭން ފާސްކުރާ ހިސާބުންނެވެ.

މިހާރު ހިނގަމުން މިދާ ކައުންސިލްތައް ހުވާކުރުމާއެކު އެލްޖީއޭއިން ވަނީ ތަރައްޤީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތަށް އަމާޒުކޮށް މުޅި ރާއްޖޭގެ ހުރިހާ ކައުންސިލަރުންނަށް ޚާއްޞަ ތަމްރީން ޕްރޮގްރާމްތަކާއި ސެމިނަރތައް ބާއްވައި މި ކަމަށް ކައުންސިލަރުން ތަމްރީންކޮށްފައެވެ. އަދި ސީދާ މި ކަމަށް ޚާއްޞަކޮށް 20 ޖޫން 2021 ގައި ވަރަށް ތަފްޞީލީ އަތްމަތީ ފޮތެއް ވެސް ޝާއިޢުކޮށް ޢާންމުކޮށްފައިވެއެވެ.

މި ކަންކަން މިހެން ހިނގަމުންދިޔައިރު، ރާއްޖޭގެ ގިނަ ރަށްރަށް ކޮވިޑް19 އާ ގުޅިގެން މޮނިޓަރިންގ އަށް ލެވި ނުވަތަ ރަށް ބަންދުކުރަން ސަބަބުން ރައްޔިތުންނަށް އެއްތަންވެ ޖަލްސާކުރުމުގެ ފުރުޞަތު އޮތީ ވަރަށް ބޮޑަށް ހަނިވެފައެވެ. އެހެންވެ ރައްޔިތުންގެ ޚިޔާލު ފުޅާދާއިރާއެއްގައި ހޯދުން ވީ ދަތިކަމަކަށެވެ. ނަމަވެސް، ސޯޝަލް މީޑިއާގެ ޢާއިލާއަށް އެންމެ ފަހުން އިތުރުވި ކްލަބްހައުސްއާ އެކު ބައެއް ރަށްރަށުގެ ކައުންސިލްތަކުން ނުހަނު އަވަހަށް އޭގެ ބޭނުން ހިފަން ފަށައި، ރެއާއި ދުވާލު ތަރައްޤީގެ ޕްލޭންތަކަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ފޯރަމްތައް ބާއްވައި، މި މަޝްވަރާތައް މެކުހަށް ގެންދަން ފަށައިފިއެވެ. އަދި ނުހަނު ފޯރީގައި ތަރައްޤީގެ ޕްލޭންތައް އެކުލަވާލުމައި 17 އޮގަސްޓް 2021 ގެ ސުންގަޑިއަށް އެ ޕްލޭންތައް ނިންމައި އެލްޖީއޭއަށް ހުށަހެޅުމުގެ މަސައްކަތް ވެސް ބާރަށް ކުރިއަށް އެބަ ގެންދެއެވެ.

މި ހިސާބުން އުފެދޭ ސުވާލަކީ، މި ގޮތަށް މަސައްކަތް ނުކުރާ ރަށްރަށުން، ނުވަތަ ސުންގަޑިއަށް ޕްލޭންތައް ނުނިންމައި އަދި އެލްޖީއޭ ހުށަނާޅާ ރަށްރަށަށް ވާނީ ކިހިނެތްތޯއެވެ؟

ޕްލޭންތައް ނިންމުމަށް އިތުރު ވަގުތު ދެވޭކަށް ޤާނޫނީ ގޮތުން އަދި ފުރުޞަތެއް ނެތް

ލާމަރުކަޒީ ޤާނޫނުގެ 1-107 ވަނަ މާއްދާގައިވާ ގޮތުން މި ޕްލޭންތައް ނިންމައި ސަރުކާރުގެ ކަމާ ބެހޭ އިދާރާއަށް ހުށަހަޅަން ޖެހެނީ ކައުންސިލަރުން މަޤާމާ ޙަވާލުވާ ތާރީޚުން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައެވެ. އެހެންކަމުން، އެ މުއްދަތުގައި އެކަން ނުކޮށްފިނަމަ، އިތުރު މުއްދަތެއް ދެވިދާނެތޯ ނުވަތަ ނޫންތޯ މިއީ އުފެދޭ ސުވާލެކެވެ. މި ކަމުގައި ޤާނޫނުގައި ވަކި އެއްޗެއް ބުނެފައި ނެތުމުން، ނުވަތަ އެ ފަދަ އިޚްތިޔާރެއް އެއްވެސް ފަރާތަކަށް ދީފައި ނެތުމުން، އެ ފަދަ ފުރުޞަތެއް އެލްޖީއޭ އިން ކައުންސިލްތަކަށް ދެވިދާނެ ކަމަކަށް ނުފެނެއެވެ. އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުން މި މާއްދާ އިޞްލާޙުކުރައްވައިފިނަމަ، އެ ފުރުޞަތު ދެވިދާނެއެވެ. އެހެންކަމުން، ބުއްދިވެރި ގޮތަކީ ކަނޑައެޅިފައިވާ ތާރީޚަށް ޕްލޭންތައް ނިންމައި އެލްޖީއޭއަށް ހުށަހެޅުމެވެ.

