ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހިންގާ ސުޕަމާޓުގެ އެކި ބައިތައް ކުދި ވިޔަފާރިތަކަށް ކުއްޔަށްދެމުންދާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި، އަމްރު ވިދާޅުވީ ސުޕަމާޓުގެ ހުރިހާ ފްރީޒަރުތަކެއް މިހާރު ބޭނުން ކުރަނީ އަމިއްލަ ކުންފުންޏަކުން ކަމަށެވެ. އަދި ސުޕަމާޓުން ލިބެންހުންނަ ގަނޑުކުރި ތަކެތި މިހާރު ސަޕްލައިކޮށް ވިއްކާނީ އެކުންފުނިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Ad
rt

އަމްރު ވިދާޅުވިގޮތުގައި އެސްޓީއޯ އިން ފޯރުކޮށްދެނީ ތަނާއި މުވައްޒަފުން އެކަންޏެވެ. މިހިދުމަތްތަކާއެކުވެސް ކުދި ވިޔަފާރިތަކުން ދައްކަން ޖެހޭނީ ކުޑަ ކުއްޔެއް ކަމަށްއޭނާ ވިދާޅުވިއެވެ.

"ކުދި ވިޔަފާރިތަކުން އަޅުގަނޑުމެންނަށް ދައްކަން ޖެހޭނީ ކުޑަ ކުއްޔެއް. މިގޮތަށް ތަކެތި ވިއްކުމުން އެސްޓީއޯއަށް ނަގާނީ އެ ވިއްކާ ތަކެއްޗެއްގެ ކުޑަ ޕަސެމްޓެއް. އެސްޓީއޯއަށް ނަގާ ޕަސެންޓް ކަނޑައަޅާނީ އެ ވިއްކާ ތަކެއްޗާއި އެ ތަކެތީގެ ޑިމާންޑަށް ބެލުމަށްފަހު،" އަމްރު ވިދާޅުވިއެވެ.

މިގޮތަށް ކުއްޔަށް ހިފާ ވިޔަފާރިތަކަށް ކޮންމެ ދުވަހެއްގެ ސޭލްސް ނިމުމުން ސޭލްސްގެ މައުލޫމާތު އެ ކުންފުންޏަކާ އެސްޓީއޯއިން ހިއްސާ ކުރާނެއެވެ. އަދި ތަކެތި ވިއްކާއިރު، އެކަން ލައިވްކޮށް ކުންފުންޏަށް އެނގޭނެ އިންތިޒާމުތައްވެސް އެސްޓީއޯއިން ވަނީ ހަމަޖައްސާފައެވެ.

އަމްރު ވިދާޅުވީ އަމާޒަކީ ވަރަށް އަވަހަށް ހުރިހާ ބާވަތެއް ވިއްކަން އަމިއްަ ވިޔަފާރިތަކާ ހަވާލުކުރުން ކަމަށެވެ. އެގޮތުން، ސަރުކާރުގެ ކުންފުނިތައް ބޮޑެތި ވިޔަފާރިކުރާކުންފުނިތަކަށް ބަދަލުކުރުމުގެ ސިޔާސަތުގެ ދަށުން އެސްޓީއޯ އިން ކުރަމުން އަންނަ ވިޔަފާރިތަކުގެ ތެރޭގައި ހިމެނޭ އެސްޓީއޯ ސުޕަރމާކެޓާއި އެސްޓީއޯއިލެކްޓްރޯނިކްސް އަދި އެސްޓީއޯ ހޯމްއިމްޕްރޫވްމެންޓް ފަދަ ވިޔަފާރިތައް ކުދި ވިޔަފާރިތަކަށް ދޫކޮށްލުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެސްޓީއޯ އިލެކްޓްރޯނިކްސް މިހާރު ވަނީ ކުދި ވިޔަފާރިތަކާ ހަވާލު ކުރުމަށް ބަންދު ކޮށްފައެވެ.