އޮލިމްޕިކްސްއާއެކު ޓޯކިޔޯގައި ކޯވިޑް ކޭސްތައް އިތުރުވާން ފަށައިފި

AFE78971-BDDD-415A-9435-AEC11FA2E7E1

ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ކުރިއަށްދާ އޮލިމްޕިކްސް ގޭމްސް އާއެކު އެ ސިޓީން ރެކޯޑު އަދަދަކަށް ކޯވިޑް-19ގެ ކޭސްތައް ފެނިއްޖެއެވެ.

އެ ސިޓީން އިއްޔެ ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުގައި އިއްޔެ 2،848 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިއީ މިއަހަރުގެ ޖެނުއަރީގެ ފަހުން އެ ސިޓީން ޕޮޒިޓިވްވިމީހުންގެ ރެކޯޑެކެވެ.

ޓޯކިޔޯއިން ކޯވިޑަށް ޕޮޒިޓިވްވި ޖުމްލަ އަދަދު ދެލައްކައަށްވުރެ މައްޗަށް އަރާފައިވާއިރު އޮލިމްޕިކްސް ފެށުމުގެ ކުރިން ތަޖުރިބާކާރުން ވަނީ އެ ކުޅިވަރުތައް ފެށުމުން ކޮވިޑްގެ ޑެލްޓާ ވޭރިއަންޓްގެ ކޭސްތައް ގިނަވެ އިތުރު ރާޅެއް އަންނާނެ ކަމުގެ އިންޒާރު ދީފައެވެ.

ކޯވިޑާ ގުޅިގެން ޓޯކިޔޯގައި ހަތަރު ފަހަރަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރިއެވެ. އެ ހާލަތުގައިވެސް އޮލިމްޕިކްސް ބާއްވަމުންދާތީ ގައުމުގެ ބައެއް މީހުން ދަނީސަރުކާރާއި މެދު ނުރުހުން ފާޅުކުރަމުންނެވެ. އެ މީހުން ބުނާގޮތުގައި ގައުމުގެ ސިއްހަތަށް ބެލުމަށްވުރެ އޮލިމްޕިކްސްއަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން މާ ބޮޑެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހިޑޭ ސުގާ ވިދާޅުވީ އޮލިމްޕިކް ގޭމްސް ސަސްޕެންޑުކުރުމާ މެދު ވިސްނަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އޮލިމްޕިކްސްއާ ގުޅިގެންޓްރެފިކް ބެލެހެއްޓުން އިތުރުކުރުމާއި ގޭގައި ތިބެގެން މަސައްކަތްކުރުމަށް ސަރުކާރުން އަންގާފައި އޮތުމުން މާ ގިނަ މީހުން ބޭރު ތެރެއަށް ނުކުމެ ނޫޅޭ ކަމަށްވެސް އޭނާވިދާޅުވިއެވެ.

ޖަޕާނުން އިއްޔެއާ ހަމަޔަށް ރިޕޯޓް ކޮށްފައިވަނީ 870،445 ކޭސްއެވެ. އެގައުމުން ކޮވިޑުގައި މަރުވީ 15،129 މީހުންނެވެ.

ޖަޕާނު ސަރުކާރުން ބުނެފައިވާ ގޮތުގައި އެގައުމުގައި މިހާތަނަށް އާބާދީގެ 25.5 އިންސައްތަ މީހުން ވަނީ ކޯވިޑް ވެކްސިން ފުރިހަމަކޮށްފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *