ނަމުން ލާމަރުކަޒީ، އަމަލުން ތޮއްޖައްސާ ހިޖުރަކުރަން މަޖުބޫރުވާ ނިޒާމެއް!

Male' Maldives

ދިވެހިރާއްޖެ ލާމަރުކަޒީ ކުރާ ވާހަކައަކީ އަބަދުވެސް އަޑު އިވެމުންދާ ވާހަކައެކެވެ. މިކަމާއި ގުޅިގެން ސަރުކާރުތަކުން ރާއްޖެ ލާމަރުކަޒީ ކުރުމަށް އެކި ޕޮލިސީތައް އެކުލަވާލައި މަސައްކަތްކުރާތާ މިވަނީ ދުވަސްތަކެއް ފާއިތުވެގެން ގޮސްފައެވެ. މި ލިއުމުގައި މި ބަލައިލަނީ ލާމަރުކަޒީ ޕޮލިސީތަކުން ހާސިލުކުރަން ބޭނުންވާ އަސްލު މަޤުސަތުތަށް ހާސިލު ކުރުމަށް، ލާމަރުކަޒީ ކުރުމުގެ ޕޮލިސީއަށް ގެނެވިދާނެ އިތުރު ބަދަލުތަކާއި އަދި އެ ބަދަލުތައް ގެންނައިރު ފޯކަސް ކުރަންވީ ބައިތަކަށެވެ.

ރާއްޖެ ލާމަރުކަޒީ ކުރުމަށް ކޮށްފައިވާ މަސައްކަތްތަކާއި އެކުވެސް، އަދިވެސް ރާއްޖޭގައި ދަނީ މަރުކަޒީ އުސޫލުތައް ބާރަށް ފެތުރެމުންނެވެ. ރާއްޖޭގެ ގިނަ ޚިދުމަތްތަކެއް ވެރިރަށް މާލޭ ސިޓީއަށް ޖަމާކޮށްފައި އޮތުމުގެ ސަބަބުން އަތޮޅުތަކުގެ ޒުވާނުންނާއި މަސައްކަތް ކުރާ އުމުރުގެ މީހުންގެ އިތުރުން ކިޔަވާ ކުދިން އަތޮޅުތަށް ދޫކޮށް އަންނަނީ މާލެއަށް ޖަމާވަމުންނެވެ.

އަދި އެ މީހުންނަށް ލިބޭ ދަރިން ވެސް ގިނަ ފަހަރު އުފަންވެ ހެދި ބޮޑުވަނީ އެތަނުގައެވެ. އާހިރުގައި ރަށްފުށުގައި ތިބެނީ އުމުރުން ދުވަސްވީ މަދު ފަރާތްތަކެކެވެ. މިހެންވުމުގެ ސަބަބުން އަތޮޅުތަކުގެ އާބާދީ ދަނީ ދުވަހަކަށްވުރެ ދުވަހެއް މަދުވަމުންނެވެ. މިފަދަ ސަބަބުތަކާއި ގުޅިގެން ގިނަބަޔަކު މާލެ ސަރަހައްދުގައި ދިރިއުޅެމުން ދިޔުމާއިއެކު ރާއްޖޭގެ ނިސްބަތުން ގެދޮރު އެންމެ ގިނައިން އިމާރާތް ކުރެވެމުން ދަނީ ވެސް މާލެ އަދި ހުޅުމާލޭގައެވެ.

ރާއްޖޭގެ އާބާދީ މާލެ ސަރަހައްދަށް ޖަމާވެ އަތޮޅުތަކުގެ އާބާދީ މަދުވުމުގެ ސަބަބުން އަތޮޅުތަކުގެ ވިޔަފާރިތަކަށް ހަޤީޤީ މަންފާ ލިބުމަށް ދަނީ ހުރަސް އެޅެމުންނެވެ. އަތޮޅުތަކުގެ އާބާދީ މަދުވެ އަތޮޅު ހޮސްޕިޓަލްތަކާއި ކުލިނިކްތަކުން ޑޮކްޓަރުންނަށް ބޮޑު މުސާރަދީ އެކަށީގެންވާ ޚިދުމަތެއް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށް ބޮޑު ގޮންޖެހުމެއް ވަނީ ކުރިމަތިވެފައެވެ. އަތޮޅުތެރޭ ސްކޫލުތަކުގައި ކިޔަވާ ކުދިންގެ އާބާދީ މަދުވި ނަމަވެސް އެ ކުދިންނަށް ވެސް ގިނަ ޓީޗަރުން ހޯދައި އެ ޓީޗަރުންގެ ހުރުމަށާއި މުސާރައަށް ދައުލަތުން ބޮޑު ހަރަދުކޮށް ޚިދުމަތް ދޭންޖެހުމުން އެކަންވެސް ޚަރަދުގެ ގޮތުން ބަލާނަމަ ފެންނަން އޮތީ ބުރަ ބޮޑުކޮށެވެ.

