މި އަހަރު ފެށުމަށް ހަމަޖެހިފައިވާ ޓޯކިޔޯ އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފު، ބެޑްމިންޓަނުން ވިދާލި ފާތިމަތު ނަބާހާ އަބްދުލް ރައްޒާގް (ނަބާ) އާއި ފެތުންތެރިޔާ މުބާލް އައްޒާމް އަށް ލިބިއްޖެ އެވެ.
މިންތީގެ ހަމަހަމަކަމަށް ތާއީދުކުރުމުގެ ގޮތުން މުޅިން އަލަށް މި ފަހަރުގެ އޮލިމްޕިކްސްގައި ދިދަ އުފުލުގެ ފުރުސަތު ކޮންމެ ގައުމަކުން އަންހެން އެތުލީޓަކާއި ފިރިހެން އެތުލީޓަކަށް ދޭން އިންޓަނޭޝަން އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ވަނީ ނިންމާފައެވެ.
ބުރާސްފަތި ދުވަހު ޓޯކިޔޯގައި ހުންނަ އޮލިމްޕިކް އެތްލީޓްސް ވިލެޖުގައި ބޭއްވި ހަފްލާއެއްގައި ނަބާ އަދި މުބާލް އާއި ވަނީ ދިވެހި ދިދަ ހަވާލު ކޮށްފައެވެ. ދިދަ ހަވާލު ކޮށްދެއްވާފައި ވަނީ ރާއްޖޭގެ އޮލިމްޕިކްސް ކޮމިޓީ (އެމްއޯސީ) ގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރު (ޗަމްޕީ) އެވެ.
މިފަހަރުގެ އޮލިމްޕިކްސްގައި ރާއްޖެއިން ވާދަކުރާނީ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލާ ނަބާ އާއި މުބާލްގެ އިތުރުން ދުވުންތެރިޔާ ހަސަން ސާއިދު އަދި ފެތުންތެރިޔާ އައިޝަތު ސާޖިނާއެވެ.
އޮލިމްޕިކްސްގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓުގެ މިފަހަރުގެ ޗެފް ޑި މިޝަނަރަކީ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަޙްމަދު މުންތަގިމް (މުންތޭ) އެވެ.
މާދަމާ ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ކޮންޓިންޖެންޓު ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު ޖަޕާނަށް ފުރާފައެވެ. 19 ޖުލައި ވީ ހޯމަ ދުވަހު އެމްއޯސީގެ ސެކެޓްރީ ޖެނެރަލް ތަމޫހް އަޙްމަދު ސައީދު ވަނީ ކޮންޓިންޖެންޓާ ގުޅުމަށް ޖަޕާނަށް ދަތުރު ކޮށްފައެވެ. އަދި 20 ވަނަ ދުވަހު އެމްއޯސީގެ ރައީސް ޗަމްޕީ ވެސް ވަނީ ޖަޕާނަށް ފުރާފައެވެ.
ރާއްޖެ ތަމްސީލްކުރުމަށް އޮލިމްޕިކްސް އޮފިޝަލެއްގެ ގޮތުގައި މި ފަހަރުގެ މުބާރާތުގައި ބައިވެރިވާނީ ތަޖުރިބާކާރު ބެޑްމިންޓަން އޮފިޝަލް އަހުމަދު ޝިހާމް (ޕުޗު) އެވެ.
މާދެމާއިން ފެށިގެން އޮގަސްޓް މަހުގެ 8 ވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދަން ހަމަޖެހިފައިވާ މި އޮލިމްޕިކްސް އަކީ 2020 ވަނަ އަހަރުގެ ގޭމްސް އެވެ. ކޮވިޑް-19 އާ ގުޅިގެން އައިއޯސީން ނިންމީ މި އަހަރަށް ގޭމްސް ފަސްކުރުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!