ނަވާރަ ވަނަ އޭޝިއަން އެޗްއާރު ލީޑާރޝިޕް އެވޯޑްސްގެ "އެވޯޑް ފޯ އިންސްޓިޓިއުޝަން ބިލްޑިން" ގެ ޝަރަފުވެރި އެވޯޑް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އަށްލިބިއްޖެއެވެ.

މި އެވޯޑަކީ ސްޓެލްކޯއިން 72 އަހަރުގެ ހިދުމަތުގެ ރެކޯޑު އޮތުމާއެކު ކުންފުނި ކުރިއަރާ ގޮސްފައިވާ ގޮތާއި، ކަސްޓަމަރުންނަށް ދެމުންގެންދާ ހިދުމަތްތަކާއި، ހޯދަމުންދާކުރިއެރުންތަކަށް ބިނާކޮށް ދީފައިވާ އެވޯޑެކެވެ.

Ad
rt

އެގޮތުން މާލޭގެ އާބާދީއާއި، އުމްރާނީ ތަރައްގީއާއި އެއްކޮށް އަންނަމުންދާ ހިފެހެއްޓުމެއްނެތް ކަރަންޓުގެ ޑިމާންޑަށް ކޭޓާކުރުމަށް ސްޓެލްކޯއިން ނަމޫނާ ދައްކާފައިވާތީއާއި، ޖާގައިގެ ދަތިކަމާއެކުވެސް، ސްޓެލްކޯއަށް ލިބިފައިވާ ބިމުގެ އެކި ދިމަދިމާލުގައި ޖަނަރޭޓަރު ބަހައްޓައިގެން އެއަރަމުންދިޔަ ޑިމާންޑަށް ކޭޓާ ކުރުމަށް ކޮށްފައިވާ މަސައްކަތް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން މީހުން ބިނާ ކުރުމުގެ ރޮނގުން ސްޓެލްކޯއިން ކުރަމުންދާ ފުރިހަމަ މަސައްކަތްތަކާއި، ކޮވިޑްގެ ހާލަތުގައި ވަޒީފާގެއްލިފައިވާ ފަރާތްތަކަށް އެހީތެރިވުމުގެގޮތުން ދުވަހު މުސާރައަށް މިނިވަން މަސައްކަތްތެރިންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލުމާއި، ޕެރޯލްގައި ތިބި ބައެއް ފަރާތްތައް ރަނގަޅުގޮތުގައިއަނބުރާ މުޖުތަމައުއަށް ނިކުތުމަށް އެހީތެރިވުމަށް ސްޓެލްކޯގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމާއި، ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ކުންފުނީގައިއަދާކުރެވިދާނެ ފަދަ ވަޒީފާތައް އެފަދަ ފަރާތްތަކަށް ތަނަވަސްކޮށްދިނުމުގެ އިތުރުން، ކުންފުނީގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަކީ ދިވެހިންނަށްވުމަކީވެސް މިއެވޯޑު އެ ކުންފުންޏަށް ލިބުނު ސަބަބެކެވެ.

ސާދަ ކިލޯވޮޓްގެ ޖަނަރޭޓަރަކުން ފަށައި، 200 މެގަވޮޓާއި ގާތްކުރާ އަދަދެއްގެ ކޮމްބައިންޑް ކެޕޭސިޓީއެއް ސްޓެލްކޯއިން ވަނީ ގާއިމްކޮށްފައެވެ. އަދި ކުންފުންޏަށް އިތުރުއާމްދަނީ ހޯދުމުގެ ގޮތުން، އިސްތިހާރު ކުރުމަށް ރާއްޖޭގެ އެންމެ ބޮޑު އެއް ސްކްރީން (ސްޓެލްކޯ މާޓީވީ) ބެހެއްޓުމާއި، ސްޓެލްކޯ ސޭލްސް ސެންޓަރުގެ ހިދުމަތާއި،ސޯލާ ޕެނަލް ވިއްކުމަށް ހުޅުވާފައިވާ ސްޓެލްކޯ ގްރީންލައިފް ސޯލާ ސެންޓަރާއި، ސްޓެލްކޯ ގްރީންލައިފް ބަސް ސްޓޮޕާއި، ސްޓެލްކޯ ފްލޯޓިންގ ސޯލާ ޕޮޑްގެ އިތުރުން،ކަސްޓަމަރުންނަށް އެންމެ ހެޔޮއަގުގައި ބޯފެން ފޯރުކޮށްދިނުމަށް "ސްޓެލްކޯފެން" ވެސް ވަނީ ބާޒާރަށް ނެރެފައެވެ.

މީގެ އިތުރުން ކޮވިޑްގެ ހާލަތުގައި ކުންފުނީގެ ހިދުމަތް މެދުނުކެނޑި ދީފައިވާއިރު، މުވައްޒަފުންގެ ރައްކާތެރިކަމާއި، ކަސްޓަމަރުންގެ ރައްކާތެރިކަމަށް މަސައްކަތް ކޮށް،މުޅި ކުންފުނީގެ ހުރިހާ ހިދުމަތެއް ބައިނަލް އަގުވާމީ މިންގަނޑު އައި.އެސް.އޯ 9001:2015 އަށް ސެޓިފައި ކުރުމުގެ އިތުރުން ސްމާޓްމީޓަރާއި، ސްމާޓް ގްރިޑްފަދަކުރިއަރާފައިވާ ޓެކްނޮލޮޖީތައް ބޭނުންކުރަން ގިނަ މަސައަކަތްތަކެއް ސްޓެލްކޯއިން ވަނީ ކޮށްފައެވެ.

ނަވާރަ ވަނަ އޭޝިއަން އެޗްއާރު ލީޑާރޝިޕް އެވޯޑްސްގެ "އެވޯޑް ފޯ އިންސްޓިޓިއުޝަން ބިލްޑިންގ" ގެ އެވޯޑް ސްޓެލްކޯއަށް ލިބިފައިވާއިރު، މި ކުންފުންޏަށް 2019 ވަނައަހަރު މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު ކުންފުނީގެ އެވޯޑާއި، ސީއެމްޑީއިން ދޭ ކޯޕަރޭޓް ގަވަރނެންސް އެންމެރަނގަޅު ކުންފުންޏަށްދޭ "ސީޖީ އެފޯޓްސް އެވޯޑް" އާއި، އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްސްގެ އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑާއި،“ޑްރީމް ކޮމްޕެނީސް ޓު ވޯކް ފޯ" އެވޯޑް ވެސް ވަނީ ލިބިފައެވެ.