ހުއްޓުމެއްނެތި މާލެ ސަރަހައްދުގެ އާބާދީ ދަނީ ހަލުވިކަމާއިއެކު އިތުރުވަމުންނެވެ. ސްޓެސްޓިކްސް ބިއުރޯ އިން ލަފާ ކުރާ ގޮތުގައި ކުރިއަށް އޮތް ވިހި ނުވަތަ ތިރީސް އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅުތަކެއް އެއްކޮށްލުމުން ވެސް، މާލެ ސިޓީގެ އާބާދީއާއި ނުބައްދަލު ވާނެއެވެ.

މިކަމުން ފެންނަނީ، ލާމަރުކަޒީ ކުރުމަށް، ކުރަމުން އަންނަ މަސައްކަތްތަކާއި އެކުވެސް، އޭގެ އަސްލު މަޤުޞަދު ހާސިލުވަމުން ނުދާކަމެވެ. ފެންނަނީ ހަމަ އިތުރަށް މަރުކަޒީ ވަމުން ދާތަނެވެ. ސަރުކާރުން ވެސް އަދި ރައްޔިތުން ވެސް ރާއްޖެ ލާމަރުކަޒީ އުސޫލުން ހިންގުމަށް ބޭނުންވެއެވެ. އެކަމަކު އެކަށީގެންވާ ނަތީޖާ ނުފެންނަކަމީ ސާފުކޮށް ފެންނަން އޮތް ހަޤީޤަތެވެ. އޭގެން އެނގިގެން ދަނީ މިހާރު ލާމަރުކަޒީ ކުރުމަށް އެކުލަވާލާފައިވާ ޕޮލިސީތަކުން އެދެވޭ ނަތީޖާ ނުނިކުންނަ ކަމެވެ. ޕޮލިސީ ލެވެލްގައި ވެސް މައްސަލަތަކެއް ހުރިކަމެވެ.

ރާއްޖެ ލާމަރުކަޒީ ކުރުމާއިމެދު ވާހަކަ ދައްކާއިރު، ގިނައިން ވާހަކަ ދެކެވޭތަން ފެންނަނީ އިންވެސްޓްމެންޓާއި ޑިވެލޮޕްމެންޓް ގެ ވާހަކައެވެ. ރާއްޖޭގެ އަތޮޅުތަކުގައި ދިރިއުޅޭ މީހުންނަށް ވެސް، މާލޭގައި އުޅޭ މީހުންނެކޭ އެއްވަރަކަށް، ރަނގަޅު ރިސޯރސް އާއި ވަޒީފާ އާއި ތަޢުލީމާއި އެހެނިހެން ޚިދުމަތްތައް ބޭނުންވެއެވެ. ނަމަވެސް މިކަންކަން ހާސިލްވުމަށް މުހިއްމު ދެ ފެކްޓަރ އެއް ބޭނުންވެއެވެ. އިންވެސްޓްމެންޓް އެންޑް ޑިވެލޮޕްމެންޓަކީ އޭގެން އެއްބައެވެ. އަނެއް ބަޔަކީ އާބާދީ އާއި ހިޖުރަކުރުމެވެ.

ވަޒީފާއާއި ތަޢުލީމާއި އަދި އެހެނިހެން ޚިދުމަތްތަކުގެ އިތުރުން ރިސޯރސް، އިންފްރަސްޓްރަކްޗަރ އަދި ފެސިލިޓީސް، މިހުރިހާ ކަމެއް ހޯދުމަށްޓަކައި އަތޮޅުތަކުން މާލެއަށް ބަދަލުވުން އަދިވެސް އޮތީ މަޖުބޫރީ ހާލަތެއްގައެވެ. އަތޮޅުތަކުގެ އާބާދީ މަދުވާވަރަކަށް، އަތޮޅު ތަކުގައި ބޮޑެތި އިންވެސްޓްކޮށް ޚިދުމަތްތައް ޤާއިމް ކުރުން މި އޮންނަނީ ފައިސާގެ ގޮތުން ބަލާއިރު ދައުލަތަށް ފޫނުބެދޭވަރު ބޮޑު ޚަރަދެއްގެ ގޮތުގައެވެ. މިހެންވުމުގެ ސަބަބުން ދެމެހެއްޓެނިވި ގޮތުގައި ރަނގަޅު ޚިދުމަތްތަކެއް އަތޮޅު ތަކުގައި ޤާއިމްކޮށް ޚިދުމަތް މި އޮންނަނީ ފޯރުކޮށް ނުދެވިއެވެ.

ރާއްޖެ ލާމަރުކަޒީ ކުރުމަށް އެކުލަވާލެވިފައިވާ ޕޮލިސީތަކުގެ ތެރެއިން ނަތީޖާ ނުނެރެވޭނަމަ ރާއްޖޭގެ ގިނަ މީހުން ކުއިއަށް އޮތްތަކުނުގައި ވެސް ދަނީ މާލެ ސަރަހައްދަށް ބަދަލު ވަމުންނެވެ. ކުރިން ދެންނެވުނު ފަދައިން އަތޮޅުތަކުގަ ދެމި ތިބި މީހުން ގެ އަދަދު ހަމަ ދާނީ މަދުވަމުންނެވެ.

ރާއްޖެ ލާމަރުކަޒީ ކުރުމުގެ ޕޮލިސީގައި ހުންނަންވާ ސިފަތަކަށް ނަޒަރެއް ހިންގާލާއިރު ފުރަތަމަ ކަމަކީ، މީހުން އަތޮޅުތަކުގައި ތިބުމަށް، ނުވަތަ މާލެއިން ރަށަށް އެނބުރި ދާން ބޭނުން ވާ ނަމަ ދިއުމަށް މަގުފަހި ކޮށްދިނުމެވެ. މިގޮތުން ރަށަށް ދާ ފަރާތްތަކަށް އަމިއްލައަށް ރަގަޅަށް އުޅެވޭނެ ގޮތް ސަރުކާރުން ހަމަ ޖައްސައިދީ ގެރަންޓީ ކޮށްދިނުމެވެ. ދިމާވާ މައިގަނޑު ދަތިތަކަށް ހައްލެއް ވެސް މިއާ އެއްކޮށް ގެނެސްދިނުމެވެ. ވަޒީފާ ގެރަންޓީކޮށް ހަމަޖައްސައި ދިނުމެވެ. ރަށްފުށުގައި ސަރުކާރުގެ މިނިސްޓްރީތައް ނުވަތަ މިނިސްޓްރީގެ ޑިޕާޓްމެންޓްތައް ޤާއިމްކޮށް އެތަންތަން މާލޭގެ މައި އޮފީހާއި ގުޅާލައިގެން ހިންގުމެވެ.

ކޮންމެ ކަމެއްގެ ތެރެއަށް ސަރުކާރުން ނުވަދެ ޕްރައިވެޓްކޮށް ހިންގުމާއި އަދި ވިޔަފާރިތަކުގެ ބައިވެރިވުން ހޯދައިގެން ކުރިއަށް ދިޔުމުގެ ޕްލޭންތަކެއް އެކުލަވާލައި ތަންފީޒުކުރުން މަސައްކަތް ކުރުމަކީ ވެސް ރަނގަޅު ވިސްނުމެއް ކަމަށް ފެނެއެވެ.

ކޯވިޑް-19 އިން އަޅުގަނޑުމެންނަށް ދަސްވެފައިވަނީ މިކަމެވެ. ކޮންމެތާކު ބޮޑު އޮފީހެއް ނެތަސް އޮންލައިންކޮށް ވަރަށްގިނަ މަސައްކަތް އެބަޔަކު ތިބޭތަނެއްގައި ތިބެ ވެސް ކުރެވިދާނެކަމެވެ. ވުމާއިއެކު ރަށްފުށުގައި ތިބެގެންވެސް ލައްކަ ގިނަ ވަޒީފާ އަދާކުރެވިދާނެކަން މިއަދު ޤަބޫލުކުރަން މިވަނީ ފަސޭހަ ވެފައެވެ.

ލިއުނީ: ޒަޔާން ޝާފިއު

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *