ދަނޑުވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށް ކުރެވިދާނެ 6 ކަމެއް

ފޮޓޯ: ޕީއެސްއެމް
ފޮޓޯ: ޕީއެސްއެމް

ދަނޑުވެރިކަމަކީ މިހާރުވެސް ގިނަ އަދަދެއްގެ ދިވެހީން އާއްމުދަނީ ހޯދުމަށް ކުރަމުން އަންނަަ މަސައްކަތެކެވެ. އަދި ޖުމްލަ ޤައުމީ ޢާއްމުދަނީގައި މުހިއްމު ޙިއްޞާއެއް އޮންނަ އިޤްތިޞާދީ މަސައްކަތެކެވެ.

ނަމަވެސް އަބަދުވެސް ދަނޑުވެރީންގެ ޝަކުވާތަކެއް ހުރެއެވެ. ސަރުކާރުން އަޅައިނުލާ ވާހަކައެވެ. ކައުންސިލްތަކުން ސަމާލުކަމާއި އެހީތެރިކަން ނުލިބޭ ވާހަކައެވެ. މިކަންކަން މިހެންހުރިކަމުގައި ވިޔަސް ދަނޑުވެރިކަން މިހާރަށްވުރެ ރަނގަޅަށް އަދި ބޮޑު ނަފާއެއް ލިބޭގޮތަށް އަޅުގަނޑުމެން ދަނޑުވެރީންނަށް ކުރެވިދާނެ ގޮތްތަކެއް އެބަހުއްޓެވެ.

ޚަރަދާއި ކުރާ ހޭދަ ޙިއްޞާކުރުން

ކޮންމެ ދަނޑެއްގައިވެސް ކެޕިޓަލް ޚަރަދުތަކެއް ހުރެއެވެ. މިސާލަކަށް ފެންޕަންޕު، ފެންވަޅު، ގުދަން، ގާޑިއާ، ބަރޯ އަދި ގެންގުޅޭ އާލާތްތައް ފަދަ ތަކެއްޗެވެ.

ބޭރު ގައުމެއްގައި އޮލަނބަށް ކަރާ ހައްދާފައި

އަޅުގަނޑުމެންގެ ނަފާ އިތުރުކުރުމަށް އެންމެންނަށް ބޭނުން ހިފޭނޭ މިފަދަ ޢާޢްމު ވަޞީލަތްތައް ޖެހިޖެހިގެން އޮންނަ ދަނޑުވެރީން ގުޅިގެން ޤާއިމް ކޮށް ޚަރަދު ޙިއްޞާ ކުރެވިދާނެއެވެ. މުޑުވަށް ގަތުމަށް ކުރާ ޚަރަދާއި ގެރިގުއި ފަދަ އެއްޗެހި ގަތުމާއި އުފުލުމުގެ ޚަރަދުވެސް އެންމެންގެ މެދުގައި ޙިއްޞާކުރެވިދާނެއެވެ.

ޓާގެޓް ކަނޑައެޅުން

އުފައްދާ ބާވަތްތަކުން ވަކި މުއްދަތެއްގެ ތެރޭގައި އުފައްދާނެ އަދަދު ނުވަތަ ކިލޯ ޓާގެޓްގެ ގޮތުގައި ކަނޑައެޅުމަކީވެސް ލިބޭ ނަފާ ބޮޑުވެ ކުރާ ހޭދަ ބޭކާރުވެގެން ދިޔުން މަދުވާނެ ކަމެކެވެ. މިގޮތަށް ޓާގެޓް ކަނޑައަޅާއިރު ކުރިއަށް އޮތް މޫސުމާއި ދުވަސްވަރުގައި ޙާލަތު އޮންނާނޭ ގޮތް އަންދާޒާކުރަން ޖެހެއެވެ.

ކާށިދޫ ދަނޑެއް

މުޑުވަށްކުރުމުގައި އެކި ސެޓްސެޓަށް މުޑުވަށްކުރުމަކީ ވެސް އުފެއްދުންތެރިކަން އިތުރުކޮށްދީ ނަފާ ބޮޑުކޮށްދޭނެ ކަމެކެވެ. އަދި ހަމައެގޮތަށް ހޭދަ، ޚަރަދު، އާއްމުދަނީއާއި ފައިދާގެ އަންދާސީ ޓާގެޓްތަކެއްވެސް ހުންނަން ޖެހެއެވެ.

ފައިސާގެ ހިސާބު ކިތާބު ބެލެހެއްޓުން

ކުރެވޭ ހޭދައާއި ޚަރަދު އަދި ލިބޭ އާއްމުދަނީ ފޮތެއްގައި ނުވަތަ ކޮމްޕިއުޓަރުގައި ލިޔެ، ސާފު ފައިދާގެ މިންވަރު ރެކޯޑުކޮށް ކުރިއެރުން އަންނަ ވަރު ބަލައި ވަޒަންކުރަންޖެހެއެވެ. މި ވަޒަންކުރުމަށް ބަލައި އަރަނި އިތުރުކުރުމަށް ބަދަލުގެންނަންޖެހޭ ދިމަދިމާ ފާހަގަކޮށް އެ ދިމަދިމާ ރަނގަޅުކުރުމަށް މަސައްކަތްކުރަން ޖެހެއެވެ.