ރަށުގެ ތަރައްޤީއަށް އެޅޭ ހުރަހެއް

ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިޞްލާޙާއެކު މި ލިބުނު ބޮޑު އިޚްތިޔާރުތަކާއި ބާރުގެ ރަމްޒަކަށްވާނީ، ރަށްރަށުގެ ރައްޔިތުންގެ ބައިވެރިވުމާއެކު އެ ރަށެއްގެ ކައުންސިލުން އެ ރަށެއްގެ ތަރައްޤީގެ ތަޞައްވަރު ނުވަތަ މި ޕްލޭން އެކަށައަޅައި އެ ގޮތަށް ރަށުގެ ކަންކަން ހިންގައި ތަރައްޤީކުރަން ފެށުމެވެ. އެހެންވެ، މި ޕްލޭން ނުހަދައިފިނަމަ، ނުވަތަ ނުނިންމައިފިނަމަ، އެ ރަށެއްގެ ރައްޔިތުން އެ ރަށުގެ ތަރައްޤީއަށްޓަކައި އެދޭ ކަންކަމަކީ ކޮބައިތޯ ދެނެގަތުމަށް ސަރުކާރަށް ދަތިވާނެއެވެ. އެހެންވެއްޖެނަމަ، ސަރުކާރުން އެ ރަށްރަށުގެ ތަރައްޤީއަށް ޕްރޮޖެކްޓްތައް ކަނޑައަޅައި ބަޖެޓްކުރުމަށް ވެސް ދަތިވާނެއެވެ. މީގެ އާޚިރު ނަތީޖާއަކަށްވާނީ އެ ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ހުރަސް އެޅިގެން ދިޔުމެވެ.

އަތޮޅު ކައުންސިލަރުންނާއި މަޖިލިސް މެމްބަރުންގެ މަސައްކަތަށް ދަތިތަކެއް ކުރިމަތިވުން

ތަރައްޤީގެ ޕްލޭންތަކަކީ އަތޮޅު ލެވެލްގައި އަދި މަޖިލިސް މެމްބަރުންގެ ލެވެލްގައި ވެސް ނުހަނު މުހިންމު އެއްޗެކެވެ. އެހެނީ މި ފަދަ ޕްލޭނެއް ފައިނަލްކުރެވިފައި އޮވެއްޖެނަމަ އަތޮޅު ކައުންސިލަރުންނާއި ދާއިރާގެ މަޖިލިސް މެމްބަރުންނަށް ވެސް އޭގައިވާ ކަންކަން ހޯދަން މަސައްކަތްކުރެވޭނެއެވެ. އަދި އެކަމަށް ވަކާލާތުކޮށް ލޮބީކުރުމުގެ ފުރުޞަތު ވެސް އޮންނާނެއެވެ. ނަމަވެސް އެ ފަދަ ޕްލޭނެއް ނެތް ނަމަ، އެ އަތޮޅު ކައުންސިލަރަކު ނުވަތަ މެމްބަރަކު ތަމްޞީލްކުރާ ދާއިރާ ނުވަތަ ރަށުގެ ރައްޔިތުން އެދޭ ކަންކަން ހޯދަން މަސައްކަތްކުރުމުގައި ފަސޭހައެއް ނުވާނެއެވެ. އަދި ރަށެއް ތަރައްޤީކުރުމުގައި މިސްރާބެއް، ހުންގާނެއް ނޯންނާނެއެވެ.

ދައުލަތުގެ ބަޖެޓްގައި ރަށަށް ހުންނަ ތަރައްޤީގެ ކަންކަން މަދުވުން

ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކަކީ ކަމާ ބެހޭ މިނިސްޓްރީތަކުގެ ބަޖެޓްތަކުގައި ޖަހައިގެން، އެ މިނިސްޓްރީތަކުން ފިނޭންސް މިނިސްޓްރީއަށް ފޮނުވައިގެން އޭގެ ފަހުން ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފާސްކޮށް އޭގެ ފަހުން ހިންގާ މަޝްރޫޢުތަކެކެވެ. ރަށެއްގެ ތަރައްޤީގެ ޕްލޭން އެކުލަވާލެވިފައި ނެތް ކަމަށްވާނަމަ، އެ ރަށެއްގައި ކުރާނީ ކޮންކޮން ކަންތައްތަކެއްތޯ ދެނެގަންނަން ލައިން މިނިސްޓްރީތަކަށް ދަތިވާނެއެވެ. އަމުދުން ރަށުގެ ކައުންސިލާއި، އެލްޖީއޭ އަދި ރައްޔިތުން އެންޑޯޒްކޮށްފައިވާ އެ ފަދަ ޕްލޭނެއް ނެތް ނަމަ، އެ ރަށުގެ ތަރައްޤީއަށް ކުރަންވީ ކަންކަން އޮންނާނީ ސުވާލު މާކެއްގެ ތެރޭގައެވެ.

މިނިސްޓްރީތަކަށް ވެސް ބަޖެޓް ލިބެނީ ވަކި ލިމިޓަކަށެވެ. އެހެންވެ، އެ ފަދަ ޕްލޭނެއް އޮތް ރަށަކަށް އިސްކަން ދެވި އެ ރަށްރަށުގެ ކަންކަން ލައިން މިނިސްޓްރީތަކުގެ ބަޖެޓުން، ފިނޭންސް މިނިސްޓްރީގެ ތެރެއިން މަޖިލީހަށް ދާ ދައުލަތުގެ ބަޖެޓްގައި ހިމެނުމުގެ ފުރުޞަތު ވަރަށް ބޮޑެވެ. އެ މަގުން ނުދާ ރަށްރަށަށް އެ ފުރުޞަތު ކުޑަވުމަކީ ހަމަ ތަބީޢީ ކަމެކެވެ.

ކައުންސިލްތަކުގެ މަސައްކަތް ވެސް ނިޒާމުން ނެއްޓި ހާވިޔާވެގެން ދިޔުން

ރަށެއްގެ ތަރައްޤީގެ ޕްލޭނެއް އެކުލަވާނުލައިފިނަމަ، ދެން އެ ރަށެއްގައި އެ ރަށެއްގެ ކައުންސިލުން ކުރާނީ ކޮން ކަމެއްތޯއެވެ؟ ހަމަގައިމު ވެސް ހަރުދަނާކޮށް، ރަނގަޅު ގޮތުގައި ވަކި އަމާޒެއް އޮވެގެން ރަށުގެ ތަރައްޤީއަށް ކުރާނެ މާ ގިނަ ކަންތައްތަކެއް ހުންނާނެތޯއެވެ؟ ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކާއި، ތަރައްޤީގެ ކަންކަން އޮންނާނީ ނޭނގުމެއްގެ ތެރޭގައެވެ. އެ ކައުންސިލެއްގެ ކައުންސިލަރުންނާއި މުވައްޒަފުން ދަތުރުކުރާނެ ވަކި އަމާޒެއް، ތަޞައްވަރެއް ވެސް އޮންނާނެތޯއެވެ؟ އެހެންކަމުން، މި ޕްލޭން ނުނިންމައިފިނަމަ، އެ ކައުންސިލެއްގެ ހިންގުމާއި މަސައްކަތްތައް އޮންނާނީ އެއްވެސް ތަރުތީބެއް ނެތި، ނިޒާމުން ނެއްޓި، ހާވިޔާވެފައެވެ. ކައުންސިލަރުންނަށް ބަރާބަރަށް މުސާރަ ލިބިދާނެއެވެ. އެހެންނަމަވެސް، ރަށަށް ތަރައްޤީގެ މަގުގައި މާ ގިނަ ކަންކަން މި ދައުރުގެ ތެރޭގައި ވާނެހެންނެއް ހިއެއް ނުވެއެވެ.

މި ކަންކަން މިހެން ހުރުމާއެކު، ކޮންމެ ކައުންސިލަކުން ވެސް ސަމާލުކަން ދޭންވީ، ކުރެވެން އޮތް އެންމެ ރަނގަޅަށް، އަދި ޓެކްނޮލޮޖީގެ ބޭނުން ވެސް ހިފައިގެން ރައްޔިތުންނާ ފުޅާދާއިރާއެއްގައި މަޝްވަރާކޮށް، 16 އޮގަސްޓް 2021 ގެ ސުންގަޑިއަށް ރަށުގެ ތަރައްޤީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން ނިންމުމަށެވެ.

މިހާރު މި ހިނގަމުންދާ ކައުންސިލްތަކުގެ ދައުރަކީ 5 އަހަރު ކަމަށްވާއިރު، ކައުންސިލްތަކުގެ ބާކީ އޮތް 4 އަހަރާއި 9 މަސް ދުވަހު ރަނގަޅަށް، ހަރުދަނާ އަދި ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް އެދެވޭ މަސައްކަތްތަކެއް ކުރެވޭނީ އޭރުންނެވެ.

މި ކަން ނުކޮށްފިނަމަ އެއީ ޙަޤީޤަތުގައި މި ނިޒާމުން ލިބުނު ބާރާއި އިޚްތިޔާރު ވެސް ބޭނުންކުރަން ނޭނގުމެވެ. މި ނިޒާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވެން އޮތީ މި އިޚްތިޔާރުތަކުގެ އެދެވޭ ބޭނުން ހިފައި ރަށް ކުރިއަރައިގެން ދިޔުމުގެ ފުރުޞަތުތައް ޙަޤީޤަތަކަށް ހަދައި ނަތީޖާ ދެއްކޭ މިންވަރެއްގެ މައްޗަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.