ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ކޯ-ވޯކް ސްޕޭސްއެއް އިއްޔެ ހުޅުވައިފިއެވެ.

"ސީޑް ބައި ބީސީސީ"ގެ ނަމުގައި ހުޅުވި މި ވޯކް ސްޕޭސް އަކީ ފްރީލާންސަރުންނަށާއި އަލަށް ވިޔަފާރި ފަށާ މީހުންނަށް މަސައްކަތް ކުރާނެ މާހައުލެއް ހޯދައި ދިނުމަށްހުޅުވި ތަނެކެވެ.

Ad
rt

މި ވޯކް ސްޕޭސް ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ. މި ރަސްމިއްޔާތުގައި ޔޫއެންޑީޕީން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓްރެޕްރެޒެންޓޭޓިވް ވެރާ ހަކީމް އާއި ޖަޕާން އެމްބަސީގެ އިކޮނޮމިކް ކޯޕަރޭޝަން ހެޑް، ނައޯކޯ ޔުޒާވާ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ވޯކް ސްޕޭސަކީ އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމާ އެކު ޔޫއެންޑީޕީ އާއި ޖަޕާނު ސަރުކާރުގެ އެހީގައި ހުޅުވި ތަނެކެވެ. މިތަން ހުންނާނީ އޯކިޑު މަގުގައި ހުންނަބީސީސީގެ "އޯތެންޓިކް މޯލްޑިވްސް" ފިހާރަ ހުންނަ އިމާރާތުގައެވެ.

ބީސީސީން މި ވޯކް ސްޕޭސް ފަރުމާކޮށްފައި ވަނީ ތަފާތު މަސައްކަތްކުރާ މީހުންނަށް ބޭނުންވާ ވަސީލަތްތަކާ އެކު އެކުވެރި މާހައުލެއްގައި މަސައްކަތްކުރެވޭނެގޮތަކަށެވެ. އެ ތަނުގައި އެއް ފަހަރާ 30 މީހުންނަށް މަސައްކަތް ކުރެވޭނެ ކަމަށް ބީސީސީން ބުންޏެވެ.

މި ވޯކް ސްޕޭސްގައި މަސައްކަތްކުރަން ބޭނުންވާ މީހުންނަށް ގަޑިއިރަކަށް ނުވަތަ ހަފްތާއަކަށް ނުވަތަ މަހުފީ ދައްކައިގެންވެސް ބުކިން ހެއްދޭނެއެވެ. ބުކިން ހައްދަންޖެހޭނީ ބީސީސީގެ ވެބްސައިޓް މެދުވެރިކޮށެވެ. މިތަން ދޫކުރަނީ ވަރަށް ހެޔޮޮ އަގުތަކެއްގައި ކަމަށް ބީސީސީން ބުންޏެވެ.

ބީސީސީގެ މި ވޯކް ސްޕޭސްގައި ޕްރިންޓިން އާއި ސްކޭނިން އާއި ފޮޓޯ ކޮޕީގެ ހިދުމަތުގެ އިތުރުން ވައިފައި ވެސް ހުންނާނެއެވެ. އަދި ވިޔަފާރި ބައްދަލުވުންތަކަށް ހާއްސަމީޓިން ރޫމެއް ވެސް އެ ތަނުގައި ހުންނާނެއެވެ.