ކާށިދޫގައި ލެޓިއުސް ހައްދާފައި

މާރކެޓާ ގުޅުން ބަދަހިކުރުން

ޝައްކެތްނެތް ގޮތުގައި ދަނޑުވެރިކަމުގެ ނަފާ ގުޅިފައިވަނީ މާރކެޓާއެވެ. އެހެންކަމުން ދަނޑުވެރިން ނަފާ އިތުރުކުރުމަށް މާރކެޓާ ރަނގަޅު ގުޅުމެއް އުފައްދައި ބާއްވަންޖެހެއެވެ. މާރކެޓަކީ ރަށް ނުވަތަ އަތޮޅު ނުވަތަ މާލޭ ލޯކަލް މާރުކޭޓް ނުވަތަ ކައިރީގައި އޮންނަ ރިޒޯޓް އެކަނި ކަމުގައި ދެކިގެނެއް ނުވާނެއެވެ.

ރާއްޖޭގެ ކަރާ ދަނޑެއް

މިސާލަކަށް، ލާމު އަތޮޅުގެ ދަނޑުވެެރިންނަށް ހުވަދޫ، ފުވައްމުލައް އަދި އައްޑޫއަކީވެސް އަތްފޯރާފަށުގައި އޮތް މާރކެޓްތަކެވެ. ގިނަ މާރކެޓްތަކަށް ފަރިތަވާންޖެހޭ ސަބަބުތަކެއް ހުރެއެވެ. އެންމެ މުހިއްމު ސަބަބަކީ އެދަނޑުވެރިޔަކު އުފެއްދި ތަކެތި ވިއްކައި ހުސްކޮށްލުމެވެ. ދެވަނަ ސަބަބަކީ ދަނޑުވެރިޔާ އަތުން ތަކެތި ގަންނަ ފަރާތަށް މެދުކެނޑުމެއްނެތި ތަކެތި ފޯރުކޮށްދިނުމެވެ.

ތަޖްރިބާ ބަދަލުކުރުން

ދިވެހި ދަނޑުވެރީން އެމީހުން ދަނޑުވެރިކަން ކުރަމުންދާއިރު ކުރާ ރަނގަޅު އަދި ނުރަނގަޅު ތަޖްރިބާތައް އެކަކު އަނެކަކާ ހިއްސާކުރަން ޖެހެއެވެ. މިސާލަކަށް ވަކި ބައްޔެއް ގަސްތަކަށް ޖެހުމުން އެކަމަށް ފަރުވާ ހޯދިގޮތް އެ ބަލި ތަޖުރިބާކުރާ އަނެއް ދަނޑުވެރިޔާއަށް ހެޔޮ ނިޔަތުގައި ކިޔައިދޭން ޖެހެއެވެ. އެހެން ނޫންކަމަށްވާނަމަ ތިމާގެ ދަނޑުއޮތް ސަރަހައްދުގައި އެބަލި މާބޮޑަށް ފެތުރި އެންމެފަހުން ތިމާގެ ދަނޑުންވެސް ބަލި ފިލުވައިލަން އުނދަގޫވާ ހިސާބަށް ކަންކަން ހިނގައިދާނެ އެވެ. ހަމަ މިގޮތަށް ކާނާއާ ބެހޭ މަޢުލޫމާތާއި ގަސް ހައްދާއިރު ގަސްތަކަށް އަޅައިލުމަށް ކުރަންޖެހޭ ކަންކަމުގެ މަޢުލޫމާތުވެސް ދަނޑުވެރީން އެކަކު އަނެކަކާ ބަދަލުކުރަން ޖެހެއެވެ.

ގަސް އިންދާ ހައްދާގޮތް ބަދަލުކުރުން

ރާއްޖޭގެ ގިނަ ރަށްރަށުގައި ދަނޑު ހައްދަން އޮންނަ ބިން މިހާރު ދަނީ ކުޑަވަމުންނެވެ. އަދި ދަނޑުތަކަށް ޖެހޭ ބަލިތައްވެސް ދަނީ އިތުރުވަމުންނެވެ. އެހެންކަމުން ކުޑަ ބިންކޮޅެއްގައި ވީހާވެސް ބަލި ނުޖެހޭގޮތަށް ދަނޑުވެރިކަން ކުރުމުގެ ވައްޓަފާޅިތައް ތަޢާރަފްކޮށް ބޭނުންކުރަން ފަށަން މިހާރު ވެއްޖެއެވެ.

ދިވެހި ޒުވާނެއްގެ މަސައްކަތް

ފުރަތަމަ ބޮޑު ހޭދައެއް ކުރަންޖެހުނު ނަމަވެސް ފެނާއި ބޮނބިކުނޑި ފަދަ ފަދަ ތަފާތު މީޑިއަމްތައް ބޭނުންކޮށްގެން އަދި އޮޓޯޕޮޓާއި ޑްރިޕް ސިސްޓަމްތަކާއި ގްރީން ހައުސްތަކުގައި އޮލަނބަށް ގަސް ހެއްދުން ފަދަ ތަފާތު ނިޒާމުތަކާއި ގޮތްތައް ބޭނުންކުރަން ފަށަން މިވަނީ ޖެހިފައެވެ. ބޭނުމަކީ ބިން އަދި ބަލިތައް މެނޭޖްކުރަން ފަސޭހަކޮށް ވީހާވެސް ނަފާ ބޮޑުކުރުމެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *