ވަގުތުގެ ޖަޒުބާތުގައި ޖެހި، ކުރިމަގަށް ކަތި ފިޔަވަޅެއް އެޅެން ނެތް ކަމަށް ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ވިދާޅުވެއްޖެއެވެ.
މެންބަރު ޝަހީމް މިހެން ވިދާޅުވެފައި ވަނީ އޭނާ ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ ރައީސް، އަދި ކުރީގެ ރައީސް، މިހާރުގެ މަޖިލިސް ރައީސް މުޙައްމަދު ނަޝީދު އިދިކޮޅު ލީޑަރާއި އަދި އިދިކޮޅު ޕީޕީއެމްއާއި އެކު ކުރިއަށް ވަޑައިގަތުމުގެ ޝައުގު ފާޅުކުރައްވަމުން ގެންދަވަނިކޮށެވެ.
އިއްޔެ ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ރައީސް ނަޝީދު ފޮނުއްވެވި މެސެޖްތަކެއް ފެންނަ ސްކްރީން ޝޮޓްތަކެއް މީސް މީޑިއާގައި ދައުރުވެފައެވެ. އެ މެސެޖްތަކުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލީހްއާއިއެކު ސިޔާސީ ގޮތުން ހުރެވެން ނެތް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ޔާމީން އަބުދުލްޤައްޔޫމްގެ އެހީއަށް އެދިވަޑައިގަންނަވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނިކޮށް، މެންބަރު ޝަހީމް މިއަދު ކުރެއްވި ކުރު ޓްވީޓެއްގައި ވިދާޅުވީ، ވަގުތުގެ އަޖަލުގައި މުސްތަގުބަލަށް ކަތި ފިޔަވަޅެއް އެޅެން ނެތް ކަމަށެވެ.
Vaguthu ge ajaluga musthaqbalah kathi fiyavalheh elheykah neh.
— Abdulla Shaheem (@shaheeym) July 13, 2021
އިއްޔެ ދެއްކެވި ވާހަކަފުޅަށް ބާރުދޭ ފަދައަކުން ރައީސް ނަޝީދު މިއަދު ވަނީ ފުލުފުލުގައި ދެ ޓްވީޓެއް ވެސް ކުރަށްވާފައެވެ. ފުރަތަމަ ޓްވީޓްގައި ވިދާޅުވީ، އެމަނިކުފާނުގެ ހަމައެކަނި ވިސްނުމަކީ ރާއްޖެ ސަލާމަތް ކުރުންކަމަށާއި، އެމްޑީޕީއަށް އައު އިއްތިހާދެއް ބޭނުންވެފައިވާ ކަމަށެވެ.
އެ އިއްތިހާދު ވާންވާނީ އިންޑިއާ އައުޓްއޭ ނުގޮވާ، ނަފުރަތުގެ ބިލަށް ތާއީދުކުރާ އަދި ރަސޫލާއަށާއި، އިސްލާމް ދީނަށް ފުރައްސާރަ ނުކުރާ އިއްތިހާދަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދެވަނަ ޓްވީޓްގައި ވިދާޅުވީ، އެމްޑީޕީއާއި، ޕީޕީއެމްގެ ގިނަ މީހުން ތިބޭނީ އެއްގޮތަށް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި ރާއްޖެ އަފްޣާނިސްތާން ހާލަތަށް ދާން ގިނަ ދިވެހިން ބޭނުން ނުވާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!